ރާއްޖެ އަށް ދިމާވެފައިވާ ސިޔާސީ ހަލަބޮލިކަމުގެ ވަގުތުގައި ސަރުކާރާއި ސިޔާސީ ފަރާތްތަކާއި ދިފާއީ ބާރުތަކާއި މަދަނީ ޖަމިއްޔާތަކާއި މީޑިޔާގެ އިތުރުން އާންމުން ރާއްޖޭގެ އަމާން އަމާންކަމާއި ސުލްހަ މަސްލަސްކަމަށް އިސްކަންދިނުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ގޮވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު މިއަދު ވިދާޅުވީ ދިވެހި ރާއްޖެއަކީ ޒަމާނުއްސުރެ މަޝްވަރާގެ ރީތި އުސޫލުން ކަންކަން ނިންމުމަށް އިސްކަން ދީފައިވާ ގައުމެއް ކަމަށާއި ސިޔާސީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން ވެސް ގައުމުގެ ސުލަހަ މަސްލަސް ކަމަށް އިސްކަންދީ ސުލްހަވެރި ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަށް ހުރިހާ ފަރާތްތަކުން މަސައްކަތް ކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.

"ސިޔާސީ ގޮތުން ކުރިމަތިވާ ގޮން ޖެހުންތަކުގައި ގައުމުގެ ސުލްހަ މަސްލަސްކަމާއި އިސްކަން ދިނުމާއި މަޝްވަރާތައް ކުރިއަށް ނެރެ، ކަންކަމުގައި އެދެވޭ ހައްލެއް ހޯދުމަކީ ޒަމާނުއްސުރެ ދިވެހި ރާއްޖޭގައި އޮތް ރީތިސިފައެއް. އެހެންކަމުން މި ހަލަބޮލި ވަގުތުގައި އެންމެހާ ފަރާތްތަކުން ގައުމުގެ ހަމަޖެހުމަށާއި ސުލްހަ މަސްލަސް ކަމަށް އިސްކަން ދެއްވައި ސުލްހަވެރި ހައްލެއް ހޯދުމަށް ގޮވާލަން،" ފުވާދު ވިދާޅުވި އެވެ.

ފުވާދު ވިދާޅުވީ ހުރިހާ ފަރާތްތަކުން ވެސް ހަމަނުޖެހުންތަކާ ދެކޮޅަށް މަސައްކަތްކޮށް ގައުމަށް ރަނގަޅު ހެޔޮއެދޭ ގޮތްތައް މިއަދު ގައުމަށް ބޭނުންތެރި ކަމަށާއި އަމަން ބަލަހައްޓާ ފަރާތްތަކުން ވެސް ގައުމުގެ ސަލާމަތާއި ރައްކާތެރިކަމާ އެކު އާއްމުންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރައްވަން ޖެހޭ ދަނޑިވަޅެއްކަމަށް ވިދާޅުވި އެވެ.