ޑޮލަރުގެ ވަގު ވިޔަފާރީގެ ތުހުމަތަށް ހޯދި ދެ ބިދޭސީން އަމިއްލައަށް ފުލުހަށް ހާޒިރުވެއްޖެއެވެ.

އެ މައްސަލައިގައި ބަންގްލަދޭޝްގެ ދެ ރައްޔިތުން ކަމަށްވާ މުޙައްމަދު އިޤްބާލް ހޮސައިން އާއި ޝޮހެލް ހޯދަން ފުލުހުން ފޮޓޯ އާއްމުކުރީ އިއްޔެ ހަވީރުއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ އެ ދެ މީހުން އަމިއްލައަށް ރޭ ފުލުހަށް ހާޒިރު ވެފައިވާ ކަމަށެވެ.

އެ ދެމީހުން މިވަގުތު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި، އެ މައްސަލަ ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިއްޔެ ބުނީ އެ ދެމީހުންނަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެ، ދިވެހިރާއްޖޭގައި ބޭރު ފައިސާ ގަނެ ވިއްކުމަށް ކަނޑައަޅާފައިވާ ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކާ ކަމުގެ ތުހުމަތު ކުރެވޭ ދެމީހުން ކަމަށެވެ.

މީގެ އިތުރުން އެ ދެ މީހުންނަކީ ސައްހަނޫން ލިޔެކިޔުން ބޭނުންކޮށްގެން ގިނަ އަދަދެއްގެ ފައިސާ ރާއްޖެއިން ބޭރަށް ފޮނުވާކަމަށް ތުހުމަތުކުރެވޭ ދެ މީހުން ކަމަށް ފުލުހުން ބުންޏެވެ.