ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ބަންދުގައި ބަހައްޓައިގެން ކްރިމިިނަލް ކޯޓަށް ހާޒިރުކުރުމަށް އެ ކޯޓުން ފުލުހުންނަށް އަމުރުކޮށްފިއެވެ.

އަލީ ވަހީދު 72 ގަޑިއިރު ތެރޭ ކޯޓަށް ހާޒިރު ނުވެއްޖެނަމަ އޭނާގެ މައްޗަށް ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ)އަށް ފިޔަވަޅު އަޅަން ކުރިމިނަލް ކޯޓުން ނިންމައިފައިވަނީ މިދިޔަ އާދިއްތަ ދުވަހެވެ.

ޖިންސީ ގޯނާގެ ތުހުމަތުތަކާ އެކު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓައި އޭނާ ފުރުން މަނާކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ. އެ އަމުރު މުރާޖައާކުރުމުން އޭނާގެ ޕާސްޕޯޓު ވަނީ ދޫކޮށްލައިފައެވެ.

ޕާސްޕޯޓް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ, ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭކަން ކަށަވަރު ކުރުމަށް ޑޮކްޓަރު ހާޒިރުކޮށް، ޑޮކްޓަރުގެ ވާހަކަތައް އަޑުއެހުމަށްފަހުއެވެ. ޑޮކްޓަރު ވިދާޅުވި ކަމަށްވަނީ، ރާއްޖެއިން އެ އޮޕަރޭޝަން ކޮށްފި ނަމަ ފުރާނައަށް ނުރައްކާވެދާނެ ކަމަށެވެ.

ޑޮކްޓަރުގެ ވާހަކަތަކަށް ފަހު ދައުލަތުން ވަނީ އަލީ ވަހީދު ބޭސްފަރުވާއަށް ފޮނުވަން ކުރި އިއުތިރާޒު ދޫކޮށްލައިފައެވެ.

އަޑުބަރޭ ޖާމިނުވެފައި ވަނީ، ނުވަތަ ކޯޓަށް ޔަގީންކަން ދީފައި ވަނީ ހަތަރު މަސް ފަހުން އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދޭނެ ކަމަށެވެ.

އެއާއެކު އަލީ ވަހީދު ވަނީ ލަންޑަނަށް ގޮސްފައެވެ.

ނަމަވެސް ހަތަރު މަސް ހަމަވެގެން ދިޔައިރު ވެސް އަލީ ވަހީދު ރާއްޖެއައިސްފައެއް ނުވެއެވެ. އެއާއެކު އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ވަނީ ކުރިއަށް ނުގެންދެވި ހުއްޓިފައެވެ.

މީގެ ކުރިން އެ މައްސަލައިގެ އަޑުއެހުންތަކެއް އޮންލައިންކޮށް ކުރިއަށް ގެންދިޔަ ނަމަވެސް, އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ.