04 Dec 2021, 00:44
ރައްޔިތުން ބޭނުންވީ ނަމަވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އަދި ތައްޔާރު ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ޔާމީން މިފަދައިން ވިދާޅުވީ އެމަނިކުފާނު މިނިވަން ވުމުގެ މުނާބަސަތުގައި، ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޔާމީން ވިދާޅުވީ ރައްޔިތުން އަދިވެސް އިންތިހާއަށް އެމަނިކުފާނަށް އިތުބާރު ކުރާ ކަމަށާއި ގިނަ މައްސަލަތަކެއް ހައްލުކޮށް ދިނުމަށް އެމަނިކުފާނުގެ އަރިހުން އެދޭ ކަމަށެވެ.
"އަޅުގަނޑު ހަމަ ހީބިހި ނަގަނަގާ މި އިންނަނީ، ހާދަ ގިނަ ކަމެކޭ، ހާދަ ބޮޑު ޒިންމާއެކޭ އަޅުގަނޑު ފަރާތުން އަދިވެސް ތިބޭފުޅުން އެދިވަޑައިގަންނަވަނީ، ހާދަ ބޮޑު އިތުބާރެކޭ އަދިވެސް ތި ކުރައްވަނީ،" ރައީސް ޔާމީން ވިދާޅުވިއެވެ.
އެހެންނަމަވެސް ގައުމުގައި އެންމެ މީހަކަށް ހައްލުކޮށްދެވޭ ވަރަށް ވުރެ މާ ގިނަ މައްސަލަތައް އެބަހުރި ކަމަށް ޔާމީން ވިދާޅުވިއެވެ.
"މުޅި ދިވެހި ރާއްޖޭގައި ހުރި ހުރިހާ މައްސަލަތަކަކީ އެންމެ މީހެއްގެ ކޮނޑުގައި އެޅޭ ވަރަށް ވުރެ މާ ބުރަ، ބޮޑެތި މަސްއޫލިއްޔަތުތަކެކޭ، އަޅުގަނޑު މިއީކީ ޕެނެސިއާއެއް ނޫނޭ، އަޅުގަނޑަކީ ބޭސްގުޅައެއް ނޫނޭ، ތިބޭފުޅުންގެ ކޮންމެ ޝިފާއަކަށް، ރާއްޖޭގަ އޮތް ކޮންމެ އިޖުތިމާއީ މައްސަލައަކަށް، އިގްތިސޯދީ ގޮތުން ފޫނުބެދިގެން މިދާ ޖަރީމާއަކަށް އަޅުގަނޑަކީ ހަކީމެއް ނޫނޭ،" ޔާމީން ވިދާޅުވިއެވެ.
ޔާމީން އިތުރަށް ވިދާޅުވީ ރަސްމީ ގޮތުން ނޫންނަމަވެސް ޕީޕިއެމްގެ ރިޔާސީ ޓިކެޓު އެމަނިކުފާނަށް މިރޭ ޕީޕީއެމްގެ މެންބަރުން ކަށަވަރު ކޮށްދެއްވައިފި ކަމަށެވެ. އެހެންނަމަވެސް އަދި އެކަމަށް އެންމެ ތައްޔާރު ނޫން ކަމުގައި ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުގެ ރައްޔިތުންނަށް އަޅުގަނޑު ނޫނެކޭ ނުދަންނަވާނަމޭ، އެހެންނަމަވެސް އަދިއެއް އަޅުގަނޑު ތައްޔާރުވެ ހުރި ވާހަކައެއް [2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވާހަކަ] މިއީކީ،" ޔާމީން ވިދާޅުވިއެވެ.
"އަޅުގަނޑަށް އެނގޭ ރައްޔިތުންގެ އެދުމަކީ މިއީ ކަން، އަޅުގަނޑަށް އެނގޭ އަޅުގަނޑުމެންކަން ދިވެހިރާއްޖެ އަނެއްކާ ވެސް ސަލާމަތް ކުރަން ޖެހޭނީ، ހަމައެއާއެކު ވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ތި ކުރައްވާ އިތުބާރުގެ އިތުރަށް އަޅުގަނޑަށް ތި ކުރިމަތިކުރައްވާ މަސްއޫލިއްޔަތުތަކަކީ، ޒިންމާއަކީ ހާދަ ވަރުގަދަ އަމާނާތެކޭ."
މީގެ އިތުރުން ޔާމީން ވިދާޅުވީ ރައީސް ކަން ކުރުމަކީ މިހާ އަނިޔާވެރި ވާން ޖެހޭނެ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެގޮތުން އެމަނިކުފާނާއި އާއިލާއަށް އެތައް ހިތްދަތިކަމެއް ދީފައިވާ ކަމަށާއި އެ ބޭފުޅުން އަދި މިކަމަށް ތައްޔާރު ނޫން ކަމުގައި ވިދާޅުވިއެވެ.