މަޝްހޫރު މޮޑެލް އަދި އެކްޓްރެސް، ކްރިސްޓިން މާޓިން ވަނީ އުމުރުން 33 އަހަރުގައި ނުކުޅެދުންތެރިކަމުގެ ބަލި ހުންނަކަން މީސްމީޑިއާގައި އިއުލާންކޮށްފައެވެ.

ކްރިސްޓިން މާޓިންގެ ކަައިވެނި މަޝްހޫރު ޓީވީ ޕްރެޒެންޓަރ ޕެޑީ މެކްގައިނިސްއާ ކޮށްފައިވާއިރު ޕެޑީއަކީ ނުކުޅެދުންތެރިކަމާ ބެހޭގޮތުން މުޖުތަމައު ހޭލުންތެރިކުރުމަށް މަސައްކަތްކުރާ މީހެކެވެ. މާޓިންއާއި ޕެޑީގެ 3 ކުދިން ކަމަށްވާ ފެލިސިޓީ، ލިއޯ އަދި ޕިނިލޯޕްވެސް ވަނީ ބައްޔަށް ޑައިގްނޯޒް ވެފައެވެ.

އޯޓިޒަމް ނުވަތަ ނުކުޅެދުންތެރިކަމުގެ ބައްޔަކީ ދިގު މުއްދަތެެއްގެ ނުވަތަ އުމުރު ދުވަހު އެކަމުގެ ވޭން އުފުލަން ޖެހޭ ބައްޔަކަށް ވާއިރު އެބަލި ހުރިނަމަ ސިކުނޑި މަސައްކަތް ކުރާ ގޮތް އެހެން މީހުންނާ ތަފާތުވާނެއެވެ. ހާއްސަކޮށް ވާހަކަ ދެއްކުމުގައާއި ދިރިއުޅުމުގެ މައިދާނުގައި ދިމާވާ ކަންކަމަށް އިޖާބަދޭ ގޮތާއި ގެންގުޅޭ އުސޫލުތަކާއި ގަވާއިދުތަކަށް މިކަމުގެ ސަބަބުން އަސަރު ފޯރާނެއެވެ.

ކްރިސްޓިން މާޓިން ވަނީ އިންސްޓަގްރާމްގައި އޭނާއަކީ އެ ބަލި ތަހައްމަލުކުރާ މީހެއްކަން ފޮލޯވަރުންނަށް ކަށަވަރުކޮށްދީފައެވެ. ނުކުޅެދުންތެރިކަމުގެ ބަލި ހުރިނަމަވެސް އެކަމާ ފަޚުރުވެރިވާކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ބަލި ހުރިކަން ދެނެގަނެވުނީ މިީގެ މަހެއްހާ ދުވަސް ކުރިން ކަމަށާއި އޭނާއަށް އެހެންމީހުންނާ އޭނާގެ ތަފާތު ހުރިކަން އިހުސާސް ވާ ކަމަށާއި އޭނާގެ އަސްލު ދެނެގަނެވުނީތީ އުފާކުރާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މީގެ ކުރިންވެސް ބަލި ހުރިކަމުގަައި ޝައްކު އުފެދޭ ވަރަށް ކަންތަައްތައް ދެނެގަނެވިފައިވާ ކަމަށާއި އެ ކަންކަމަކީ އޭނާގެ ދަރިންގެ ފަރާތުންވެސް ފެންނަ ސިފަތަކެއްކަމަށް އޭނާ ވަނީ ބުނެފައެވެ. ކޮންމެ ވައްތަރެއްގެ ކާތަކެތި ކެއުމަށާއި މީހުންނާ އެކުވެ އުޅުމަށާއި ކަންކަމަށް ސަމާލުކަންދިނުމަށް އުނދަގޫވުމަކީ ދިމާވި ކަންތައްތައް ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އޭނާގެ މިހާރުގެ ދިރިއުޅުމުން ސިފަވަނީ އޭނާގެ ދޮށީ އަންހެން ދަރިފުޅު ޕިނިލޮޕް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ޔޫކޭގެ ނޭޝަނަލް އޯޓިސްޓިކް ސޮސައިޓީއިން ބުނެފައިވާ ގޮތުން ކްރިސްޓިން މާޓިންއަށް ދިމާވި ގޮތަށް ބަލިހުރިކަން ކުރިން ޔަގީންނުވި ނަމަވެސް ހުރިހާ ކަމެއް ފިޓް ނޫންކަން ފާހަގަ ކުރާ މީހުން ގިނަވާނެ ކަމަށެވެ.

ނޭޝަނަލް އޯޓިސްޓިކް ސޮސައިޓީއިން ބަލީގެ އަލާމާތްތައް ވަރަށް ފުޅާކޮށް ފާހަގަަކޮށްފައި ވީ ނަމަވެސް ކްރިސްޓިން މާޓިން ފާހަގަ ކުރާ ގޮތުގައި ނުކުޅެދުންތެރިކަމުގެ ބަލި ހުންނަ ކޮންމެ މީހަކީވެސް ތަފާތު މީހެެއްކަމަށާއި 6 އަހަރު ނުވަތަ 60 އަހަރު ވީ ނަމަވެސް ތަހައްމަލުކުރަން ޖެހޭ ދަތި އުނދަގޫތަކާއި ކުރިމަތިލާންޖެހޭ ކަންތަައްތައް ދާދި އެއްގޮތް ވާނެ ކަމަށެވެ.

ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ބަލިހުރިކަން މާ ފަހުން އެނގުމަކީ އުނދަގޫތަކެއް ކުރިމަތިވެދާނެ ކަމެކެވެ. އެއީ ބަލިހުރިކަން ދެނެގަނެވުމާއެކު ދިރިއުޅުން ވޭތުކުރި ގޮތްތަކާއި ދިމާވި ކަންކަން ޑޮކްޓަރުން ވަރަށް ގާތުން ބަލަން ބޭނުންވާތީއެވެ. ނަމަވެސް ކްރިސްޓަން މާޓިން ގަބޫލުކުރާ ގޮތުގައި ބަލިހުރިކަން ފަހުން ދެނެގަނެވުމުން ވަރަށް ގިނަ ސުވާކުތަކަށް ޖަވާބު ލިބޭ ކަމަށެވެ. އަދި އެއްވެސް މީހެއްގެ ސަޕޯޓް އެކަމާ ގުޅިގެން ނުލިބުނަސް ދިރިއުޅުމައިގެން ކުރިއަށް ދެވޭނެކަމަށާއި އެއީ ލިބޭ އިތުރު ހިތްވަރެއްކަމަށް އޭނާ ގަބޫލުކުރެއެވެ. އަދި ދިރިއުލުމުގައި ބައްޔާއެކު އެހިސާބަށް އާދެވުނުކަމުން އެކަމާ ފަހުރުވެރިވާ ކަމަށް އޭނާ ބުނެފައިވެއެވެ.