ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ހުވާ ކުރެއްވުމާ ގުޅިގެން، ބޭރު ގައުމުތަކުގެ ވެރިން އެމަނިކުފާނުގެ އަރިހަށް ތަހުނިޔާ ފޮނުއްވަމުން އެބަ ގެންދަވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް ޑރ. ވަހީދަށް ތަހުނިޔާ ފޮނުއްވި ބައެއް ބޭފުޅުންގެ ތެރޭގައި، ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާހާއި، އިންޑިޔާގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންހާއި، ރަޝިޔާގެ ރައީސް ޑިމިޓްރީ މެޑެވެޑޭވް ހިމެނިވަޑައިގަންނަވަ އެވެ.

ފަލަސްތީނުގެ ރައީސް ފޮނުއްވި މެސެޖްގައި ރައީސަށް ވަރަށް ހޫނު މަރްޙަބާއެއް ވިދާޅުވެފައިވެ އެވެ. އަދި، ގައުމަށް ހިދުމަތް ކުރެއްވުމުގައި ރައީސަށް ހެޔޮއެދުންތައް ފޮނުއްވާ ކާމިޔާބީއަށް އެދިވަޑައިގެންފައިވެ އެވެ.

ޑރ. މަންމޯހަން ސިންހް ފޮނުއްވި މެސެޖްގައި، އަމާން އަދި ފާގަތި ރާއްޖެއެއް ބިނާކުރުމުގެ މަސައްކަތުގައި އިންޑިޔާގެ އެހީތެރިކަން ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފައިވެ އެވެ. އަދި އިންޑިޔާއާ ރާއްޖެއާ ދެމެދު އުފެދިފައިވާ ގުޅުން އިތުރަށް ބަދަހި ކުރުމުގައި ރައީސްއާއެކު މަސައްކަތްކުރުމަށް އިންޑިޔާ ތައްޔާރަށް އޮތްކަން ވެސް ހާމަކުރައްވާފައިވެ އެވެ.

ރަޝީޔާގެ ރައީސް ޑިމިޓްރީ މެޑެވެޑޭވްގެ މެސެޖްގައިވެސް ރައީސަށް ތަހުނިޔާ ވިދާޅުވެ، ޑރ. ވަހީދުގެ ޒައާމަތުގައި ވެސް ދެ ގައުމުގެ ގުޅުން ބަދަހިވެގެންދާނެ ކަމުގެ އުންމީދު ފާޅުކުރައްވާފައިވެ އެވެ.

މި ބޭފުޅުންގެ އިތުރުން، ރާއްޖެއާ އެކުވެރި ބައެއް ގައުމުތަކުގެ ސަފީރުންނާއި، އޮނަރަރީ ކޮންސަލުންވެސް ރައީސްގެ އަރިހަށް ތަހުނިޔާގެ މެސެޖް ފޮނުއްވަމުން އެބަ ގެންދަވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.