05 Mar 2012, 14:29
އެމްޑީޕީގެ ޗެއާޕާސަން ނައިބު އިދާރީގެ މަގާމުގައި ހުންނެވުމަށް ފަހު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި މުހައްމަދު އިމްޒިޔާޒު (އިންތި) އެމްޑީޕީގެ އޮފީހުން ވައްކަން ކޮށްފައިނުވާ ކަމަށް އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހް ވިދާޅުވެއްޖެ އެވެ.
އިންތި ވައްކަން ކުރި ކަމަށް ބުނެ އެމްޑީޕީ އަންހެނުންގެ ގޮފީން ދައްކާ ވާހަކަތަކަށް ރައްދުދެއްވަމުން ޝާހު ވިދާޅުވީ އެމްޑިޕީން ވަކިވެޑައިގެން އިންތި ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައި ވަނީ ޕާޓީގެ އެއްވެސް އެއްޗެއް ހިފައިގެން ނޫން ކަމަށާއި ޕާޓީގެ އޮފީހުން އިންތި ގެންދާނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށެވެ.
"އެމްޑީޕީގައި އިންތި މަސައްކަތް ކުރައްވާފައި ވަނީ ވަރަށް އިހްލާސްތެރިކަމާ އެކު. އޭނާ ޕާޓީގެ އޮފީހުން ގެންދަން އޮންނާނީ އޭނާގެ މަސައްކަތުގެ ތަޖުރިބާ. ޕާޓީގެ އެއްވެސް އެއްޗެއް މަދެއްނޫން." ޝާހް ވިދާޅުވި އެވެ.
އެމްޑީޕީގެ އަންހެނުން ގޮފިން ބުނީ އިންތި ޖުމްހޫރީ ޕާޓީ އަށް ވަޑައިގެންވި އިރު އެމްޑީޕީގެ މުހިއްމު މައުލޫމާތުތަކާއި ޕާޓީގެ މިލްކިއްޔާތުގައިވާ ބައެއްތަކެތި ވަގަށް ނަގާފައިވާ ކަމަށެވެ.
އެ ބަޔާނާ ގުޅިގެން އިންތި ވިދާޅުވެފައި ވަނީ އަންހެނުން ގޮފިން އެ ބަޔާން އާންމުކުރީ އެ ބަޔާނުގައި ހުރި ކަންތައްތައް ޕާޓީގެ އިދާރާއިން ސާފުނުކުރުމެއްނެތި ކަމަށެވެ.