05 Mar 2012, 16:15
މާރޗް 1ވީ ބުރާސްފަތި ދުވަހު ހެނދުނު 9 ޖެހިއިރު އެމްޑީޕީގެ އަންހެނުންގެ ހަތަރު ސަތޭކަވަރަކަށް މީހުން މުޒާހަރާ ކުރަމުން އައިސް ސޯސަން މަގާއި ފަރީދީ މަގާ ގުޅުނު ހިސާބުގައި ޖަގަހަޖެހި އެވެ. ރައީސް ޑރ. ވަހީދަށް ރިޔާސީ ބަޔާން އިއްވުނަ ނުދޭނޭ ކަމަށް ބުނެ މުޒާހަރާ ކުރުމަށެވެ. މީގެ ތެރެއިން ވަރަށް ގިނަ ބަޔަކު ބުރުގާ އަޅައިގެން ވެސް ތިއްބެވެ. ހަމަގައިމުވެސް އެއް އަންހެނަކު މޫނު ބުރުގާ އަޅައިގެން ވެސް ހުއްޓެވެ.
މި އަންހެން ބައިގަނޑު މިތާ ކުނާ އަޅައިގެން ޖަގަހަ ޖެހިފަހުން މެންދުރު ނަމާދުވަގުތު އައިސް، ފާއިތުވެގެން ދިޔަ އެވެ. އަސުރުވަގުތު އައިސް، ފާއިތުވެގެން ދިޔަ އެވެ. މަޣްރިބް ނަމާދު ވަގުތު އައިސް ފާއިތުވެގެން ދިޔަ އެވެ. ރޭގަނޑު 9 ޖެހިއިރު އެ މުޒާހަރާ ނިންމާލި އިރު ތިން ނަމާދެއްގެ ވަގުތު ފާއިތުވި އިރު ވެސް އޭގެތެރެ އިން އަންހެނަކު ނަމާދަށް ދިޔަތަނެއް ނުފެނެ އެވެ. ކޮންމެ ނަމާދުވަގުތެއް ޖެހުމުން ދިހަވަރަކަށް މިނިޓަށް ހަޅޭކުގެ އަޑު މަޑުކޮށްލުމަށް ފަހު، އަނެއްކާ ވެސް ހަޑިހުތުރުބަހުން ހަޅޭލައްވަން ފަށަ އެވެ. މިހުރިހާ އަންހެނުން ނަމާދުނުކޮށްތިބީ "ކޮންމެވެސް ކަމެއް" ވެގެން ކަމަށް ވެދާނެ އެވެ. ނަމަވެސް އެއަންހެނުންގެ ހަށިފާރަވެރިންނަށް ތިބި ފިރިހެނުން ނަމާދަށް ނުގޮސް ތިބީ ކީއްވެގެންބާވަ އެވެ. އަނެއް ދިވެހިރާއްޖޭގައި ފިރިހެނުންނަށް ވެސް "އެކަހަލަ"ކަމެއް ވާތީ ބާވަ އެވެ. ނުވަތަ ނަމާދަކީ އަނެއް ދިވެހި ރާއްޖޭގައި ކުރަން ނުޖެހޭ އެއްޗަކަށް ވާތީބާވަ އެވެ.
އެމްޑީޕީގެ އަންހެންވެރިން ގެ މުޒާހަރާ ބާރަގަޑިއިރަށް ފަހު ނިންމާލީ ރައްޔިތުންގެ މަޖިލީހުގައި ރައީސް ޑރ. ވަހީދަށް ރިޔާސީ ބަޔާން އިއްވުމުގެ ފުރުސަތު ނުލިބި، ޖަލްސާ ކެންސަލުކުރިކަން އިއުލާނު ކުރުމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ހުރުމަތްކަނޑައި ދިވެހި ގައުމީ ދިދަ ވީދާލައި އެޔަށް ފައިން އަރައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިށީންނަވާ ގޮނޑިކޮޅު މަޖިލީހުގެ ޕޯޑިއަމް މަތިން ނަގާ ހޫރާލައި ހާމިދުއަބްދުލް ގަފޫރުމެން ފަދަ އެމްޑީޕީގެ ޕާލިމެންޓް މެންބަރުން މަޖިލިހުގެ ޕޯޑިއަމް މަތީގައި ޕްލޭބޯއީ މޮޑެލްއެއްގޮތަށް ޕޯސް ކުރައްވައި ހުތުރު ވައްތަރު ޖެއްސިތަން ލައިވް ޓީވީއިން ފެނިގެންދިޔައެވެ. ބުރާސްފަތި ދުވަހަ ދިވެހިރައްޔިތުންނަށް ލައިވް ޓީވީން ފެނިގެންދިޔައީ 12 ގަޑިއިރު ދިގު ޓެލިޑްރާމާއެކެވެ. ކަސޯޓީއެވެ.
"މި ކަސޯޓީ" ބެލި ކޮންމެ ރައްޔިތަކަށް ވެސް އެނގިގެން ދިޔަ ހަގީގަތަކީ މިއީ ކުރިން ރޭވިގެން ރައީސް ޑރ. ވަހީދު އަދި ދިވެހި ސަރުކާރުގެ އަގު ވައްޓާލުމަށް ޓަކައި ކުޅެވުނު ޑްރާމާއެއްކަމެވެ. އެދުވަހަ ޖަލްސާ ބާއްވަން ތަސައްރަފު ނުފުދޭ ކުޑަކުއްޖަކާ ހަވާލު ކުރެވުނު ނަމަވެސް އެކަން ކުރީސްކަން ޔަގީނެވެ. ނަމަވެސް ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ފަހު އަބްދުﷲ ޝާހިދު އާއި އެމްޑީޕީ ގުޅިގެން ކުޅުނު ޑްރާމާއިން ވެއްޓުނީ އެދެފަރާތުގެ އަގުކަން ކަށަވަރެވެ.
ދިވެހި ސިފައިންނާއި ދިވެހި ފުލުހުން އަދި ދިވެހި ގައުމުގެ ޖުޑިޝަރީގެ އަގުވެސް ވެއްޔާ މޮޑެލުމަށް ފަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާ ދިމާއަށް އައުގުރާނަ ގޮވައި، އެމަނިކުފާނުގެ ހަށިކޮޅުގައި އަތްލުމަށް މަސައްކަތް ކުރުމަށް ފަހު ބުރާސްފަތި ދުވަހު އެމްޑީޕީން އެންމެ ފަހުން އެކުރީ އެމީހުންނަށް މިހާތަނަށް ނުކުރެވި ބާކީ އޮތް ކަމެވެ. އެއީ ދިވެހި ޖުމްހޫރިއްޔާގެ ރައްޔިތުންގެ މަޖިލީހުގެ އަގު ވެއްޔާ މޮޑެލުމެވެ. ދިވެހި ދިދައިގެ ހުރުމަތް ކަނޑާލުމެވެ.
ކުރިއަށް އޮތްތާގައި މަޖިލީހުގެ ޖަލްސާތަކުގައި "އިއްޒަތްތެރި" މެންބަރޭ ކިޔައިގެން މިބޭފުޅުން އަނގަހުޅުވާނީ ދިވެހި ރައްޔިތުންނަށް ކޮން މޫނެއްދައްކައިގެން ބާވަ އެވެ. ހާމިދު އަބްދުލްގަފޫރު ކިތަންމެ ނަލަ ކޯޓެއް ތުރުކުރައްވައިގެން މަޖިލިހަށް ވަޑައިގަތަސް އޭނާ ގެ "ޕްލޭބޯއީ" ޕޯސް ނޫން އެހެން އެއްޗެއް ދެން ހަނދާނެއް ނުވާނެ އެވެ. އެމްޑީޕީ އިން މިވަނީ މިދިވެހި ގައުމުގެ ހުރިހާ މުއައްސަސާއަކާއި މިގައުމުގެ އަގު މުޅި ދުނިޔޭގެ ކުރިމަތީގައި ވެއްޔާ މޮޑެލައިފަ އެވެ. މިއީ ކުރިއަށް އޮތް ފަންސާސް އަހަރުތެރޭގައި ވެސް ފަސޭހަ ނުވާނެ ފަދަ ބޮޑު ފާރުގަނޑެކެވެ.
ހައިރާން ވާންޖެހޭ ކަމަކީ ގައުމަށް މިވަރުގެ ބޮޑު ގެއްލުމާއި، ހަލާކާއި، އަނިޔާ އާއި ހުތުރު ނަން ގެނައި ބައެއްގެ ފަހަތުގައި ދިވެހިރައްޔިތުންގެ ބަޔަކު އަދިވެސް ތިބިކަމެވެ. އާ ސަރުކާރުގެ ބޮލުގައި އެމްޑީޕީން އަޅުވަމުންދާ އިލްޒާމަކީ މިއީ ބަޣާވާތަކުން ގެނައި ވެރިކަމެއް ކަމަށް ބުނެ ކުރާ އިލްޒާމެވެ. މިއީ މިސާލަކަށް ބަޣާވާތަކަށް ވިޔަސް މިއީ ދުނިޔޭގެ ގައުމެއްގައި ކުރި ފުރަތަމަ ބަޣާވާތެއްނޫނެވެ. ދިވެހި ބިމުގައި ބުދު ބަހައްޓައި މީހުން އުޅޭ ރަށްރަށުގައި ރާވިއްކަން އުޅުނު ސަރުކާރަކާ ރުހިގެން މުސްލިމުގައުމެއްގެ ރައްޔިތުން ދެއަތް އުރާލައިގެން ހަމަތިބެންވީ ތޯ އެވެ. ސަރުކާރެއްގެ ލާދީނީ އަމަލުތައް އެހިސާބަށް ދިޔުމުން ވެރިންނަށް ކިޔަމަންވާކަށް ނުޖެހޭނެ އެވެ. ނުވިތާކަށް ގާނޫނު އަސާސީގެ ބާރުކަނޑުވާލައި، ސަލާމަތީ ބާރުތަކަށް ޣައިރުޤާނޫނީ އަމުރުތައް ކޮށް މުޅި ގައުމު ހަލަބޮލިކޮށްލީ އެވެ. އެފަދަ ހާލަތެއްގައި ވެރިކަން ބަދަލުކުރުމަކީ ހަމައެކަނި ހުއްދަކަމެއްނޫނެވެ. އެއީ ކިފާޔަތުގެ ފަރުލެކެވެ. އެހެންކަމުން އެކަމަށް ޓަކައި ތެދުވި ބަޔަކު ތެދުވެ، އެބަދަލު ގެނައީ އެވެ. އެއަށް ބަޣާވާތެކޭ ކިޔަންޏާ ކިޔަންވީ އެވެ. އެއަށް ބަޣާވާތެކޭ ކިޔާ ނަމަ އަޅުގަނޑަކީ ވެސް ފަހުރުވެރި ބާޣީއެކެވެ.