04 Dec 2021, 15:06
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ލިޓަސް ގައުމީ ބިލިއާޑް މުބާރާތުގައި އެމްޕީބީއޭ ރޭންކިންގެ ދެވަނައިގައި އޮތް ހުސައިން ފަޔާޒް އުންމީދު އާކޮށްފިއެވެ.
ނޭޝަނަލް ބިލިއާޑް ސެންޓަރުގައި ކުރިއަށްދާ އެ މުބާރާތުގައި ފަޔާޒް ރޭ ކުޅުނު މެޗަކީ އޭނާގެ ދެވަނަ މެޗެވެ. އެ މެޗަށް ފަޔާޒް ނުކުތް އިރު، އޭނާ ވަނީ ފުރަތަމަ ކުޅުނު މެޗުން ބަލިވެފައެވެ.
ރޭ ކުޅުނު މެޗުގައި ފަޔާޒް ނުކުތީ ރޭންކިންގެ 12 ވަނައިގައި އޮތް މުހައްމަދު އަކްސަމް ވަހީދާ ދެކޮޅަށެވެ. އެ މެޗުން ފަޔާޒް މޮޅުވީ 9-6 ފްރޭމުންނެވެ. ފަޔާޒްގެ ފުރަތަމަ މެޗުގައި މިދިޔަ ބުދަ ދުވަހު ރޭންކިންގެ އެއްވަނައިގައި އޮތް ހަސަން ޝާޒް މުހައްމަދު އަތުން 4-9 ފްރޭމުން ވަނީ ބަލިވެފައެވެ.
ޝާޒް ވަނީ މުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށްފައެވެ. ރޭ ކުޅުނު މެޗުގައި އޭނާ ވަނީ 9-2 ފްރޭމުން އަހުމަދު ރަމްޒީ ބަލިކޮށްފައެވެ. މިދިޔަ ބުދަ ދުވަހު ޝާޒް ކުޅުނު މެޗުގައި ފަޔާޒް ބަލިކުރި އިރު، މިދިޔަ ބުރާސްފަތި ދުވަހު ކުޅުނު މެޗުގައި އޭނާ ވަނީ 3-9 ފްރޭމުން ހާމިދު ފައިސަލް ބަލިކޮށްފައެވެ.
އެ މުބާރާތުގައި މިއަދު ވެސް ފިރިހެން ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަން އަދި އަންހެން ޑިވިޝަންގެ މެޗުތަކެއް ކުރިއަށްދާނެއެވެ. އޭގެ އިތުރުން މިއަދު މިކްސް ޑަބަލްސްގެ މެޗުތަކެއް ވެސް ކުޅެވޭނެއެވެ.
މިދިޔަ ބުދަ ދުވަހުން ފެށިގެން މިމަހުގެ 15ގެ ނިޔަލަށް ކުރިއަށްގެންދާ "ލިޓަސް ނޭޝަނަލް ބިލިއާޑް ޗެމްޕިއަންޝިޕް 2021"ގައި ހަ އިވެންޓެއް ކުރިއަށްދާނެއެވެ. އެއީ ޓީމު އިވެންޓާއި ފިރިހެން ފުރަތަމަ ޑިވިޝަނާއި ފިރިހެން ދެވަނަ ޑިވިޝަނާއި އަންހެން ޑިވިޝަނާއި ޑަބަލްސް އިވެންޓް އަދި މިކްސް ޑަބަލްސްއެވެ.
މުބާރާތުގެ ޓީމު އިވެންޓުގައި ފަސް ކްލަބަކުން ވާދަކުރެއެވެ. އެއީ ކްލަބު އީގަލްސް އާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއި ބީޖީ ސްޕޯޓްސް އާއި މާޒިޔާ ސްޕޯޓްސް އަދި ދިވެހި ސިފައިންގެ ކްލަބެވެ.
އެ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަންގައި 32 ކުޅުންތެރިޔަކު ވާދަކުރާ އިރު، ފިރިހެން ދެވަނަ ޑިވިޝަންގައި 43 ކުޅުންތެރިޔަކު ވާދަކުރެއެވެ. އަންހެން ޑިވިޝަންގައި 11 ކުޅުންތެރިޔަކު ވާދަކުރެއެވެ. ޑަބަލްސް އިވެންޓުގައި 43 ޓީމަކުން ވާދަކުރާ އިރު، މިކްސް ޑަބްލްސްގައި 13 ޓީމަކުން ވާދަކުރެއެވެ.