ޒުވާނުންނަށް މަސައްކަތުގެ މާހައުލުގައި ތިބެގެން ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ބޭނުމުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އިން ހާއްސަ އެޕްރެންޓެސްޝިޕް ޕްރޮގްރާމެއް ފަށަން ނިންމައިފިއެވެ.

އެގޮތުން މިފްކޯއިންވަނީ ޔޫތު މިނިސްޓްރީން އިސްނަގައިގެން ކުރިއަށް ގެންދާ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވެފައެވެ. އެކަމާ ގުޅ އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފައެވެ.

މިފްކޯއިން ބުނީ އެޕްރެންޓެސްޝިޕް ޕްރޮގްރާމްގެ ދަށުން ޖުމްލަ ހަ ދާއިރާއަކުން 22 ސްލޮޓަކަށް ޒުވާނުން ތަމްރީނުކުރާނެކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ މިފްކޯއަށް މި ވަގުތު އެންމެ މުހިންމު ދާއިރާތަކަށް ބޭނުންވާ ހުނަރު ދަސްކޮށްދޭ ދާއިރާތައްކަމަށް އެ ކުންފުނިން ބުންޏެވެ. އެ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ އިލެކްޓްރިކަލް އިންސްޓަލޭޝަން އެންޑް މެއިންޓަނަންސްއާއި، ވެލްޑިން ޓެކްނިކްސްގެ އިތުރުން އޮޓޮމޯޓިވް މެއިންޓަނަންސެވެ.

ހަމައެއާއެކު މެރިން މެކޭނިކާއި، ރެފްރިޖެރޭޝަން އެންޑް އެއަރ ކޮންޑިޝަނިން މެކޭނިކްގެ އިތުރުން އަދި ފިޝް ޕްރޮސެސިން އެންޑް ކުއަލިޓީ ކޮންޓްރޯލްގެ ދާއިރާއިން ޒުވާނުން ތަމްރީނު ކުރާނެއެވެ.

މި ޕްރޮގްރާމްގެ ދަށުން ތަމްރީން ޕްރޮގްރާމްތައް ހިންގާނީ
މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑަޑްތަކަށް ފެތޭ ގޮތަށެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ޒުވާނުން ތަމްރީނުކުރާނީ ކުރިމަތިލާފައިވާ ދާއިރާއަކާ ގުޅޭ ގޮތުން އަމަލީ ތަޖުރިބާ ވެސް ދީގެންނެވެ. މި ޕްރޮގްރާމް ނިންމާ ޒުވާނުންނަށް ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް ތިނެއްގެ ސެޓްފިކެޓް ލިބޭނެއެވެ.

މި ޕްރޮގްރާމްގެ މުއްދަތުގައި ބައިވެރިންނަށް އަމަލީ ތަޖުރިބާ ހޯދުމަށް މިފްކޯގެ ސެންޓަރުތަކުގައި މަސައްކަތްކުރާ ދުވަސްތަކަށް 3،000 ރުފިޔާގެ އެލަވަންސެއް ވެސް ލިބޭނެއެވެ. އަދި ޕްރޮގްރާމް ފުރިހަމަކުރުމުން މިފްކޯއިން ވަޒީފާގެ ފުރުސަތު ވެސް ފަހިވާނެއެވެ.

މިފްކޯގެ މި ޕްރޮގްރާމްގެ ތެރެއިން މަސައްކަތުގެ ހުނަރު ހުރި ނަމަވެސް، ގައުމީ ސަނަދުގެ ލެވެލް ތިނެއްގެ ސެޓްފިކެޓެއް ނެތް ހަތް މުވައްޒަފަކަށް މި ޕްރޮގްރާމްގައި ބައިވެރިވެ ސަނަދު ހާސިލްކުުރުމަށް ފުރުސަތު ދިނުމަށްވަނީ ހަމަޖެހިފައެވެ.

މިފްކޯއިން ބުނީއެ ކުންފުނީގެ އުންމީދަކީ އެ ޕްރޮގްރާމްގެ ތެރެއިން ވަޒީފާގެ ބާޒާރަށް ހުނަރުވެރި ޒުވާނުންތަކެއް އުފެދުން ކަމަށެވެ.