05 Mar 2012, 14:34
މިއަހަރުގެ ޔޫތްއެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު މިދިޔަ އަހަރުގެ ރަނަރަޕް ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗު 2-0 ލަނޑުން އޭވައިއެލް އިން ކާމިޔާބުކޮށް ގްރޫޕްގެ ދެ ވަނަ މަގާމް ހޯދައިފި އެވެ.
ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި އިއްޔެ ކުޅުނު ގްރޫޕް ދޭއްގެ މިމެޗުގެ ފުރަތަމަ ލަނޑު އޭވައިއެލް އިން ޖެހީ މެޗުގެ 27 ވަނަ މިނެޓުގައި މޫސާ ޔާމިންނެވެ. އަދި އޭވައިއެލްގެ ދެ ވަނަ ލަނޑު މެޗުގެ ދެ ވަނަ ހާފުގެ 60 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މިގްދާދް ސައީދެވެ.
އިއްޔެގެ މޮޅާއެކު ގްރޫޕް ދޭއްގެ ދެ ވަނަ ހަތަރު ޕޮއިންޓާއެކު އޭވައިއެލްއަށް ލިބުނުއިރު، މެޗުން ބަލިވެ އެއް ޕޮއިންޓާއެކު މުބާރާތުން އަލްވަދާއުކީ ނިއުއޮތީ ގްރޫޕްގެ އެންމެ ފުލުގައެވެ. ހަ ޕޮއިންޓާއެކު މި ގްރޫޕްގެ އެއް ވަނަ ލިބެނީ ވެލެންސިޔާ އަށެވެ. އަދި ގްރޫޕުން ތިން ޕޮއިންޓާއެކު ތިން ވަނަ ކެލާ ނާޅި ސްޕޯޓްސް އަށް ލިބޭއިރު، ދެ ޕޮއިންޓާއެކު ގްރޫޕްގެ ހަތަރު ވަނަ ލިބެނީ އީގަލްސްއަށެވެ.
މިދިޔަ އަހަރު އަލަށް ފެށި 20 އަހަރުން ދަށުގެ، މި މުބާރާތް މިފަހަރު ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ 21 އަހަރުން ދަށުގެ އުމުރު ފުރައަށް ބަދަލުކޮށްގެން ނެވެ. މިފަހަރުގެ މުބާރާތުގައި ޖުމްލަ 10 ޓީމެއް ވަނީ ބައިވެރިވެފައި އެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތް ކުރިއަށްގެން ދިއުމަށް ނިންމާފައިވާ އިރު، ސެމީ ފައިނަލަށް ދަތުރު ކުރާނީ ކޮންމެ ގްރޫޕަކުން ވެސް އެއް ވަނަ އާ ދެ ވަނަ ޓީމެވެ. އަދި ގްރޫޕް އޭ އާއި ގްރޫޕް ބީ ފަޅިން އެއް ވަނަ ހޯދާ ދެ ޓީމުގެ މެދުގައި ސެމީފައިނަލްގެ ފުރަތަމަ މެޗް ކުޅުމަށް ނިންމާފައިވާ އިރު، މެޗުން މޮޅުވާ ޓީމެއް ފުރަތަމަ ޓީމެއްގެ ގޮތުގައި ފައިނަލުން ޖާގަ ލިބޭނެ އެވެ. އަދި ފައިނަލްގެ ދެ ވަނަ ޖާގަ ކަށަވަރުވާ ޓީމެއް އިނގޭނީ ތިން ވަނަ ސެމީ ފައިނަލުން މޮޅުވާ ޓީމަކަށެވެ.
މުބާރަތުގައި މާދަމާ ހަވީރު 4:00 ގައި ބައްދަލުކުރާ ދެ ޓީމަކީ ގްރޫޕް އެކެއްގެ ދެ ޓީމް ކަމުގައިވާ ވީބީ އައްޑޫ އެފްސީ އާއި ވިޔަންސާ އެވެ.