05 Dec 2021, 08:10
އޭނާ ދެފަރާތަށް ހޯދައިލަމުން އާހިލްގެ ނަންބަރަށް ގުޅައިލި ނަމަވެސް، އާހިލް ފޯނެއް ނުނަގައެވެ. ވެއިޓަރު އައުމުން ވެސް އޭނާ މީހަކަށް އިންތިޒާރުކުރަނީކަމަށްބުނެ މިންހާ އެދުނީ ފެންފުޅިއަކަށެވެ. އެތަނުގައި އިންނަތާ ބައިގަޑިއިރު ވީއިރުވެސް، އާހިލް ފޯނެއް ނުނަގައެވެ. މިންހާ ފެންކަޅިވާ ގޮތްވިއެވެ. އޭނާ ލޯ ފުހެލަމުން ގޮނޑިން ތެދުވެ ނުކުންނަން ހިނގައިގަތެވެ. އެއާއެކު އޭނާ މީހަކުގެ ގައިގައި އަޅައިގަތެވެ. އެމީހަކުގެ މޭގައި އަތް ޖައްސައިލެވުނު ގޮތުން އޭނާ ނުވެއްޓި ސަލާމަތްވިއެވެ. ފުރަަތަމަވެސް ނޭފަތުގައި ޖެހުނީ ފިރިހެން ސެންޓެއްގެ ވަހެވެ. އޭނާ ހަށިގަނޑު ސީދާކޮށްލަމުން އެމީހެއްގެ މޫނަށް ބަލައިލިއެވެ.
ހައިރާންކަމާއެކު، މިންހާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ކުރިމަތީގައި ހުރީ ޝިޒާންކަން އޭނާއަށް ގަބޫލުކުރަން އުނދަގޫވިއެވެ. ޝިޒާން މިތަނުގައި ކީއްކުރަނީހެއްޔެވެ؟ އަނެއްކާ އޭނާއަށް ފާރަލީހެއްޔެވެ؟ އޭނާ ގެއިން ނުކުތްކަން ޝިޒާންއަށް އެނގުނީ ކިހިނެއްހެއްޔެވެ؟ އޭނާ އައިއިރު ޝިޒާން ގެއަކު ނުވެސް ނެތެވެ. ވީއިރު މިތަނުން ޝިޒާން ފެންނަންވީ އެއްވެސް ސަބަބެއް، ވިސްނާ ވިސްނާވެސް މިންހާއަކަށް ނޭނގުނެވެ.
"މިންހާ!" ޝިޒާން މިންހާއަށް ގޮވައިލިއެވެ.
"ޝި... ޝިޒާން... މިތަނުގަ.. ކީއް... ކީއްކުރަނީ؟" މިންހާ ހާސްވީވަރުން، ވާހަކަވެސް ދެއްކުނީ އަޅައަޅައި ގަންނަމުންނެވެ.
"މިންހާ މިތަނުގައި ކީއްކުރަނީ؟ އަހަރެން ހީކުރީ މިންހާގެ އެއްވެސް އެކުވެރިއެއް މާލޭގައި ނުހުންނަކަމަށް." ޝިޒާން ފުންނަޒަރަކުން، މިންހާއަށް ބަލައިލަމުން ހިނިތުންވެލިއެވެ.
"އަހަރެން..." މިންހާ އަނެއްކާވެސް މަޑުޖެހިލިއެވެ. އޭނާއަށް ޝިޒާންއަށް ދޭނެ ޖަވާބެއް ނޭނގުނީއެވެ. ހާސްކަމާއެކު، މޫނުމައްޗަށް ވެއްޓުނު އިސްތަށިކޮޅު ކަންފަތް ދޮށަށް ލައްވައިލި މިންހާއަށް، ބަލަހައްޓައިގެން ޝިޒާންއަށް ހުރެވުނެވެ.
"އަހަރެން މިއައީ ކުއްޖަކާ ބައްދަލުކޮށްލަންވެގެން. އެ ކުއްޖާއަށް ނާދެވުނީމަ ވެސް ހިތަށް އެރީ ދެން ކޮފީއެއް ކަހަލަ އެއްޗެއް ބޮައިލައިގެންނޭ ދާނީ... މިންހާ ދާންތަ ތިދަނީ؟" ޝިޒާން ސުވާލުކޮށްލިއެވެ.
"އާނ. އާނ..." މިންހާއަށް އަވަސް އަވަހަށް ބުނެވުނެވެ.
"ބައްދަލުކުރަން އުޅުނު ކުއްޖާ ނައީތަ؟ އެކުވެރިއަކު ހުންނަނީތަ މާލޭގަ؟" ޝިޒާން އަނެއްކާވެސް ސުވާލުކޮށްލިއެވެ. އޭނާ މިންހާގެ ފަރާތުން ޖަވާބެއް ބޭނުންވާފަދައެވެ. އޭނާގެ އެ ސުވާލާއެކު، މިންހާ ހާސްވިކަން ޝިޒާންއަށް ދެނެގަނެވުނެވެ. އޭނާ ވަށައިގެން ރެސްޓޯރެންޓު ތެރެއަށް ބަލައިލަމުން އަނެއްކާވެސް ވާހަކަ ދެއްކީ މިންހާ އިތުރަށް އެއްވެސް އެއްޗެއް ނުބުނުމުންނެވެ.
"ހިނގާބަލަ އިށީނދެލަން ދާން." ޝިޒާން ބުނެލިއެވެ. ޝިޒާންއަށް ދެކޮޅު ހަދާފައި ދާކަށް މިންހާއަށް ނުކެރުނެވެ. އޭރު އޭނާގެ ހިތުގައި ނުތަނަވަސްކަމެއް ދައުރުވަމުންދިޔައެވެ. އެކަން އޭނާގެ މޫނުމައްޗަށް އަރާ ފައިބަމުންދިޔަ ކުލަވަރުތަކުން ދެނެގަނެވުނެވެ. އަނެއްކާ ޝިޒާން އާ އޭނާއާ ދެމީހުން ތިއްބާ އާހިލް އަތުވެއްޖެނަމަ ވާނީ ކިހިނެއްހެއްޔެވެ؟ އެ ދެމީހުން އެކުގައި ފެނުމުން އާހިލްގެ ހިތަށް އަރާނީ ކީކޭހެއްޔެވެ؟ އާހިލް ހީކުރާނީ ކީކޭ ހެއްޔެވެ؟ އޭނާ އާހިލް ގާތު ބުނެފައިވަނީ، އޭނާއާ ޝިޒާންއާ ދެމެދު އެއްވެސް ގުޅުމެއް ނެތްކަމުގައެވެ. އޭނާ ޝިޒާންގެ ޙަޔާތަށް އައީ ދުވަސްކޮޅެއްގެ މެހެމާނެއްގެ ހައިސިއްޔަތުންކަމެވެ. ވީހާވެސް އަވަހަކަށް ވަރިވެގެން އޭނާ އާހިލް ކައިރިއަށް ދާނެކަމުގައެވެ. އާހިލްއަށް އޭނާ އެގޮތަށް ފެނިއްޖެނަމަ، އާހިލް އޭނާއަށް ކުރި އިތުބާރު ގެއްލިދާނެއެވެ.
ޝިޒާން ގޮނޑި ދުރުކޮށްލާފައި މިންހާ އިށީންނަން އިޝާރާތްކޮށްލިއެވެ. ޝިޒާންއަށް ބަލައިލާފައިވެސް، މިންހާ ގޮސް އިށީނީ ކުރިމަތީގައި ހުރި ގޮނޑީގައެވެ. މިންހާގެ އެ އަމަލުން ޝިޒާންގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާ އެ ގޮނޑީގައި އިށީނދެލިއެވެ. އޭރު ޖެހިގެން ހުރި މޭޒުގައި ތިބި ދެ އަންހެން ކުދިންގެ ކަތި ނަޒަރު އޭނާއަށް ހުއްޓިފައިވެއެވެ. ޝިޒާން ހުރީ އާދައިގެ މަތިން ކޯޓު ފަޓްލޫނުގައެވެ. އެހެންކަމުން އޭނާގެ ފިރިހެންވަންތަކަން އިތުރުކޮށްދީފައިވެއެވެ. ތަނުގައިވި އަލިކަމުގެ ތެރެއިން ޝިޒާންގެ ދެލޯ ފެންނަނީ ހުވަފެނީ ގޮތަކަށެވެ. އެ ތޫނު ދެލޯ އޭނާ މިންހާއަށް އަމާޒުކޮށްލިއެވެ. އަބަދުވެސް އޭނާއަށް އަންހެން ކުދިންގެ ހުށައެޅުންތައް ލިބެއެވެ. އެފަދަ ކަތި ނަޒަރުތަކަކީ އާދައެވެ. އެހެންނަމަވެސް، އޭނާ އެ ހުރިހާ އަންހެން ކުދިންނަށް ދިނީ ބީރުކަންފަތެކެވެ. އޭނާގެ ހިތުގެ މިލްކުވެރިއަކީ މިންހާ ކަމަށްވީތީއެވެ. އެހިތް ކިޔަމަންވަނީ ހަމައެކަނި މިންހާއަށް ކަމަށް ވާތީއެވެ. އެހިތަކީ އޭނާގެ އިޚްތިޔާރު ފޯރާ އެއްޗެއް ނޫންކަމުގައިވާތީއެވެ.
"މިންހާ!" ޝިޒާން މިންހާއަށް ގޮވައިލިއިރު، ވެސް މިންހާ އިނީ ޚިޔާލުތަކަކަށް ގެއްލިފައެވެ. އެހެންކަމުން އޭނާ އަތް މިންހާގެ މޫނާ ދިމާލުގައި ހޫރައިލިއެވެ. ސިހުނު މިންހާއަށް ޝިޒާންއާ ދިމާލަށް ބަލައިލެވުނެވެ. ދެވަނަ ސިކުންތުގައި އޭނާއަށް އަނެއްކާވެސް ބަލައިލެވުނީ ދޮރާ ދިމާލަށެވެ.
"ކިހިނެއްވީ؟" ޝިޒާން ސުވާލުކޮށްލިއެވެ.
"ކަމެއް ނުވޭ!" މިންހާ ބުނެލިއެވެ. ހަމަޖެހެން މަސައްކަތް ކުރިނަމަވެސް، އާހިލް އަތުވެދާނެތީ އޭނާ ވަނީ ކަންބޮޑުވެފައެވެ.
މިންހާ އިރުއިރުކޮޅަކާ ވަންނަ ދޮރާ ދިމާލަށް ބަލާތީ ޝިޒާން އަނެއްކާވެސް އެކަމާ ބެހޭގޮތުން މިންހާއާ ސުވާލުކޮށްލީ، މިންހާގެ ފަރާތުން އެކަށީގެންވާ ޖަވާބެއް ނުލިބޭނެކަން އެނގޭ ޙާލުގައެވެ.
"ކޯންޗެއް ކާނީ؟" ޝިޒާން މެނޫއަށް ބަލައިލަމުން މިންހާއާ ސުވާލު ކޮށްލިއެވެ.
"ކޮންމެ އެއްޗެއް ވެސް އޯކޭ!" މިންހާ ބުނެލިއެވެ. ޝިޒާން އެއްޗެއްސަށް އޯޑަރު ދީފައި މިންހާއަށް ބަލައިލާ ވާހަކަ ދެއްކިއެވެ.
"މިތަނުން މިންހާއާ ދިމާވިކަންވެސް ވަރަށް ރަނގަޅޭ. އަހަރެމެންނަށް ހަމަޖެހިލައިގެން ވާހަކަަ ދައްކައިލަން ފުރުސަތު ލިބުނީނު!" ޝިޒާން އެހެން ބުނެލާފައި މިންހާގެ މޫނުމައްޗަށް އަރާނެ ކުލަވަރުތަކަށް ސަމާލުވެލިއެވެ. އޭނާ ހީކުރިގޮތަށް މިންހާގެ މޫނުމައްޗަށް ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހުމުގެ އަސަރުތައް ވެރިވިއެވެ.
"މިންހާ!. އަހަރެމެން ދެމީހުންނަކީ ދެމަފިރިންނޭ... އެކުގައި ވާހަކަ ދައްކައިލެވުމަކުން ލިބޭނެ ގެއްލުމެއް ނޯންނާނެ. އަހަރެމެން އެބަޖެހޭ މި ގުޅުން ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރަން. ވަރިއަކީ ހައްލެއް ނޫނެއްނު." ޝިޒާން މިންހާއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. މިންހާ އެއްޗެއް ނުބުނެ އިންނަން ފެށުމުން، އިތުރަށް ވާހަކަ ކުރިއަށް ގެންދިޔުމަށް އޭނާއަށް ހިތްވަރު ލިބިގެންދިޔައެވެ. އެތަކެއް ވާހަކަތަކެއް ދެއްކިއިރުވެސް، މިންހާ އެއްޗެއް ނުބުނެއެވެ. ވެއިޓަރު އެއްޗެހިގެނައުމުން ޝިޒާން ވާހަކަ ހުއްޓައިލިއެވެ.
"އައި އެމް ސޮރީ، އެކަމަކު، މިންހާ ދެން އަހަރެން ކައިރީގައި ވަރީގެ ވާހަކަ ނުދައްކައްޗޭ. އެއީ އަަހަރެން ކުރާނެކަމެއް ނޫން!" ޝިޒާން ޔަޤީންކަމާއެކު ބުނެލިއެވެ.
ކެއުން ކުރިއަށް ދިޔަވަގުތުގައި ވެސް މިންހާ ޚިޔާރުކުރީ ހިމޭންކަމެވެ. އޭނާ އެއްޗެއް ނުބުނެއެވެ. އެކަމުން ޝިޒާންގެ ހިތަށް އުނދަގޫވި ނަމަވެސް، އޭނާ އެކަމަށްވެސް ކެތްކުރިއެވެ. މިންހާގެ ހިތް އޭނާއަށް މިލްކުކުރެވޭނީ ކެތްކޮށްގެންކަން ޝިޒާންއަށް އެނގެއެވެ.
ކައިނިންމާލައިގެން ދެމީހުން އެކުގައި ރެސްޓޯރެންޓުން ނުކުތެވެ. ޝިޒާންގެ ފަހަތުން މިންހާ ހިނގައިގަތްނަމަވެސް، ވަކި ހިސާބަކުން ހުއްޓުނެވެ. އޭނާގެ ފަހަތުން މިންހާ ނާންނަ އިޙްސާސްއާއެކު، ޝިޒާން ވެސް ހުއްޓި ފަހަތް ބަލައިލިއެވެ. އޭރު މިންހާ ހުރީ އޭނާއާ ދިމާލަށް ބަލަހައްޓައިގެންނެވެ.
"މިންހާ! ކިހިނެއްވީ؟" ޝިޒާން ސުވާލުކޮށްލިއެވެ.
"އަހަރެން ދާނީ އެކަނި..." މިންހާ ބުނެލިއެވެ.
"މިންހާ! މީ ރޭގަނޑޭ! އަހަރެން މިންހާ އެކަނި ފޮނުވާކަށް ހިތްހަމައެއް ނުޖެހެޔޭ. އާދޭ އަހަންނާއެކު ކާރުގައި ދާން!" ޝިޒާން ބުނެލިއެވެ. އޭނާ އެއްގޮތަކަށްވެސް، މިންހާ އެކަނިކޮށްލާކަށް ބޭނުމެއް ނޫނެވެ.
"ނޫން!" މިންހާ އެހެން ބުނެލާފައި ކުރިމަތިން އައި ޓެކްސީއަކަށް ހުއްޓުވަން އަތް ނެގިއެވެ. އޭނާ ބޭނުންވީ ޝިޒާންއަށް ޖެއްސުމެއް ކޮށްލާށެވެ. އޭނާގެ ޖެއްސުންތަކަށް ކެތްނުކުރެވިގެން އެންމެ ފަހުން ޝިޒާން އޭނާ ވަރިވެސް ކޮށްފާނެއެވެ. ނަސީބުދިމާކުރި ގޮތުން ޓެކްސީވެސް އޮތީ ހުސްކޮށެވެ. ޓެކްސީ މަޑުކުރުމާއެކު، ޝިޒާންއަށް އަވަސް ނަޒަރެއް ދިނުމަށްފަހު، މިންހާ ޓެކްސީއަށް އެރިއެވެ. އެތަން ބަލަން ހުރުމަށްފަހު، ޝިޒާންވެސް ކާރަށް އަރާ ދުއްވައިލިއެވެ. އޭނާ ޓެކްސީގެ ފަހަތުން ދުއްވަމުންދިޔައިރު، ހިތަށް ތަފާތު އެއްޗެހި އަރާ ފައިބަމުން ދިޔައެވެ. ދުވަހަކުވެސް އޭނާއަށް މިންހާގެ ލޯބި ނުލިބޭނީ ހެއްޔެވެ؟
ޓެކްސީގައި އިން މިންހާ ވެސް އިނީ ޚިޔާލަކަށް ގެއްލިފައެވެ. ޝިޒާން ޚިޔާލު ހުރި ގޮތް އެނގުމަށްފަހު، ވަރިވުން އެއީ ފަސޭހަކަމެއް ނޫންކަންވެސް އޭނާއަށް އެނގެއެވެ. ޝިޒާން ހުރީ އެކައިވެންޏައިގެން ކުރިއަށް ދާށެވެ. ގޭޓާ ހިސާބުން ޓެކްސީ ހުއްޓުމުން ލާރި ދައްކާފައި މިންހާ ފޭބިއެވެ. ފުންނޭވައެއް ދޫކޮށްލަމުން، ގޭޓުން ބޭރުން އެގެއަށް ވަރަށް ރަނގަޅަށް އޭނާ ބަލައިލިއެވެ. ގޭޓުގެ އެއްފަރާތުގައި ޖަހާފައިވާ ނަން ބޯޑު ވަށައިގެން ރަންކުލައަކުން ދިއްލާފައިވާއިރު ހިތްގައިމެވެ. އޭނާ އެ ނަން ބޯޑަށް ފަރުވާތެރިކަމާއެކު، ބަލައިލިއެވެ. އެއަށްފަހު އޭގައި ލިޔެފައިވާ ނަން ކިޔައިލިއެވެ.
"ޑްރީމް ކޮޓެޖް..." އެއާއެކު އޭނާއަށް ހައިރާންކަމެއް ލިބިގެން ދިޔައެވެ. މޫނުމައްޗަށް ބުނެދޭން ނޭނގޭ އަސަރުތަކެއް ވެރިވިއެވެ. އޭނާ އެ ނަން ބޯޑުގައި އަތް ޖައްސާލައިގެން އިރުކޮޅަކު ހުއްޓެވެ. އެއަށްފަހު، ގެއަށް ވަންނަން ހިނގައިގަތެވެ. އޭރުވެސް އޭނާގެ ހިތުގައި ތަފާތު ޝުއޫރުތައް ދައުރުވަމުންދިޔައެވެ. އޭނާއަށް ގެއަށް ވަންނަ ދޮރާ ދިމާލަށް ދެވުނުއިރު، ޝިޒާން ކާރުގައި އައިސް ގޭޓުން ވަންނަނީއެވެ. މިންހާ އަވަސް އަވަހަށް ގޭތެރެއަށް ވަނެވެ. އެހެންނަމަވެސް އަނެއްކާވެސް އޭނާއަށް މަޑުޖެހިލެވުނެވެ. އެ ގެއަށް ވަށައިގެން ބަލައިލި މިންހާއަށް އިތުރު ހައިރާންކަމެއް ލިބިގެންދިޔައެވެ. ގޭގެ ސިޑިން ފަށައިގެން ސޯފާތަކާއި ޗާނދަލިޔާތަކަށްވެސް އޭނާއަށް ބަލަން ހުރެވުނެވެ. ރަނގަޅަށް އޭނާގެ ސިކުނޑި މަސައްކަތް ކުރަން ފެށީ ދެނެވެ.
ޝިޒާން އެތެރެއަށް ވަނީވެސް އޭނާ އެތަނުގައި ހުއްޓައެވެ. މިންހާ ޝިޒާންއަށް ބަލައިލުމަށްފަހު، އެއްޗެކޭ ނުބުނެ ސިޑިއާ ދިމާލަށް ހިނގައިގަތެވެ. އޭރު އޭނާގެ ހިތުގައި ވަނީ ހައިޖާނުގަނޑެއް އުފެދިފައެވެ. އެ ދިޔަ ބާރުމިނުގައި މިންހާ ގޮސް ވަނީ ކޮޓަރިއަށެވެ. އޭނާ ކޮޓަރިއަށް ވެސް ވަށައިގެން ބަލަމުން ދިޔައެވެ. ކުރިން އޭނާއަށް ފާހަގަ ނުކުރެވުނު އެތަކެއް ކަމެއް ފާހަގަކުރެވެމުން ދިޔައެވެ. ހިތުގައި އުފެދުނު ހައިޖާނުގަނޑު ދިޔައީ ހިނދެއް ހިނދަކަށް ބޮޑުވަމުންނެވެ. އުފެދެން ފެށި ޖަޒުބާތުތައް ކިޔަމަން ކުރާކަށް މިންހާއަކަށް ނޭނގުނެވެ. ސޯފާއަށް ވެއްޓިގަތުމަށްފަހު، ދެވަނަ ސިކުންތުގައި އަނެއްކާވެސް އޭނާއަށް ތެދުވެވުނެވެ. އެއަށްފަހު، ދެކޮޅަށް ހިނގެން ފެށުނެވެ.
"ޑްރީމް ކޮޓެޖް..." އޭރުވެސް އޭނާއަށް ދިޔައީ ހިތުން އެ ނަން ކިޔެމުންނެވެ.
(ނުނިމޭ)