މީގެ ތިން ދުވަސް ފަހުން ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި އޭއެފްސީ ޗެލެންޖްކަޕް ފަށާއިރު، ޓީމުތަކުން ދަނީ މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

މުބާރާތުގައި ވާދަކުރާ އަށް ޓީމު ދެގުރޫޕަކަށް ބެހިފައިވާއިރު، ގުރޫޕް ބީގެ ޓީމުތައްވެސް ދަނީ މުބާރާތަށް ވަރަށް ވަރުގަދައަށް ތައްޔާރުވަމުންނެވެ. "މަރުގެ ގުރޫޕް" ގެ ގޮތުގައި ބެލެވޭ މިގުރޫޕްގައި ހިމެނޭ ޓީމްތަކަކީ އެންމެ ފަހުގެ ޗެލެންޖްކަޕް ޗެމްޕިއަން އުތުރު ކޮރެއާ، 2011 ވަނަ އަހަރުގެ ސާފް ޗެމްޕިއަން އިންޑިއާ، ތަޖަކިސްތާން އަދި ފިލިޕީންސެވެ.

މިގުރޫޕްގެ ޓީމުތަކުގެ ތައްޔާރާ ތަކަށް ބަލާލާއިރު، މުބާރާތައް އެންމެ ބޮޑަށް ތައްޔާރުވި އެއްޓީމަކީ އެންމެ ފަހުގެ ސާފް ޗެމްޕިއަން އަދި 2008 ވަނަ އަހަރު މި މުބާރާތް އަމިއްލަ ފަސްގަނޑުގައި ކާމިޔާބުކުރި އިންޑިއާއެވެ.

ޒުވާން ޓީމަކާއެކު މުބާރާތައް ނިކުންނަން ތައްޔާރުވެފައިވާ އިންޑިއާ މުބާރާތުގެ ފަރިތަކުރުންތައް ފަށާފައިވަނީ މިދިޔަ ޑިސެމްބަރ މަހު ކުރިއަށްދިޔަ ސާފް ޗެމްޕިއަންޝިޕަށް ފަހުއެވެ. މުބާރާތައް ތައްޔާރުވުމުގެގޮތުން އިންޑިއާވަނީ ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ ތިން މެޗު ކުޅެން ހަމަޖައްސައި، އޭގެ ތެރެއިން ދެމެޗު ކުޅެފައެވެ.

ފީފާ ރޭންކިންގްގެ 154 ވަނައިގައި މިވަގުތު އޮތް އިންޑިއާ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ފުރަތަމަ އެކުވެރިކަމުގެ މެޗު ކުޅުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އޮމާންއާއި ދެކޮޅަށެވެ. މިމެޗު 5 ލަނޑު 1 ލަނޑުގެ ނަތީޖާއަކުން ކާމިޔާބުކޮށް އިންޑިއާ ލަދުގަންނުވާލީ އޮމާންއެވެ. މެޗަށްފަހު ވާހަކަދައްކަމުން އިންޑިއާގެ ކޯޗު ވަނީ މެޗުގެ ނަތީޖާއަކީ މައްސަލައެއް ނޫން ކަމަށާއި، އެންމެން ގުޅިގެން ކާމިޔާބް ހޯދޭނެކަމަށް ބުނެފައެވެ.

ޗެލެންޖް ކަޕަށް ތައްޔާރުވުމުގެ ގޮތުން ކުޅެވުނު ދެވަނަ މެޗުގައި އިންޑިއާ ބައްދަލުކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އަޒަރުބައިޖާނާއެވެ. މިމެޗު 3 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ އަޒަރުބައިޖާނެވެ. މިމެޗުން އިންޑިއާ ބަލިވުމާއެކު އިންޑިއާގެ މީޑިއާއިން ގެންދަނީ އިންޑިއާގެ ކޯޗުގެ ޤާބިލްކަމާމެދު ސުވާލު އުފައްދަމުންނެވެ. އެހެންނަމަވެސް ކޯޗުވަނީ ޓީމު އޮތީ ޗެލެންޖްކަޕްގެ ތަށި ޤައުމަށް ގެނެސްދިމުގެ ޢަޒުމުގައިކަމަށް ބުނެފައެވެ.

މުބާރާތުގައި ވާާދަކުރުމަށް އިންޑިއާ ޓީމު ނޭޕާލަށް ގޮސްފައިވާއިރު، ޓީމުގެ ޒުވާން ފޯވާޑް ޖޭޖޭ އަށް މިފަހަރުގެ މުބާރާތުގައި އަނިޔާގެ ސަބަބުން ބައިވެރިއެއް ނުވެވޭނެއެވެ.

އިންޑިއާގެ އިތުރުން މި ގުރޫޕްގައި ހިމެނޭ އެންމެ ވަރުގަދަ އެއްޓީމުކަމަށްވާ އުތުރު ކޮރެއާވެސް ވަނީ މުބާރާތައް ނުހަނު ބޮޑަށް ތައްޔާރުވެފައެވެ. ފަހަކަށްއައިސް ހައިރާންކުރުވަނިވި ނަތީޖާތަކެއް ނެރެފައިވާ އުތުރު ކޮރެއާގެ ޓީމަކީ އެންމެ ފަހުގެ ޗެލެންޖްކަޕްގެ ޗެމްޕިއަން ޓީމެވެ. ހަމަ އެހެންމެ އެޓީމުވަނީ 2010 ވަނަ އަހަރު ސައުތު އެފްރިކާގައި އޮތް ވޯރލްޑް ކަޕްގައި ކުޅެފައެވެ.

މުބާރާތައް ތައްޔާރުވުމުގެ ގޮތުން ވަރަށް ދުރާލާ ފަރިތަކުރުންތައް ފެށި އުތުރު ކޮރެއާ މިފަހަރުގެ މުބާރާތުގައި ބައިވެރިކުރުވާނީ ޒުވާން ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިންގެ މައްޗަށް އެކުލެވޭ "މަސްހުނި" ޓީމެކެވެ.
ޗެލެންޖް ކަޕަށް ތައްޔާރުވުމުގެ ގޮތުން އުތުރު ކޮރެއާ ރަޙްމަތްތެރިކަމުގެ މެޗުގައި ބައްދަލުކުރީ އޭޝިއާގެ ގަދަ ބާރެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކުވެއިތާއެވެ. މިމެޗު ނިމިގެންދިޔައީ 1 ލަނޑު 1 ލަނޑުން އެއްވަރުވެގެންނެވެ.

އުތުރު ކޮރެއާވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ވޯރލްޑަޕް ކޮލިފައިންގައި ތަޖަކިސްތާނާއި ދެކޮޅަށް ކުޅެފައެވެ. މިމެޗުވެސް ނިމިގެން ދިޔައީ 1 ލަނޑު 1 ލަނޑުން އެއްވަރު ވެގެންނެވެ.

ވަރަށް ޑިސިޕްލިންޑް ޓީމެއްގެ ގޮތުގައި ފާހަގަކުރެވޭ އުތުރު ކޮރެއާއަކީ މިއަހަރުގެ މުބާރާތުގެ ފެވަރިޓުންކަމުގައި ބޭރުގެ ބައެއް މީޑިއާތަކުން ދެކެއެވެ.

ގުރޫޕް ބީގައި ދެން ހިމެނޭ އަނެއް ޓީމްކަމަށްވާ ފިލިޕީންސްވެސް ވަނީ މުބާރާތައް ދުރާލާ ތައްޔާރުވެފައެވެ. މިފަހަރުގެ މުބާރާތުގައި އެންމެ ތަޖުރިބާކާރު ޓީމެއް ބައިވެރިކޮށްފައިވަނީ ފިލިޕީންސުންނެވެ.

މުބާރާތައް ތައްޔާރުވުމުގެ ގޮތުން މިދިޔަމަހުގެ 29 ވަނަ ދުވަހު މެލޭޝިއާއާއި ދެކޮޅަށް ރަޙުމަތްތެރިކަމުގެ މެޗެއް ކުޅެފައެވެ. މިމެޗު ނިމިގެންދިޔައީ 1 ލަނޑު 1 ލަނޑުން އެއްވަރުވެގެންނެވެ. މެޗަށްފަހު ވާހަކަދައްކަމުން ފިލިޕީންސްގެ ކޯޗު ވަނީ ޓީމުގެ ކުޅުމާއިމެދު ހިތްހަމަޖެހޭ ކަމަށާއި، ޗެލެންޖް ކަޕްގައި ކާމިޔާބު ހޯދޭނޭކަމަށް ބުނެފަ އެވެ.

މި ގުރޫޕްގައި ހިމެނޭ 2006 ވަނަ އަހަރުގެ ޗެލެންޖް ކަޕް ޗެމްޕިއަން ތަޖަކިސްތާންވެސް ވަނީ މުބާރާތައް ތައްޔާރުވުމަށް މީގެ ތިންމަސްދުވަސްކުރިން ފަރިތަކުރުންތައް ފަށާފައެވެ. އެހެންނަމަވެސް ވޯރލްޑްކަޕް ކޮލިފައިންގައި އުތުރު ކޮރެއާއާއި އެކު ކުޅުނު މެޗު ފިޔަވައި އިތުރު މެޗެއް ތަޖަކިސްތާނުން ކުޅެފައެއް ނުވެއެވެ. މިފަހަރުގެ މުބާރާތައް ތަޖަކިސްތާނުންވަނީ ޒުވާން ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ޓީމެއް އެކުލަވާލާފައެވެ.
ގުރޫޕްގެ މެޗުތައް ރޭވިފައިވާ ގޮތަށް ބަލާއިރު މިހިނގާ މާރޗްމަހުގެ 9 ވަނަ ދުވަހު، ގުރޫޕްގެ ފުރަތަމަ މެޗުގައި ރާއްޖޭގަޑިން މެންދުރު 1:45 ގައި ބައްދަލު ކުރާނީ ފިލިޕީންސާއި އެންމެ ފަހުގެ ޗެމްޕިއަން އުތުރު ކޮރެއާއެވެ. ހަމަ އެދުވަހު ހަވީރު 4:15 ގައި ބައްދަލުކުރާނީ އިންޑިއާއާއި ތަޖަކިސްތާނެވެ. މިމަހުގެ 11 ވަނަ ދުވަހު މެންދުރު 1:45 ގައި ބައްދަލުކުރާނީ ތަޖަކިސްތާނާއި އުތުރު ކޮރެއާއެވެ. ހަމަ އެދުވަހު ހަވީރު 4:15 ގައި ބައްދަލުކުރާނީ އިންޑިއާއާއި ފިލިޕީންސެވެ. މިމަހުގެ 13 ވަނަ ދުވަހު މެންދުރު 1:45 ގައި ބައްދަލުކުރާނީ ތަޖަކިސްތާނާއި ފިލިޕީންސެވެ. އަދި އެދުވަހު ހަވީރު 4:15 ގައި ބައްދަލުކުރާނީ އުތުރު ކޮރެއާއި އިންޑިއާ އެވެ.