30 Nov 2021, 17:31
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ވުމުން، އެމަނިކުފާނަށް ފޯރުކޮށްދޭން ޖެހޭ ސެކިއުރިޓީ ފޯރުކޮށްދީފައިނުވާތީ، ޔާމީންގެ ވަކީލުންގެ ޓީމުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރަ ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ. ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމް ބާތިލްކޮށް އެމަނިކުފާނު މިނިވަންކުރަން ސުޕްރީމް ކޯޓުން ނިންމައިފައިވަނީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ރައީސް ޔާމީންގެ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ޖަމީލް ވިދާޅުވީ ސަރުކާރުން އަބަދު ވެސް އަންނަނީ ރައީސް ޔާމީނާ މެދު ތަފާތުކުރުންތައް ގެންގުޅެމުން ކަމަށެވެ.
އެކަން މިއަދު ވެސް ވަރަށް ރަނގަޅަށް ހާމަވެގެން ގޮސްފި ކަމަށް ޖަމީލް ވިދާޅުވިއެވެ.
"ރައީސް ޔާމީންގެ ކުށެއް ނެތް ކަން ސުޕްރީމް ކޯޓުގެ ހުކުމަކުން އިއްވައި، ފަނޑިޔާރުން ތެދުވާ ހިސާބުން އެމަނިކުފާނަށް ސެކިއުރިޓީ ލިބެން ޖެހޭނެ، އެއީކީ އެއްވެސް ޝައްކެއް ނެތް، އެހެންވީމަ އަޅުގަނޑު ދަންނަވާނީ އެކަމުގެ ސަރުކާރުން އޮތީ ހަގީގަތުގައި އެކަން ދޫކޮށްލައިފައޭ،" ޖަމީލް ވިދާޅުވިއެވެ.
ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޖަމީލް އިތުރަށް ވިދާޅުވީ ރައީސް ކަން ކުރައްވައިފައިވާ ބޭފުޅުންނަށް ހަމަލާތައް ދީފައިވާއިރު، ސެކިއުރިޓީ ދިނުމުގައި ތަފާތު ކުރުން ގެންގުޅުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.
"ރައީސްކަން ކުރައްވައިފައި ތިއްބަވާ ބޭފުޅުންނަށް އެބަޖެހޭ އެ ބޭފުޅުންނަށް ސެކިއުރިޓީއާއި އެ ބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަމަކީ ފަސޭހަކޮށް ނަގައިގެން ނުވާނެ،" ޖަމީލް ވިދާޅުވިއެވެ.
"ރައީސް ނަޝީދާ ޖެހުނީމާ ހަގީގަތުގައި ބައްލަވާ، އެއާޕޯޓުން ފެށިގެން އައިސް މަގުމަތިން ދުވެފަ، ހަތަރު ފަސް ކާރު ފަހަތުން ދުވެފަ، މި ކަންތައްތައް އެމަނިކުފާށް ކުރެއްވޭ،"
ޖަމީލް ވަނީ ރައީސް ނަޝީދުގެ އަމިއްލަ ގެކޮޅު ހުންނަވާއިރު ވެސް، މަޖިލީހުން އެމަނިކުފާނަށް ރަސްމީ ގެކޮޅެއް ހަމަޖެއްސެވުމުން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
ހަމައެހެންމެ ރައީސް ޔާމީނަށް ދައުލަތުން ލިބެން ޖެހޭ އިނާޔަތްތައް ބަޖެޓުގައި ހިމަނައިފައިނުވާތީ ވެސް ޖަމީލް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
ގއ. ވޮޑަމުއްލާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ، ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ، ނޮވެމްބަރު 28، 2019ގައެވެ.
އެ މައްސަލަ ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދު ކުރުމަށް ނިންމައިފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. އެ މައްސަލަ އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅީ މިއަހަރުގެ އޭޕްރީލް 19ގައިއެވެ.
ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުގައި ވަނީ ހައި ކޯޓުން ދެމެހެއްޓި ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލް ކުރުމަށް ނިންމައިފައެވެ.