05 Mar 2012, 13:37
މިދިޔަ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ސުނާމީ ބިނާ ސަރަހައްދުގައި އެމްޑީޕީ އިން ކުރަމުން އަންނަ މުޒާހަރާތަކާ ގުޅުން ހުރި ކޮންޓެންޓްތައް ބްރޯޑްކާސްޓްކުރުމުގައި ފުރިހަމަ ކޮންޓްރޯލް އޮންނަ ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމަށް ރާއްޖެ ޓީވީ އަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގައިފި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ އަށް މިއަދު ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ އެމްޑީޕީ އިން ސުނާމީ ސަރަހައްދުތަގައި ބާއްވަމުން އަންނަ މުޒާހަރާތަކުގެ ކޮންޓެންޓް ގެނެސްދޭ އިރު، ބައެއް ފަހަރު ބްރޯޑްކާސްޓް ކުރުމުގެ މިންގަނޑުތަކާއި އަދަބު އަހުލާގާ ހިލާފު ކޮންޓެންޓް ގެނެސްދޭ ކަމަށާއި ހަމަނުޖެހުމަށް ހިތްވަރުދީ އެކަމަށް ގޮވާލައި ދައްކަމުން އަންނަ ވާހަކަތައް ރާއްޖޭ ޓީވީން ބްރޯޑްކާސްޓްކުރާ ކަމުގެ ޝަކުވާ އެކޮމިޝަނަށް ލިބެމުން އަންނަ ކަމަށެވެ. އަދި އެކަން އެކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އެފަދަ ކޮންޓެންޓްތައް ބްރޯޑްކާސްޓް ކުރުމަކީ ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ 37 ވަނަ މާއްދާގެ (ނ)ގެ ދަށުން ބްރޯޑްކާސްޓަރުން އަމަލުކުރަން ޖެހޭ ކޯޑް އޮފް ކޮންޑަކްޓްގެ މައިގަނޑު އަސާސްތަކުގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންކަމާ ކަނޑައެޅިގެން ހިލާފް ކަމެއް ކަމަށް ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެ އެވެ.
އެކޮމިޝަންގެ ސިޓީގައި ބުނެފައި ވަނީ ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 44 ވަނަ މާއްދާގެ ދަށުން އެފަދަ ކޮންޓެންޓް ބްރޯޑްކާސްޓްކުރާ، ބްރޯޑްކާސްޓަރުންނަށް ނަސޭހަތްދީ އިންޒާރުދިނުމުން ވެސް ގާނޫނާއި ގަވާއިދުގެ ތެރެއިން ބްރޯޑްކާސްޓް ނުކުރާ ނަމަ އެފަދަ ޕްރޯގްރާމްތައް ހުއްޓާލަން އެންގުން ފަދަ ފިޔަވަޅުތައް މީގެކުރިން ވެސް އެކޮމިޝަނުން އަޅާފައިވާނެ ކަމަށެވެ.
"މީގެކުރިން ވެސް ރާއްޖެ ޓީވީ އިން ބްރޯޑްކާސްޓް ކުރި ބައެއް ކޮންޓެންޓްތަކާ ގުޅިގެން މިކޮމިޝަނުން ވާނީ ތިޔަ ސްޓޭޝަންގެ އިސް ބޭފުޅުންނާ ބައްދަލުކޮށް ނަސޭހަތްތެރިވެ ގާނޫނާއި ގަވާއިދާ އެއްގޮތަށް ބްރޯޑްކާސްޓްކުރުމަށް އަންގައިފައި،" ބްރޯޑްކާސްޓިން ކޮމިޝަނުން ބުންޏެވެ.
އެމްޑީޕީން ބާއްވަމުން އަންނަ މުޒާހަރާގެ މަންޒަރުތަކާއި އަޑުތަކާއި އެއާ ގުޅުން ހުރި އެހެނިހެން ކޮންޓެންޓްތައް ކުރިއަށް އޮތް ތަނުގައި ބްރޯޑްކާސްޓްކުރާއިރު ވެސް ރާއްޖެ ޓީވީގެ ފުރިހަމަ ކޮންޓްރޯލް އޮވެގެން ބްރޯޑްކާސްޓް ކުރުމަށް އެކޮމިޝަނުން ވަނީ އެދިފަ އެވެ.