30 Nov 2021, 18:01
ފުލުހުން އެދުމާ ގުޅިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރާއްޖެއިން ބޭރަށް ފުރުން މަނާކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެފިއެވެ.
ފުރުން މަނާކުރުމުގެ އަމުރަކަށް ފުލުހުން އެދިފައިވަނީ، ރައީސް ޔާމީނަށް ކޮށްފައިވާ ފަސް އަހަރަ ދުވަހުގެ ޖަލު ހުކުމް ބާތިލްކޮށް އެމަނިކުފާނު މިނިވަންކުރަން ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރުމާ ގުޅިގެންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޝަރީއަތުގައި ހުރި މައްސަލަތަކަކާ ގުޅިގެން ރައީސް ޔާމީން ރާއްޖެއިން ބޭރަށް ފުރުން މަނާ ކުރުމުގެ އެދުމަކަށް ފުލުހުން އެދުމާ ގުޅިގެން، އެ އަމުރު ކްރިމިނަލް ކޯޓުން ނެރެދީފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓުން މި އަމުރު ނެރެފައިވަނީ ހަތް ދުވަހުގެ މުއްދަތަކަށެވެ.
ގއ. ވޮޑަމުއްލާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ، ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ، ނޮވެމްބަރު 28، 2019ގައެވެ.
އެ މައްސަލަ ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދު ކުރުމަށް ނިންމައިފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. އެ މައްސަލަ އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅީ މިއަހަރުގެ އޭޕްރީލް 19ގައިއެވެ.
ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުގައި ވަނީ ހައި ކޯޓުން ދެމެހެއްޓި ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލް ކުރުމަށް ނިންމައިފައެވެ.