01 Dec 2021, 07:31
"މިހެން ހުރެގެންތަ ވާހަކަ ދައްކަންވީ؟" ޝިޒާން ބުނެލިއެވެ. އޭނާ ލުއި ހިނިތުންވުމެއް މިންހާއަށް ރައްދުކޮށްލިއެވެ. ޝިޒާންގެ އެ ސުވާލުން އަނެއްކާވެސް މިންހާއަށް ޝިޒާންގެ ހަށިގަނޑަށް ބަލައިލެވުނެވެ. އެއާއެކު ޝިޒާންގެ ތުންފަތް މަތީގައިވި ހިނިތުންވުން ކޮންމެވެސް ވަރަކަށް ފުޅާވެލިއެވެ.
މިންހާގެ މޫނުމައްޗަށް އަރަމުންދިޔަ ކުލަވަރުތައް ޝިޒާންއަށް ކަމުދިޔައެވެ. އޭނާ ގަމީސް ނަގާ ގަޔަށް މަހާލިއެވެ.
"އެތެރެއަށް ގޮސް ތެތްއެއްޗެހި ބަދަލުކޮށްލައިގެން ލަސްވާނެތަ؟" ޝިޒާން ސުވާލުކޮށްލިއެވެ. މިންހާ ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރައިލިއެވެ.
"ހިނގާ ދަމާ..." ޝިޒާން ހުރީ ހަމަ ޖެހިފައެވެ. އޭނާ މިންހާއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލާފައި ހިނގައިގަތުމުން މިންހާވެސް ޝިޒާންގެ ފަހަތުން ހިނގައިގަތެވެ. ޝިޒާން އޭނާގެ ކޮޓަރިއާ ހަމައަށް އަރާފައި އޭނާ މިންހާއާ ވާހަކަ ދައްކަން ދާނެކަމަށް ބުނުމުން މިންހާ ވެސް ގޮސްވަނީ ކޮޓަރިއަށެވެ. އޭނާ ވިސްނުމެއްގައި އިންދާ ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލި އަޑު އިވުމާއެކު ގޮސް ދޮރު ހުޅުވައިލިއެވެ. ކުރިމަތީގައި ހުރި ޝިޒާންގެ އިސްތަށިގަނޑުގައި އޭރުވެސް ކޮންމެވެސް ވަރަކަށް ތެތްކަމެއް ހުއްޓެވެ. މޫނުމަތިން ފެންނަނީ ތަޒާކަމެވެ. ގަދަފެހިކުލައިގެ ސޯޓާއި އެކު ލާފައިހުރި ހުދުކުލައިގެ އަތްކުރު ޓީޝާޓު ހުރީ ގަޔަށް ހިފާލާފައެވެ. މިންހާ އެއްފަރާތަކަށް ޖެހިލާ ޝިޒާން ވަނުމަށް ތަންދެއްކިއެވެ. ޝިޒާން މިންހާއަށް ބަލައިލަމުން އެނދުގައި އިށީނުމަށް އިޝާރާތްކޮށްލިއެވެ. މިންހާ އެނދުގައި އިށީނދެލުމާއެކު، ޝިޒާން މިންހާއަށް ވަރަށް ފުންކޮށް ބަލައިލިއެވެ. އެ ނަޒަރުގައި ވަނީ މިންހާއަށްޓަކައި އޭނާގެ ހިތުގައިވާ އިންތިހާ ލޯތްބެވެ. އެކަމަކު އެކަން މިންހާއަށް އެނގޭނީ ކިހިނަކުންހެއްޔެވެ؟ ކުޑަމިނުން ޝިޒާންއަށް ފުރުސަތެއް ދޭން ވެސް މިންހާ ނޭދެއެވެ.
ޝިޒާން އައިސް މިންހާއާއި ދާދި ގާތުގައި ހުއްޓިލިއެވެ. އިށީނދެއިން މިންހާ ޝިޒާންގެ މޫނަށް ބަލައިލުމާއެކު ޓައިލްތަކު މަތީގައި އަޅާފައިވާ ރަގްމަތީގައި ޝިޒާން ދެކަކޫ ޖައްސައިލިއެވެ. އެއަށްފަހު މިންހާގެ އަތުގައި މަޑުމަޑުން ހިފައްޓައިލިއެވެ. ޝިޒާންގެ އެ އަަމަލުން މިންހާއަށް ސިހުން ލިބުނެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވި ވަގުތު، ޝިޒާންގެ އެ ކަނޑެއްފަދަ ފުން ދެލޮލާ ނަޒަރު ވަކިކޮށްލަން މިންހާއަށް އުނދަގޫވިއެވެ. ޝިޒާންގެ ލޮލުގައި ވި އަސަރުތައް އޭނާއަށް މާނަ ނުކުރެވި އުޅެނިކޮށް ޝިޒާން އޭނާގެ އަތަށް ބާރުކޮށްލިއެވެ.
"މިންހާ!" ޝިޒާން ގޮވައިލިއެވެ. އާދައިގެ މަތިން އެ އަޑު މަޑުމައިތިރިއެވެ. މިންހާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ހީވަނީ ޝިޒާންގެ އެ "ޓާކިޝް ގްރީން" ކުލައިގެ ދެލޮލުގެ ޖާދޫގައި އޭނާ ޖައްސާ ގައިދުކޮށްލާފައި ވާހެންނެވެ.
"މިންހާ!..." ޝިޒާން އަނެއްކާވެސް މިންހާއަށް ގޮވައިލިއެވެ.
"އާނ... އާނ... ކީކޭ..." މިންހާއަށް ވާހަކަ ދެއްކުނީ އަޅައަޅައިގަންނަމުންނެވެ. ޝިޒާން ދައްކަން އެ އުޅޭ ވާހަކައެއް އެނގޭހިތުން އޭނާގެ ހިތްވަނީ ކެތްމަދުވެފައެވެ.
"އަހަންނަށް އެނގޭ އަހަރެމެންގެ ކައިވެނި ކުރެވުނީ ކުއްލިއަކަށް ކަން. އެ ޙާލަތުގައި ކައިވެނިކުރަން ޖެހުމުން ކޮންމެ މީހަކުގެ ހިތުގައިވެސް ޝަކުވާތައް ވާނެ... ރުޅިވެސް އަންނާނެ. މިންހާ ނޫން އެހެން ކުއްޖެއްނަމަވެސް، ހިތްހަމަނުޖެހޭނެ. އެކަމަކު ވިސްނާލަބަލަ! އަހަރެމެން ދެމީހުންނަކީ ދެމަފިރިން. މިހާރު މިއޮތީ ކައިވެނި ކުރެވިފަ. ކަމެއް ވާއިރަށް ވަރިއަކީ ހައްލެއް ނޫނެއްނު. ވަރި އެ ލަފުޒަކީ ބުނެލަން ކިތަންމެ ލުއި ލަފްޒެއް ނަމަވެސް އެއީ ކުޑަކުޑަ ކަމެއް ނޫން. އަނެއްކޮޅުން އަހަރެން މިންހާ ބައްޕައަށް ވެސް ވައުދުވިން ކައިވެންޏަށްފަހު އަހަރެން މިންހާއަށް ހުރިހާ އުފަލެއް ހޯދައިދޭނެކަމަށް. މިންހާ ވަރިނުކުރާނެކަމަށް. އެ ޔަޤީންކަން އަހަރެން މިންހާ ބައްޕައަށް ދިނިން. އަހަރެން މިންހާ ބޭނުންވަރަކަށް ވަގުތު ދޭނަން... ދުވަހަކުވެސް ކަމަކަށް މިންހާއަށް މަޖުބޫރެއް ނުކުރާނަން. އެކަމަކު މިންހާވެސް އަހަންނަށްޓަކާ އެންމެ ކަމެއް ކޮށްދީ. އަހަންނަށްޓަކައި ނޫނީ މިންހާގެ ބައްޕައަށްޓަކައި. ކަމެއްވާއިރަށް ވަރި، އެ ލަފުޒު ބޭނުން ނުކުރޭ. ގަބޫލުކުރަން ބޭނުން ނުވިޔަސް އަހަރެމެންނަކީ ދެމަފިރިން. ގޭތެރޭގައި އުޅޭ އެއްވެސް މީހަކު ސުވާލުނުކުރިއެއްކަމަކު، އެމީހުންގެ ހިތުގައި އަހަރެމެން ދެކޮޓަރީގައި އުޅޭތީ ސުވާލު އުފެދޭނެ. އެކަން މިންހާއަށް ވެސް އެނގޭނެ. އެކަމަކު އަހަންނަށް އެކަމަށް ވެސް ފަރުވާލެއް ނެތް. އަހަންނަށް މުހިންމީ މިންހާ އުފަލުގައި ހުރުން. އަހަރެންގެ ސަބަބުން މިންހާ އަންކޮމްފޮޓަބަލްވާކަށް އަހަރެން ބޭނުމެއް ނޫން... އަހަންނަށް މިންހާ ވަރިއެއް ނުކުރެވޭނެ. އަހަންނަކީ މިންހާގެ ފިރިމީހާ... އެ ހަޤީގަތް ގަބޫލުކުރަން ބޭނުންނޫނަސް އެއީ ހަޤީގަތަކީ..." ޝިޒާންގެ އަޑުގައިވަނީ މިންހާއަށް ވިސްނައިދޭން ބޭނުންވާފަދަ އަސަރުތަކެކެވެ. އޭނާ ކެތްތެރިކަމާއެކު، މިންހާގެ ޖަވާބަކަށް އިންތިޒާރުކުރިނަމަވެސް، މިންހާ އެއްޗެއް ނުބުނެއެވެ. އެހެން އިނދެފައި ޝިޒާންގެ އަތުތެރޭގައި އޮތް އޭނާގެ އަތް ކުއްލިއަކަށް ދަމައިގަތެވެ. އެއީ ޝިޒާން އެގޮތަށް އޭނާގެ އަތުގައި ހިފައްޓައިލި ފުރަތަމަ ފަހަރެވެ.
"ސޮރީ. މިންހާގެ އިޒުނަ ނެތި އަހަންނަށް މިންހާގެ އަތުގައި އަތް ލެވުނީމަ." ޝިޒާން މާފަށް އެދުނެވެ. އޭނާ މިންހާ ނުރުހޭ ގޮތަކަށް އެއްވެސް ކަމެއް ކުރާކަށް ބޭނުމެއް ނޫނެވެ.
ޝިޒާންގެ ވާހަކަތަކުން އޭނާ މިންހާ ވަރިނުކުރާނެކަން މިންހާއަށް ޔަޤީންކުރެވުނެވެ. އާހިލް މަތިން ހަނދާންވުމާއެކު އޭނާ ރުޅިއަންނަ ގޮތްވިއެވެ. އެހެންނަމަވެސް، އޭނާއެއްޗެއް ނުބުނެއެވެ.
"މިންހާ! ކޮންމެވެސް އެއްޗެއް ބުނެބަލަ!" ޝިޒާން އެދުނެވެ.
"އަހަރެމެން މީ ދެމަފިރިންނަމަވެސް، މިކައިވެންޏަކީ އަހަރެން ބޭނުން ވެގެން ކުރި ކައިވެންޏެއް ނޫން. ދެން ކީއްވެ އަހަރެން ވަރިނުކުރަނީ؟" މިންހާ ސުވާލުކޮށްލިއެވެ. ޝިޒާންއާއި ދިމާލަށް އޭނާގެ ލޯބިވެރިއަކު ހުންނަ ކަމަށާއި، ވަރިވެގެން އޭނާއާ އިންނަން ބޭނުންވާ ވާހަކަ ބުނަން މިންހާ ބޭނުންވިނަމަވެސް، ހީވަނީ ދުލުގައި ތަޅެއް ލެވިފައިވާ ހެންނެވެ. އަނގަ ހުޅުވާލާފައިވެސް ޝިޒާންގެ ދެލޮލަށް ބަލައިލުމާއެކު، އޭނާއަށް މަޑުޖެހެވުނެވެ. ތުންފަތުގައި ދަތް އަޅައިލި މިންހާ އިސްޖަހައިލިއެވެ.
"އަހަރެން ގޮސްލަނީ އިނގޭ މިންހާ..." ޝިޒާން ބޭނުންވީ ވިސްނައިލަން މިންހާއަށް އެކަނި ވަގުތު ކޮޅެއް ދޭށެވެ. އެހެންކަމުން އޭނާ އެ ކޮޓަރިން ނުކުމެލިއެވެ. އޭނާ އެގޮތަށް ވާހަކަ ދެއްކުުމުންވެސް މިންހާ އެ ކައިވެންޏާ މެދު ދެކޭ ނަޒަރިއްޔާތު ތަފާތު ނުވާނެކަން ޝިޒާންއަށް އެނގެއެވެ. އެހެންނަމަވެސް ކޮންމެވެސް ދުވަހަކުން މިންހާ އެ ކައިވެނި ބަލައިގަންނާނެކަމުގައި އޭނާ އުންމީދުކުރިއެވެ.
*****
ހަފްތާއެއް ފަސް
މެންދުރު ފެންވަރާލައިގެން ނުކުތް މިންހާ ހުރީ ބާތްރޯބުގައެވެ. އޭނާ ލާނެ އެއްޗެއް ނެގުމުގެ ނިޔަތުގައި ވޯޑްރޯބު ހުޅުވައިލިއެވެ. އެވަގުތު އެނދުމަތީގައި އޮތް އޭނާގެ ފޯނު ރިންގްވިއެވެ. އޭނާ އާދައިގެ ފިޔަވަޅުތަކެއްގައި ގޮސް ފޯނު ނެގިއެވެ. ގުޅަނީ އާހިލްކަމުން ތުންފަތަށް ވެރިވި ހިނިތުންވުމާއެކު އޭނާ ފޯނު ނަގާ ކަންފަތުގައި ޖައްސައިލިއެވެ.
"އައި މިސްޑް ޔޫ އާހިލް..." މިންހާ ބުނެލިއެވެ.
"އައި މިސް ޔޫ ޓޫ... އެކަމަކު އެންމެ ފަހުންވެސް ރޭގައެއްނު ވާހަކަ ދެއްކީ. އެހާވަރަށް ލޯބިވޭތަ؟ މިސްވަނީ؟" އާހިލް ލާނެއްކޮށް ވާހަކަދެއްކުމާއެކު މިންހާގެ ކޯތާފަތަށް ޖަންބުކުލައެއް ވެރިވިއެވެ.
"އަހަރެން ލޯބިވާވަރު އާހިލްއަށް އިޙްސާސްވެސް ނުކުރެވޭނެ. އެހެންނޫނީ މީހަކާ އިނދެގެން ހުރެ އަހަރެން މިވަރުން އާހިލްއަކާ ހެދި ނޫޅޭނެ." މިންހާ ބުނެލިއެވެ. މިވީ ހަފްތާއެއްގެ ތެރޭގައި މިންހާއާ އާހިލްގެ ގުޅުން ވަނީ އިހު އޮތްގޮތަށް އިއާދަވެފައެވެ. އެ ދެމެދުގައި ވި ގުޅުން އާހިލްއަށް ނޭނގޭނެކަމުގައި މިންހާއަށް ޔަޤީންވެއެވެ.
"އަދިވެސް މާލެ އަންނާކަށް ނޫޅެންތަ؟" ދެކެވެމުން ދިޔަ ވާހަކައެއްގެ ތެރެއިން މިންހާ އާހިލްއާ ސުވާލުކޮށްލިއެވެ.
"އަހަރެން މާލެ އައިސްފައޭ މިގުޅީ." އާހިލް ބުނެލިއެވެ.
"ކޮން އިރަކު؟ ނުވެސް ބުނޭ..." މިންހާއަށް ޝަކުވާކޮށްލެވުނެވެ.
"މިއަދު ހެނދުނު. ކުއްލިއަަކަށޭ އައީ. އެހެންވެ ނުބުނެވުނީ." އާހިލް މިންހާގެ ޝަކުވާތައް އަޑު އަހަން ހުރުމަށްފަހު ޖަވާބުދިނެވެ.
"ދެން އަހަންނާ ބައްދަލުނުކުރާނީ ކޮން އިރަކުންތަ؟" މިންހާ ސުވާލުކޮށްލިއެވެ.
"އަދި ވިސްނާލަން ވަގުތު ކޮޅެއް ދީ. މިންނު. އަހަރެން..."
"ނޫން. ދެން ނުވާނެ. އަހަރެން ބޭނުން މިހާރުން މިހާރަށް އާހިލްއާ ބައްދަލުކުރަން. އަހަރެން ދެކެ ލޯބިވާކަމަށް ދައުވާކޮށްފައި ކީއްވެތަ ބައްދަލުނުކުރަން ތިއުޅެނީ؟ އަހަރެންދެކެ ލޯބި ނުވަނީ ދޯ!" އާހިލްގެ ވާހަކަ މެދުކަނޑާލާފައި ވާހަކަ ދެއްކި މިންހާގެ އަޑުގައިވަނީ މަޑުމޮޅިކަމެކެވެ.
"މިންނު އަންޑަސްޓޭންޑްވެބަލަ!" އާހިލް އެއްބަސްނުވުމުން، މިންހާ އާދޭސް ކުރަން ފެށިއެވެ. އެންމެ ފަހަރަކު އޭނާއާ ބައްދަލުކުރަން ބުނެފައެވެ. އޭނާ ދެކެ ލޯބިވާނަމަ އާހިލް އޭނާގެ އެ އެދުން ފުއްދައިދޭނެކަމުގައި މިންހާ ބުންޏެވެ. އޭނާއަށް ދުވަހަކު ކަމެއް ކޮށްދެންޏާ އާހިލް އޭނާއާ ބައްދަލުކުރާނެކަމުގައި މިންހާ ބުންޏެވެ.
"ކޮންއިރަކުން ބައަދަލުކުރަންވީ؟" އާހިލް ސުވާލުކޮށްލިއެވެ.
"މިރޭ..." މިންހާ ބުނެލިއެވެ. އެންމެ ފަހުން އާހިލް މިންހާއާ ބައްދަލުކުރަން އެއްބަސްވިއެވެ. މިންހާއަށް އުފަލުން ގޮސް ޝުކުރު އަދާކުރެވުނެވެ.
"ތެންކިޔު. ތެންކިޔު. އައި ލަވްޔޫ." ތުންފަތުގައިވި ހިނިތުންވުން ފުޅާކޮށްލި މިންހާ އޭނާގެ އަމިއްލަ ސޫރައަށް ލޯގަނޑުން ބަލައިލިއެވެ. އާހިލް އެންމެ ފަހުން އޭނާއާ ބައްދަލުކުރަން އެއްބަސްވުމުން އޭނާއަށް ލިބިފައިވަނީ ބުނެދޭން ނޭނގޭފަދަ އުފާވެރިކަމެކެވެ. އެންމެ ފަހުން އޭނާގެ ލޯބިވާ އާހިލް ފެންނަނީއެވެ. އެތައް ދުވަހެއްގެ އުންމީދު ފުރިހަމަވަނީއެވެ. އެއަށްވުރެ ބޮޑު އުފަލެއް މިހާރު އޭނާއަށް ލިބޭނެ ހެއްޔެވެ؟
"ކޮންތާކުން ބައްދަލުކުރާނީ؟" މިންހާ ސުވާލުކޮށްލުމާއެކު، އާހިލް މިންހާ ދާންވީ ރެސްޓޯރެންޓުގެ ނަން ބުނެލިއެވެ. އެތައް އިރަކު އާހިލް ގުޅައިގެން އުޅުމަށްފަހު މިންހާ ފޯނު ކަނޑައިލިއެވެ. އޭނާ ދެން އަވަސްވެގަތީ ރީތިވެލުމަށެވެ. ފްލޯރަލް ޓޮޕްކޮޅަކާއި ކަޅުކުލައިގެ ޖީންސްއެއް ލައިގެން މިންހާ ތިރިއަށް މިސްރާބުޖެހިއެވެ. އޭނާ ކާކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އޭރު އެތަނުގައި ރާމިޒާ ހަރަކާތްތެރިވަމުން ދިޔައެވެ. ރާމިޒާއާއެކު ނޯކަރު ދެ އަންހެން ކުދިންވެސް ތިއްބެވެ. އެކަކަކީ ނީނާއެވެ. ދެން ހުރި ކުއްޖާގެ ނަމެއް މިންހާއަކަށް ނޭނގެއެވެ. މިވީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މިންހާއާއި ނީނާއާއި ދޭތެރޭ ކޮންމެވެސް ވަރެއްގެ އެކުވެރިކަމެއް އުފެދިފައިވެއެވެ. އެ ދެމީހުންގެ އުމުރު އެއްވަރުވެފައި ނީނާއަށް ދިވެހިން ރީތިކޮށް ވާހަކަ ދެއްކަން އެނގޭތީކަމަށް ވެސް ވެދާނެއެވެ. މިންހާގެ މޫނުމަތީގައިވި އުފާވެރިކަން، ރާމިޒާއަށް ވެސް ފާހަގަ ކުރެވުނެވެ.
ކާއެއްޗެހި މޭޒުމައްޗަށް އެރުވުމަށްފަހު މިންހާގާތު ކެއުމަށް ރާމިޒާ ބުންޏެވެ. އެއީ އާދައެެވެ. އޭނާ ކާންޖެހެނީ އެކަންޏެވެ. ޝިޒާން ގިނަވަގުތު ގެއަކު ނޫޅެއެވެ. އަބަދުވެސް އުޅެނީ އޮފީހުގައެވެ. ނޫނީ ބިޒީކޮށެވެ. މަދުވަގުތަކު ނުނީ އޭނާއަށް ޝިޒާންއެއް ނުފެނެއެވެ. އޭނާއަށް އެގޭގައި އެއްވެސް ކަމެއް ކުރާކަށް ނުޖެހެއެވެ. ހުރިހާކަމެއް ކުރަން ނޯކަރުން ތިބޭއިރު، އޭނާއަށް މަދުވާ އެއްވެސް އެއްޗެއް ނެތެވެ. އެހެންނަމަވެސް، އެއިން އެއްވެސް ކަމަކުން އޭނާއަށް ޝިޒާންއަށް އެހިތުން ޖާގައެއް ނުދެވުނެވެ.
ކައިގެން މިންހާ ބޮޑު ކޮޓަރީގެ ސޯފާތަކުން ސޯފާއެއްގައި ޖައްސައިލިއެވެ. އޭނާ ޓީވީ ރިމޯޓްނަގާ ޓީވީ ހުޅުވައިލިއެވެ. ދައްކަމުން ދިޔަ ޕްރޮގްރާމަށް ބަލަހައްޓައިގެން އިން މިންހާ ޓީވީއާ ނަޒަރު ވަކިކޮށްލީ، ރާމިޒާ ޝިޒާންގެ ނަން ކިޔައިލިހެން ހީވެގެންނެވެ. އޭނާ ބަލައިލިއިރު، ޝިޒާން ހުރީ އޭނާއަށް ބަލަހައްޓއިގެންނެވެ. އެ ނަޒަރު މާނަކުރަން މިންހާއަށް ނޭނގުނުނަމަވެސް، އެހެންފަހަރުތަކާ ޚިލާފަށް މިފަހަރު ތަފާތުކަމެއް ހުއްޓެވެ. ވިސްނާ ވިސްނާވެސް އެ ނަޒަރު މާނަކުރާކަށް މިންހާއަކަށް ނޭނގުނެވެ. މިންހާއަށް ބަލަން ހުރުމަށްފަހު، ޝިޒާން ހިނގައިގަތީ ސްޓަޑީއާ ދިމާލަށެވެ. އިރުކޮޅަކުން ނުކުމެގެން އައިއިރު އޭނާގެ އަތުގައި ދެތިން ފައިލެއް އޮތެވެ. އަނެއްކާވެސް މިންހާއަށް ފުންކޮށް ބަލައިލުމަށްފަހު، ޝިޒާން އެނބުރި ރާމިޒާއަށް ބަލައިލިއެވެ.
"މިރޭ އަހަރެން ލަސްވެދާނެ އިނގޭ ރާމިޒައްތާ..." ހީވާކަހަލައެވެ. އޭނާ އެހެންބުނީ މިންހާއަށް އަޑު އިއްވުމުގެ ނިޔަތުގައެވެ. ޝިޒާންގެ އަޑު އިވި މިންހާއަށް އަމިއްލަ ނަފްސަށް ހިނިތުންވެވުނެވެ. ޝިޒާން ގޭގައި ނޫޅެންޏާ އޭނާއަށް އާހިލްއާ ބަައްދަލުކުރަން ދާން ފަސޭހަވާނެއެވެ. އޭނާއަށް މާލޭގައި ހިނގަން ނޭނގުނަސް، ޓެކްސީއަކަށް އަރައިގެން އާހިލް ބުނި ރެސްޓޯރެންޓަށް ދެވިދާނެއެވެ.
ފޯނު ރިންގުވުމާއި އެކު މިންހާ ބަލައިލިއެވެ. ގުޅަނީ ޔޫލިންއެވެ. މިންހާ ޔޫލިންއާ ވާހަކަ ދައްކަމުން ދައްކަމުން ސޯފާއިން ތެދުވެގެން ސިޑިއާ ދިމާލަށް ހިނގައިގަތެވެ. ސިޑިން އަރައިގެން ގޮސް ކޮޓަރިއަށް ވަދެ އެނދުމަތީގައި އޮށޯވެލުމަށްފަހު މިންހާ ދެވިސްނުމެއްގައި އޮވެފައި، ޔޫލިންއަށް ގޮވައިލިއެވެ.
"ކިހިނެއްވީ؟ ހާދަ ގޮތަަކަށް ތި ގޮވައިލީ..." ޔޫލިން ސުވާލުކޮށްލިއެވެ.
"ނޫން. ކަމެއް ނުވޭ!" މިންހާ ދެވަނަ ވިސްނުމަކަށް ދިޔަފަދަކުން ބުނެލިއެވެ.
"އުހޫން. ދެން ޖެހޭނީ ބުނަން... ބުނޭ ކިހިނެއްވީ؟" ޔޫލިން ހުއްޓާނުލާ ކިޔަން ފެށުމުން މިންހާ އެންމެ ފަހުން އޭނާ އާހިލްއާ ބައްދަލުކުރަން އުޅޭވާހަކަ ޔޫލިންއާ ހިއްސާކޮށްލިއެވެ.
"އަހަރެން މިއުޅެނީ މިރޭ އާހިލްއާ ބައްދަލުކުރަންވެގެން" މިންހާ މަޑުމަޑުން ބުނެލިއެވެ.
"މިންނޫ... ކީއްކުރަން؟ ތީ މީހެއްގެ އަނތްބެކޭ." މިންހާ ހީކުރިގޮތަށް ޔޫލިންގެ ފަރާތުން އިވުނީ ހިތްހަމަނުޖެހުމުގެ ބަސްތަކެވެ. ޔޫލިން މިންހާއަށް އެތަކެއްގޮތަކަށް ވިސްނައިދޭން މަސައްކަތް ކުރިނަމަވެސް، މިންހާ ހުރީ އޭނާގެ ގޮތުގައެވެ. އެހެންކަމުން މިންހާއަށް ވިސްނައިދިނުމަކީ ބޭކާރު ކަމެއްކަން ވިސްނި ޔޫލިންވެސް، އެންމެ ފަހުން ފޯނު ބޭއްވީއެވެ. އެދުވަހުގެ ހަތަރު ދަމު ކަހަލަ ގޮތަކަށް މިންހާ ހޭދަކުރީ ކޮޓަރީގައެވެ.
ރޭގަނޑުގެ ވަގުތެވެ. ރީތިވެނިމިގެން ލޯގަނޑު ކުރިމަތީގައި ހުއްޓި މިންހާ ފަހުފަހަރަށް އޭނާގެ އަމިއްލަ ސޫރައަށް ބަލައިލިއެވެ. ކަޅޫކުލައިގެ ޖީންސާއެކު، ލާފައިހުރި ރަތްކުލައިގެ ޓޮޕްކޮޅު ގަޔަށް ހިފާލާފައި ހުރިއިރު، އެ ހަށިގަނޑުގެ ބައްޓަން ހާމަވެފައެވެ. ކޮށްފައިވާ ލުއި މޭކަޕާއި، ތުންފަތުގައި ޖައްސާފައިވާ މަޑު ރަތްކުލައިގެ ސަބަބުން، އޭނާގެ ރީތިކަަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވެއެވެ. އޭނާގެ ފަންއިސްތަށިގަނޑު ދޫކޮށްލާފައިވާއިރު ވެސް ހިތްގައިމެވެ. ސެންޓުޖަހައިލަމުން އޭނާ ނޭފަތް އެތެރެއަށް ދަމައިލިއެވެ. ހިތްހަމަޖެހޭ ވަރުވުމުން އޭނާ ހައިހީލްއަކަށް އަރަމުން، އަތް ދަބަސް ނަގައިގެން ކޮޓަރިން ނުކުތުމަށް މިސްރާބުޖެހިއެވެ. އަލަށް އާހިލްއާ ބައްދަލުވާތީ އޭނާގެ ހިތްދިޔައީ އިންތިހާ ބާރުމިނުގައި ތެޅެމުންނެވެ. ހިތުގައިވި ޖަޒުބާތުތައް އުތުރިއަރަމުން ދިޔައެވެ. އެންމެ ފަހުން އޭނާގެ ހުވަފެން ހަޤީގަތަކަށް ވާތީ އެ ހިތްހަމަޖެހުން އޭނާގެ ހިތުގައި ވެއެވެ. ފޮޓޯތަކުން އާހިލް ފެނުނުނަމަވެސް، ހަމަ ލޮލުން ފެނުމުން ވާނެ ގޮތެއް ނޭނގެއެވެ.
ސިޑިން ތިރިއަށް ގޮސް މިންހާ ވަށައިގެން ހޯދައިލިއެވެ. ރާމިޒާމެން މީހަކުވެސް ފެންނަން ނެތުމުން އޭނާ އެ ހިތްހަަމެޖެހުމާއެކު، ގޮސް ގެއިން ނުކުމެލިއެވެ. ގޭޓާ ދިމާލަށް ދިޔަ މިންހާއަށް އޭނާގެ އަތްދަބަހުގައި ބާރަށް ހިފައްޓައިލިއެވެ. އެހިތުގެ ހިނގުން ހަމައަކަށް އަޅުވާނެ ގޮތެއް އޭނާއަކަށް ނޭނގުނެވެ. ފެހިކުލައިގެ ބޯޑު އަޅުވައިގެން ދިޔަ ޓެކްސީއަކަށް އަތް ނަގިތަނާ ނަސީބަކުން ވަގުތުން ހުއްޓައިލިއެވެ. އޭނާ ކާރަށް އަރާ ދާންވީ ރެސްޓޯރެންޓުގެ ނަން ބުނެލިއެވެ.
"ދި ވިއު އިން." ޑްރައިވަރު ބޯ ޖަހާލާފައި ޓެކްސީ ދުއްވައިލިއެވެ. މިންހާ އިނީ ލޯގަނޑުން ބޭރު ބަލަހައްޓައިގެންނެވެ. މާލޭގެ މަގުތައް އާދައިގެ މަތިން ހަލަބޮއްޔެވެ. ކާރޫބާރު ބޮޑެވެ. ބާޒާރުކުރާ މީހުންނާ އެކިއެކި ބޭނުންތަކުގަގައި ނުކުމެ އުޅޭ މީހުންނެވެ.
ރެސްޓޯރެންޓާ ހިސާބަށް އާދެވުމާއެކު، މިންހާ ޓެކްސީއަށް ލާރިދައްކާފައި ފޭބިއެވެ. އޭނާ ރެސްޓޯރެންޓުގެ ބޯޑަށް ބަލައިލަމުން ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. ތަނުގައިވި މަޑު އޮރެންޖު އަލިކަމުގެ އިތުރުން ތަނުގައި ހުރި އިންޑޯ ގަސްތަކާއި، ތަނުގެ އިންޓީރިއަރ ޑިޒައިންގެ ސަބަބުން ތަނުގެ ހިތްގައިމުކަން އިތުރުކޮށްދެއެވެ.
އޭނާ ދެފަރާތަށް ހޯދައިލަމުން އާހިލްގެ ނަންބަރަށް ގުޅައިލި ނަމަވެސް، އާހިލް ފޯނެއް ނުނަގައެވެ. ވެއިޓަރު އައުމުން ވެސް އޭނާ މީހަކަށް އިންތިޒާރުކުރަނީކަމަށްބުނެ މިންހާ އެދުނީ ފެންފުޅިއަކަށެވެ. އެތަނުގައި އިންނަތާ ބައިގަޑިއިރު ވީއިރުވެސް، އާހިލް ފޯނެއް ނުނަގައެވެ. މިންހާ ފެންކަޅިވާ ގޮތްވިއެވެ. އޭނާ ލޯ ފުހެލަމުން ގޮނޑިން ތެދުވެ ނުކުންނަން ހިނގައިގަތެވެ. އެއާއެކު އޭނާ މީހަކުގެ ގައިގައި އަޅައިގަތެވެ. އެމީހަކުގެ މޭގައި އަތް ޖައްސައިލެވުނު ގޮތުން އޭނާ ނުވެއްޓި ސަލާމަތްވިއެވެ. ފުރަަތަމަވެސް ނޭފަތުގައި ޖެހުނީ ފިރިހެން ސެންޓެއްގެ ވަހެވެ. އޭނާ ހަށިގަނޑު ސީދާކޮށްލަމުން އެމީހެއްގެ މޫނަށް ބަލައިލިއެވެ.
(ނުނިމޭ)