ޕްރިންސެސް ޑަޔާނާގެ ގިނަ ފޮޓޯތަކާއެކު ރަސްމީ ފޮޓޯ އެގްޒިބިޝަންއެއް އެމެރިކާގައި ފަށައިފިއެވެ.

މި ހަރަކާތް މި މަހުގެ ފުރަތަމަ ދުވަހު ފަށާފައިވާއިރު ހަރަކާތް ގެންދިއުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ތިން ސިޓީ އެއްގައެވެ.

އެގްޒިބިޝަންގައި ހިމަނާފައިވާ ޕްރިންސެސް ޑަޔާނާގެ ފޮޓޯތައް ނަންގާފައިވަނީ ފޮޓޯގްރަފީގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ ބްރިޓިޝްގެ މަޝްހޫރު ފޮޓޯގުރާފަރ އަންވަރު ހުސައިނެވެ. އަދި އަންވަރު ހުސައިނުގެ ދަރިފުޅު ކަމަށްވާ ޒަކް ހުސައިން އަދި ސާމިރް ހުސައިން ނަގާފައިވާ ޑަޔާނާގެ ފޮޓޯތައް ހިމަނާފައިވެއެވެ. އަންވަރު ހުސައިނަކީ ދުނިޔެއަށް ޑަޔާނާ މަޝްހޫރުވި ހިސާބުން ފެށިގެން އެކަމަނާގެ ފަހު ދުވަހާ ޖެހެންދެންވެސް ފޮޓޯ ނެގުމުގައި މަސައްކަތް ކޮށްފައިވާ ހީވާގި ފޮޓޯގުރާފަރެކެވެ.

މި އެގްޒިބިޝަންގައި ބައިވެރިވާ ކޮންމެ ފަރާތަކަށްވެސް ފޯނަކާއި ހެޑްފޯނެއް ދެވޭނެކަމަށް ޚަބަރުތަައް ބުނެއެވެ. އަދި ފޯނުން ފޮޓޯއާއި ބެހޭ މައުލޫމާތު ކިޔޭނެ ކަމަށާއި ހެޑްފޯނުން ފޮޓޯއާ ބެހޭ މައުލޫމާތު އަޑު އެހޭނެ ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

އަންވަރު ހުސައިނުގެ ފޮޓޯތަކުން ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭކަމަށް ގިނަބަޔަކު ގަބޫލުކުރާއިރު އަންވަރުގެ ދަރިފުޅު ޒަކް ގަބޫލުކުރާ ގޮތުގައި ބައްޕައާ އެއް ފެންވަރަށް ފޮޓޯ ނެގުމަށް ހިތްވަރު ދިން ނަމަވެސް އެއީ ވާނޭ ކަމެއް ނޫނެވެ. ބައްޕައަކީ މިހާތަނަށް ދުށް އެންމެ މޮޅުު ފޮޓޯގުރާފަރު ކަމަށް ޒަކް ފާހަގަކުރެއެވެ.

ހުސައިންގެ މި ކުޑަ އާއިލާއިން ބާއްވާ ޕްރިންސެސް ޑަޔާނާގެ ފޮޓޯތައް ދައްކާލުމުގެ ހާއްސަ ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ލޮސް އޭންޖްލްސްއާއި ނިއު ޔޯކް އަދި ޗިކާގޯގައެވެ.

ޕްރިންސެސް ޑަޔާނާއަކީ އެކަމަނާގެ ހަޔާތުގައި އިންސާނިއްޔަތަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެއްވި ކަނބަލެކެވެ. ހިލޭސާބަހަށް، އަދި އެތަކެއް އަގުހުރި މަސައްކަތަތަކެއް ކުރިޔަށް ގެންދެވި، މީހުންގެ އިހްސާސްތަށް ދެނެވަޑައިގެންނެވި ބޭކަނބަލެކެވެ. އެތައް ބައެއްގެ އިހުތިރާމާ ލޯބި ލިބިވަޑައިގަތް ކަނބަލެކެވެ. ޝާހީ އާއިލާއަށް ނިސްބަތްވެވަޑައިގެންނެވި ބޭކަނބަލެކެވެ. 1981 ވަނަ އަހަރުގެ ޖުލައި މަހުގެ 29 ވަނަ ދުވަހު ޕްރިންސް ޗާލްސްއާ ކައިވެނި ބައްލަވާގަތްއިރު މި ކައިވެންޏަށް ދެ ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ. އެއީ ޕްރިންސް ވިލިއަމްއާއި ޕްރިންސް ހެންރީއެވެ.

ނަވާރަ ސަތޭކަ ނުވަދިހަ ހަތް ވަނަ އަހަރުގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު އެކަމަނާ މި ފަނާވަނިވި ދުނިޔެއާ އަލްވަދާއު ކިޔާފައިވާއިރު އެކަމަނާއަކީ ހަނދާނުން ފިލާނުދާނެ ފަދަ އެތައް ހިދުމަތެއް ކޮށްދެއްވާފައިވާ ފަރާތެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.