ސިހުރު ފަންޑިތައިގެ ސަބަބުން ޖިންނީންގެ އުނދާގޫ ޖެހިފައިވާ މީހުން އެކަމުން ސަލާމަތް ކޮށްދޭނެ ގޮތް ދަސްކޮށްދިނުމަށް އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް ]އައިއެފްއެމް[ގެ ފަރާތުން "ރުޤްޔާ ޝަރްޢިއްޔާ ފައުންޑޭޝަން ކޯސް"ގެ ނަމުގައި ކޯހެއް އިއުލާން ކޮށްފި އެވެ.

އިސްލާމިކް ފައުންޑޭޝަނުގެ އިލްމެވެރިންގެ މަޖިލީހުގެ ނައިބު ރައީސް އައްޝައިހް އިބްރާހިމް ފަރީދު އަހްމަދު ސަން އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އެ ކޯހުގެ މަގުސަދަކީ ސިހުރު ފަންޑިތަ ޖެހިފައިވާ މީހާ، ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުގެ އެހީގައި ސަލާމަތްވާނެ ގޮތް ދަސްކޮށްދިނުން ކަމަށެވެ.

"ރާއްޖޭގައި ވަރަށް ބޮޑު ބަލި މަޑުކަމެއް މިއީ ސިހުރު ފަންޑިތައިގެ ކަންކަން. މީހުން ހަދާ ފަންޑިތައިގެ ސަބަބުން ނުވަތަ ނޭނގި ނަމަވެސް އިންސާނުންނަށް ކުރެވޭ ކަންކަމާ ހެދި ޖިންނީންގެ ކިބައިން ބައެއް ފަހަރު ބޮޑެތި ގެއްލުންތަކާ މިވަނީ ކުރިމަތިލާން ޖެހިފައި. މި ކޯހުގެ މަގުސަދަކީ ޖިންނީންގެ ފަރާތުން އުނދަގޫތައް ލިބެމުންދާ މީހުން ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތުން ސާބިތުވާ ކަންކަން ބޭނުން ކޮށްގެން ޖިންނި ޝައިތާނުންގެ ކިބައިން ސަލާމަތްވުމަށް ނުވަތަ މީހުން ސަލާމަތްކޮށް ދިނުމަށް ދަސްކޮށްދިނުން." ފަރީދު ވިދާޅުވި އެވެ.

އެ ފައުންޑޭޝަނުން ބުނީ އެ ކޯސް އޮންނާނީ މި މަހު 16 ވަނަ ދުވަހުން ފެށިގެން އެެއް މަސް ދުވަހަށް ކަމަށެވެ.

ފަރީދު ވިދާޅުވީ އެ ކޯހުން ހަމަ އެކަނި ދަސްކޮށްދޭނީ ސިހުރު ފަންޑިތައިން ސަލާމަތްވުން ކަމަށާއި ފަންޑިތަ ހެދި މީހާގެ ކިބައިން ބަދަލު ހިފުމާއި އަދި މީހުންނަށް ފަންޑިތަ ހަދާގޮތް އެ ކޯހުގައި ދަސްކޮށް ނުދޭނެ ކަމަށެވެ.

އިސްލާމިކް ފައުޑޭޝަނުން ބުނީ އެ ކޯހުގައި ކިޔަވާދެއްވާނީ، ޝައިޚް ފަރީދާއި އައްޝައިޚް އަބޫބަކުރު އިބްރާހީމާއި ޑރ. މުޙައްމަދު އިޔާޒާއި ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަހްމާނާއި ޑރ. މުޙައްމަދު މިޝްވާރާއި އައްޝައިޚް ޢަބްދުލްއަޒީޒް ޙުސައިން އާއި އަޙްމަދު ނިޒާމާއި އައްޝައިޚް އިއްޒައްދީން އަދުނާނާޢި އައްޝައިޚް އަޙްމަދު އަބްދުﷲ އަދި ޢައްޝައިޚް އިބްރާހީމް ޢަލީ ކަމަށެވެ.

މި އަހަރުގެ ކޯހުގައި އަންހެނުން ވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.

މި މިދިޔަ އަހަރުގެ ހިންގި ކޯހުގައި 77 މީހުން ބައިވެރިވެފައިވާ އިރު، 14 މީހަކު ސެޓްފިކެޓް ހާސިލްކޮށްފައި ކަމަށް ވެސް އެ ޖަމިއްޔާ އިން ވަނީ ބުނެފަ އެވެ.