04 Dec 2021, 11:29
އައްޑޫ ސިޓީ ކައުންސިލްގައި އެ ކައުންސިލްގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ މުވައްޒަފެއްގެ ކާރުގައި ރޯކޮށްލައިފިއެވެ.
ރޯކޮށްލައިފައިވަނީ އެ ކައުންސިލްގެ ގާނޫނީ ވަކީލް އަބްދުﷲ އިހްސާންގެ ކާރުގައެވެ. އޭނާގެ ކާރުގައި ރޯކޮށްލައިފައިވަނީ ރޭ ފަތިހުގެ ވަގުތެވެ.
އިހްސާންގެ ގިނަ ކަންބޮޑުވުންތަކެއް ހިއްސާކުރަމުން އޭނާ "ސަން"އަށް ވިދާޅުވީ އޭނާގެ ކާރުގައި ރޯކޮށްލައި ދިން ގެއްލުމަކީ ގަސްދުގައި ރޭވައިގެން ދިން ގެއްލުމެއްގެ ގޮތުގައި ބެލެވޭ ކަމަށެވެ.
"ކާރުގެ ޑިކީ ބިއްލޫރިގަނޑު ތަޅައިލައި ޕެޓްރޯލް އަޅައި ހަމަ ގަސްތުގައި ރޯކޮށްލައި ކުރި ކަމެއް މިއީ. ބޭނުންނުކުރެވޭ ވަރުވެފައި މިހާރުވަނީ. އަޅުގަނޑަށް ހީވަނީ އަޅުގަނޑު ކުރާ މަސައްކަތާ ގުޅިގެން ކޮންމެވެސް ބަޔަަކު ކުރި ކަމެއްހެން އެއީ. އައްޑޫ ސިޓީ ކައުންސިލަށް ރައްދުވާ މައްސަލަތަކެއް ހައިކޯޓްގައި ވެސް އެބަ ކުރިއަށްދޭ. އެހެންވީމާ އަޅުގަނޑުގެ މަސައްކަތާ ގުޅިގެން ކޮންމެވެސް ފަރާތެއްގެ ހިތްހަމަ ނުޖެހުން އޮވެދާނެ،" އޭނާ ވިދާޅުވިއެވެ.

އިހްސާންގެ ކާރުގައި ރޯކޮށްލައިފައި -- ފޮޓޯ/ އިހްސާން
އިތުރަށް ވާހަަކަދައްކަވަމުން އިހްސާން ވިދާޅުވީ އޭނާއާ އޭނާގެ އާއިލާ އާއި އެކުވެރިންނާ ދެމެދު ވެސް އޮންނަނީ ރަނގަޅު ގުޅުމެއްކަމަށެވެ. އެެހެންކަމުން މުދަލަށް ގެއްލުން ދިނުން ފަދަ ކަމެއް ކުރުމުގެ ބޭނުން ނުވިސްނޭ ކަމަށެވެ. އެއާއެކު އޭނާވަނީ ކާރުގައި ރޯކޮށްލުމުގެ އަމަލު ނާތަހުޒީބު ފިނޑި އަމަލެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
މިކަމާ ގުޅިގެން ވާހަކަަދައްކަވަމުން އައްޑޫ ސިޓީ ކައުންސިލްގެ ޑެޕިިއުޓީ މޭޔަރު މުހައްމަދު ޝުއާއު "ސަން"އަށް ވިދާޅުވީ އިހްސާނަކީ ކޯޓުތަކުގައި ކައުންސިލް ތަމްސީލްކުރުމުގެ އިތުރުން ކައުންސިލްގެ މުހިންމު ބިޑް ކޮމިޓީތަކުގައި ހިމެނޭ މެމްބަރެއްކަމަށެެވެ. އަދި އޭނާއަށް އެފަދަ ގެއްލުމެއް ދިނުމަކީ ކައުންސިލުން ކަންބޮޑުވާ ކަމެއްކަމަށެވެ. އަދި ކައުންސިލްގެ މުވައްޒަފުންގެ ހައްގުގައި ކައުންސިލުން އަބަދުވެސް މަސައްކަތްކުރާނެކަމަށް ޝުއާއު ވިދާޅުވިއެވެ.
"އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފައިވަނީ. އެ ކަން ހިނގައިދިޔައީ ކިހިނެއްކަން އަޅުގަނޑުމެންނަަށް ޔަގީންކުރެވޭނީ އޭރުން. ކައުންސިލްގެ މުވައްޒަފުންނަށް ދޭ މިފަދަ ގެއްލުންތަކަކީ އަޅުގަނޑުމެން ބަލައިގަންނާނެ ކަމެއް ނޫން. ވަކިން ހާއްސަކޮށް މި ފަދަ މުހިންމު މަސައްކަތްތައް ކުރާ ފަރާތްތަކަށް ކުރިމަތިކުރާ ހަމަލާތައް ހަރުކަށި އިބާރާތުން އަޅުގަނޑުމެން ކުށްވެރިކުރަން،" ޝުއާއު ވިދާޅުވިއެވެ.