ކޮވިޑްގެ އައު ވޭރިއަންޓް އޮމިކްރޯން އިންޑިއާ، ލަންކާ އަދި މެލޭޝިއާއިން ވެސް ފެނިއްޖެއެވެ.

އިންޑިއާގެ ހޯމް މިނިސްޓްރީއާ ހަވާލާދީ އިއްޔެ އިންޑިއަން އެކްސްޕްރެސް ނޫހުން ރިޕޯޓުކުރި ގޮތުގައި އެގައުމުގެ ކަރުނާޓަކާ ސްޓޭޓުން ދެ ފިރިހެނަކު ވަނީ އޮމިކްރޯންއަށް ޕޮޒިޓިވްވެފައެވެ. އެއީ 46 އަހަރުގެ މީހަކާއި 66 އަހަރުގެ މީހެކެވެ.

އެ ދެ މީހުންގެ ފަރާތުންވެސް ސީރިއަސް އަލާމާތްތަކެއް ނުފެންނަ ކަމަށާއި އެމީހުންގެ ހާލު މޮނިޓާ ކުރަމުންދާ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ކޮންޓެކްޓް ޓްރޭސިން ހަދައި، އެމީހުންނާ ބައްދަލުވި މީހުން މިހާރު ހޯދިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ލަންކާއިން އޮމިކްރޯންއަށް ޕޮޒިޓިވްވީ ނައިޖީރިއާއަށް ދަތުރުކުރުމަށް ފަހު މިދިޔަ މަހުގެ 23ގައި އެނބުރި އެގައުމަށް ދިޔަ ރައްޔިތެކެވެ. އެގައުމުގެ ޕަބްލިކް ހެލްތު ސާވިސްއިން ނެރުނު ބަޔާނެއްގައި ވަނީ، އާ ވޭރިއަންޓް ފެތުރުނަ ނުދިނުމަށް މިހާރު ފިޔަވަޅުތައް އަޅާފައިވާ ކަމަށް ބުނެފައެވެ.

މެލޭޝިއާއިން އޮމިކްރޯން ވޭރިއަންޓް ފެނިފައިވާކަން އިއުލާން ކުރީ މިއަދެވެ.

އެގައުމުގެ ހެލްތް މިނިސްޓަރު ޚައިރީ ޖަމާލުއްދީން ވިދާޅުވީ ވައިރަސް ފެނިފައި ވަނީ މިދިޔަ މަހުގެ 19ގައި އެގައުމަށް ދިޔަ އުމުރުން 19 އަހަރުގެ ސައުތު އެފްރިކާ ދަރިވަރެއްގެ ގައިން ކަމަށެވެ. އަދި އޭނާ 10 ދުވަސް ވަންދެން ކަރަންޓީނުވި ކަމަށާއި ކަރަންޓީނުގައި ހުރި މުއްދަތުގައި އޭނާގެ ފަރާތުން އެއްވެސް އަލާމާތެއް ނުފެންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ ދަރިވަރު ޕޮޒިޓިވްވުމުން، އޭނާގެ ޑައިރެކްޓް ކޮންޓެކްޓްްސް ޓެސްޓު ކުރި ކަމަށާއި އެމީހުންގެ ނަތީޖާ ނެގެޓިވް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ކޭސް ފެނިފައި ވަނީ މިދިޔަ މަހު 24ގައި ސައުތް އެފްރިކާއިން އައު ވޭރިއަންޓާ ބެހޭ މައުލޫމާތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ސަމާލުކަމަށް ގެނައުމުގެ ކުރިންނެވެ. އަދި އޭގެ ފަހުން އެ ދަރިވަރުގެ ޑީއެންއޭ ޓެސްޓު މެލޭޝިއާއިން އަލުން ތަހުލީލު ކުރުމުންނެވެ.

މިދިޔަ ބުދަ ދުވަހު މެލޭޝިއާއިން ވަނީ އެފްރިކާގެ އަށް ގައުމަކުން އެގައުމަށް މީހުން ދަތުރުކުރުން މަނާކޮށްފައެވެ. އެއީ ސައުތު އެފްރިކާ، ބޮޓްސްވާނާ، އެސްވާޓިނީ، ލެސޯތޯ، މޮޒަމްބީކް، ނަމިބިއާ، ޒިމްބާބުވޭ އަދި މަލާވީއެވެ.

އޮމިކްރޯންއާ ގުޅިގެން އިންޑިއާއިންވެސް ވަނީ ދަތުރުފަތުރާ ބެހޭ ގަވާއިދުތައް ހަރުކަށިކޮށްފައެވެ. އެގޮތުން އައު ވޭރިއެންޓު ފެތުރުމުގެ ނުރައްކާ ބޮޑު ގައުމުތަކުގެ ލިސްޓެއް އެކުލަވައިލައިފައިވާ އިރު އޭގެ ތެރޭގައި ސައުތު އެފްރިކާ އާއި އިނގިރޭސިވިލާތާއި ނިއު ޒިލެންޑް ހިމެނެއެވެ.

އެގައުމުތަކަށް ދަތުރު ކުރުމަށް ފަހު އިންޑިއާއަށްދާ މީހުން އެއާޕޯޓުގައި ކޮވިޑަށް ޓެސްޓު ކުރާނެއެވެ. އަދި އެމީހުންނަށް އެއާޕޯޓުން ދެވޭނީ ޓެސްޓުގެ ނަތީޖާ ލިބުމުންނެވެ.

އޭގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުން އެކަހެރިކޮށް ފަރުވާ ދޭނެއެވެ. އަދި އެމީހުންގެ ސާމްޕަލްތައް އިތުރަށް ޓެސްޓު ކުރާނެއެވެ.

މީގެ އިތުރުން ކޮވިޑަށް ނެގެޓިވްވާ މީހުން ގޭގައި ހަތް ދުވަސް ވަންދެން ކަރަންޓީނުވެ، އަށް ވަނަ ދުވަހު އަލުން ޓެސްޓު ހަދަން ޖެހޭނެއެވެ.