ޒަކާތާއި ގުޅޭގޮތުން ދިމާވާ އެކި މައްސަލަތައް ހައްލުކުރުމަށް ޒަކާތު ކޮމެޓީއަށް ލަފާދޭނެ ޝަރުއީ ހާއްސަ ކޮމެޓީއެއް އިސްލާމިކް މިނިސްޓްރީން އެކުލަވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ހުސެއިން އަބްދުލް ވާހިދު މިއަދު ވިދާޅުވީ ދީނީ އިލްމުވެރިން ހިމެނިވަޑައިގަންނަވާ އެ ކޮމެޓީގެ މަގުސަދަކީ އިސްލާމީ ޝަރީއަތުގައި ޒަކާތާއި ބެހޭ ގޮތުން އައިސްފައިވާ ހުކުމްތަކާއި އެއްގޮތަށް ޒަކާތުގެ އެކި ކަންކަން ހިނގާތޯ ބަލާ ޝަރުއީ ލަފާ އެރުވުންކަމަ ށެވެ.

"އެ ކޮމެޓީގެ ފަރާތުން އިސްލާމީ ޝަރީއަތުގައި ޒަކާތް ބެހުމާއި، ދަރަނިވެރިން ކަންތައްކުރަންޖެހޭ ގޮތްތަކާ ބެހޭގޮތުންނާއި އިތުރު އެކަހަލަ ކަންތައްތަކާއި ބެހޭގޮތުން އިރުޝާދު ދޭނެ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކަންތައްތަކުގެ އިތުރުން އެކޮމެޓީގެ ފަރާތުން ބައިނަލްއަގްވާމީ ފިގްހު އެކަޑަމީތަކުން ނިންމާ ނިންމުންތައް ބަލާ، ޒަކާތުގެ ކޮމެޓީއަށް އެނިންމުންތަކާއި ބެހޭގޮތުން މައުލޫމާތު ދޭނެ ކަމަށެވެ. އަދި ޒަކާތު ކޮމެޓީގެ ކަންތައް އިސްލާހްކޮށް ޒަކާތާއި ބެހޭ ސިޔާސަތުތައް ކަނޑައެޅުމުގައި މިނިސްޓަރީ އަށް ލަފާ ދެއްވާނެ ކަމައްވެސް ވިދާޅުވި އެވެ.

އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ޑރ. އަހުމަދު ޒިޔާދު ބާޤިރު އާއި އައްޝައިހް އުސްމާން އަބްދުﷲ އާއި ޑރ. މުހައްމަދު އިޔާލު އާއި ޝައިހް މޫސާ އަންވަރު ހަސަންގެ އިތުރުން އައްޝައިހް މުހައްމަދު ލަތީފެވެ.