05 Mar 2012, 13:32
އާސެނަލްގެ ހޮލެންޑް ފޯވާޑް ރޮބިން ވެންޕާސީ އަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި، އޭނާގެ އިތުރުން ވެސް މޮޅެތި ގިނަ ކުޅުންތެރިންތަކެއް އެބަތިބި ކަމަށް އޭސީ މިލާންގެ ވެރިޔާ ސިލްވިއޯ ބަރްލަސްކޯނީ ބުނެފި އެވެ.
އުމުރުން 28 އަހަރުގެ ވެންޕާސީ އާއި އާސެނަލް އާއި ދެމެދު ހަދާފައިވާ އެއްބަސްވުން 2013 ވަނަ އަހަރު ހަމަވާއިރު، ވެންޕާސީ ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރާނެ ކަމަށް ބެލެވެނީ މިލާނުންނެވެ. ނަމަވެސް ވެންޕާސީ ހޯދުމަށް މަސައްކަތްކުރާނެ ކަމަށް މިލާނުން ރަސްމީ ސިފައެއްގައި ހާމަކޮށްފަ އެއް ނުވެއެވެ.
"ވެންޕާސީ އަކީ މޮޅު ކުޅުންތެރިއެއް. ނަމަވެސް އޭނާގެ އިތުރުން ވެސް މޮޅެތި ގިނަ ކުޅުންތެރިންތަކެއް އެބަ ތިބި. މިހާރު ވެންޕާސީ ދައްކާ ކުޅުމަކީ އެކުލަބަކަށް ފައިދާކުރާނެ ކުޅުމެއް." ބަރްލަސްކޯނީ ބުންޏެވެ.
ހޮލެންޑުގެ ގައުމީ ޓީމަށް ވެސް ކުޅެމުންދާ ވެން ޕާސީ އަކީ އެގައުމުގެ ފެޔަނޫޑް ކުލަބުން 2004 ވަނަ އަހަރު 2.75 މިލިޔަން ޕައުންޑަށް އާސެނަލް އަށް ބަދަލުވި ކުޅުންތެރިއެކެވެ. މިވަގުތު ވެންޕާސީ އޮތީ ޕްރެމިއާ ލީގުގެ ލަނޑު ލިސްޓުގެ އެންމެ ކުރީގަ އެވެ.