ބަޖެޓް ސަޕޯޓުގެ ގޮތުގައި އިންޑިއާއިން ރާއްޖެއަށް 20 މިލިއަން ޑޮލަރު ހަވާލުކޮށް ސަރުކާރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ވިއްކާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބޮންޑް އަދާކުރަން ދީފައިވާ މުއްދަތު އިތުރުކޮށްދީފި އެވެ.

އިކޮނޮމިކް މިނިސްޓާ އަހުމަދު މުހަންމަދު ސޮއި ކުރައްވާ ފިނޭންސް މިނިސްޓްރީން އާންމު ކުރި ބަޔާނެއްގައި ބުނަނީ ގޮތުގައި އިންޑިއާއިން ރާއްޖެއަށް ދޭން އެއްބަސްވެފައިވާ ސްޑޭންޑްބައި ކުރިޑިޓް ފެސިލިޓީގެ 100 މިލިއަން ޑޮލަރުގެ ތެރޭގައި ހިމެނޭ ބަޖެޓް ސަޕޯޓުގެ 50 މިލިއަން ޑޮލަރުގެ ތެރެއިން 20 މިލިއަން ޑޮލަރު އިންޑިއާއިން ސަރުކާރާ ހަވާލުކުރީ މިދިޔަ ފެބުރުއަރީ 27 ވަނަ ދުވަހު ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ސަރުކާރުގެ އެދުމުގެ މަތިން މިދިޔަ މަހުގެ 25 ގައި އެސްބީއަައިއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ބޮންޑު ދެއްކުން އެ ބޭންކުން އެއްއަހަރު ދުވަހަށް ފަސްކޮށްދީފައިވާ ކަމަށެވެ. މިހާރު އެ ލޯން ދައްކަން ޖެހޭނީ އަންނަ އަހަރުގެ ފެބުރުއަރީ މަހު އެވެ.

އިގްތިސޯދީ ގޮތުންނާއި އެހެނިހެންވެސް ގޮތްގޮތުން މިދަޑިވަޅުގައި އިންޑިއާއިން ރާއްޖެއަށް އަންނަނީ ބޮޑަތި އެހީތަކެއް ވަމުންނެވެ. އެކަމަށްޓަކައި ދިވެހި ސަރުކާރުން ވަނީ އިންޑިއާގެ ސަރުކާރަށާއި އެ ގައުމުގެ ރައްޔިތުންނަށް އެ ބަޔާން މެދުވެރިކޮށް ޝުކުރު އަދާކޮށްފަ އެވެ.