30 Nov 2021, 19:04
މާލޭ ސިޓީގައި ކޮވިޑް ވެކްސިން ޖެހޭ ގަޑިތައް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފިއެވެ.
އެގޮތުން ސިނޮފާން ވެކްސިން ޖަހައިދެމުން ދާނީ ހެނދުނު 8:30ން 9:30ށް ސެނެހިޔާގައެވެ.
އެސްޓްރަޒެނެކާ ވެކްސިން ފަސް ތަނަކުން ޖެހޭނެއެވެ. އެއީ ދަމަނަވެއްޓާއި ސެނެހިޔާ ހޮސްޕިޓަލާއި އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލެވެ.
ދަމަނަވެށިން ވެކްސިން ޖަހައިދެނީ ހަމައެކަނި އެޕޮއިންޓްމަންޓް އުސޫލުންނެވެ. އެއީ މެންދުރު 1:00ން 3:00އަށެވެ.
ސެނެހިޔާއިންވެސް ހަމައެކަނި އެޕޮއިންޓްމަންޓް އުސޫލުން ހެނދުނު 10:00ން 12:30ށް އެސްޓްރަޒެނެކާ ވެކްސިން ޖަހައިދޭއިރު ވިލިމާލޭ ހޮސްޕިޓަލުން ކޮންމެ އަންގާރަ ދުވަހަކު އެސްޓްރަޒެނެކާ ޖަހައިދޭނީ ހޮސްޕިޓަލުން ދޫކުރާ އެޕޮއިންޓްމަންޓަށެވެ.
އައިޖީއެމްއެޗުން ކޮންމެ ހޮނިހިރު، އާދީއްތަ އަދި ހޯމަ ދުވަހެއްގެ ހެނދުނު 10:00ން މެންދުރު 2:00ށް ހަމައެކަނި އެޕޮއިންޓްމަންޓަށް އެސްޓްރަޒެނެކާ ވެކްސިން ޖަހައިދެއެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލުން އެޕޮއިންޓްމަންޓް އުސޫލުން އަދި ހޮސްޕިޓަލަށް ގޮސްގެން އެސްޓްރަޒެނެކާ ވެކްސިން ޖެހޭނީ ހެނދުނު 9:30ން 10:30އަށެވެ.
ރާއްޖޭގައި މިވަގުތު ކޮވިޑް ބޫސްޓާ ޑޯޒް ޖަހައިދެނީ ވެކްސިންގެ ދެ ޑޯޒް ޖަހައި ހަމަސް ވެފައިވާ އުމުރުން 50 އަހަރުން މަތީގެ މީހުނާއި ހައިރިސްކް މީހުންނަށެވެ.
އުމުރުން ދުވަސްވީ މީހުނާއި ހައިރިސްކް ކެޓަގަރީތަކުގައި ހިމެނޭ ސިއްހީ ހިދުމަތްތެރިންނާއި ޓޫރިޒަމް ދާއިރާގައި އުޅޭ މީހުން އަދި އެއާޕޯޓްފަދަ ތަންތާގައި މަސައްކަތް ކުރާ މީހުން ވީހާވެސް އަވަހަކަށް ބޫސްޓާ ޑޯޒް ޖެހުމަށް އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ފާތިމަތު ނަޒްލާ ރަފީގު އެދިވަޑައިގަތެވެ.
"އަތޮޅުތަކުގެ ރަށްރަށުގެ ހޮސްޕިޓަލް އަދި ހެލްތް ސެންޓަރުން ބޫސްޓާ ޑޯޒް ދިނުމުގެ ކަންތައްތައް ހަމަޖައްސަވާނެ ގަޑިތަކާ، ކޮންތަނެއްގަ ކަމާ، އެބޭފުޅުން އާއްމުންނަށް މައުލޫމާތު ދެއްވަމުން ގެންދަވާނެ. ރަށްރަށަށް ބޭނުންވާ ވަރަށް ފޮނުވިފަ ވަނީ ވެކްސިން،" ނަޒްލާ ވިދާޅުވިއެވެ.
އެގޮތުން ބޫސްޓާ ޑޯޒް ޖެހޭނެ 50 އަހަރުން މަތީގެ މީހުންނަކީ ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުންނާއި ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާ ފަދަ ބައެއް ބޭސްތައް ބޭނުންކުރާ މީހުންނެވެ.
މީގެ އިތުރުން ބޫސްޓާ ޑޯޒް ޖެހޭނެ މީހުންނަކީ, ދިގު މުއްދަތަކަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުންނާއި ގަވައިދުން ޑައިލިސިސް ހަދާ މީހުންނާއި، ކެންސަރު ބައްޔަށް މިހާރު ފަރުވާ ހޯދަމުން އަންނަ ނުވަތަ ފަރުވާ ނިމި އަހަރެއްނުވާ މީހުންގެ އިތުރުން އިސްކޮޅާ އަޅާ ބަލާއިރު ބަރުދަން ނުވަތަ ބީއެމްއައި 40 އަށްވުރެ މަތި މީހުންނެވެ. އަދި ހަކުރު ބަލީގެ ސަބަބުން ގުނަވަނަކަށް ގެއްލުންވެފައިވާ މީހުންނާއި، އުމުރުން ދުވަސްވުމުގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން އެނދުމަތިވެފައިވާ މީހުންނާއި ހިތުގެ ބަލިތަކަށް ފަރުވާ ކުރާ މީހުންނަށް ވެސް ބޫސްޓާ ޑޯޒް ޖެހޭނެއެވެ.
މާލެ ސަރަހައްދުގައި ފައިޒާ ވެކްސިން ޖަހާފައިވާ ފަރާތްތަކާއި ކޮވިޑް ބޫސްޓާ ޑޯޒް ޖަހާ ފަރާތްތަކަށް ވެސް ވެކްސިން ޖެހޭނީ އޭޑީކޭ، ހުޅުމާލެ ހޮސްޕިޓަލް އަދި އައިޖީއެމްއެޗްގެ އިތުރުން ދަމަނަވެށީގައެވެ.
އޭޑީކޭއިން ބޫސްޓާ ޑޯޒް ޖެހޭނީ ކިއުބީއިން ހަމައެކަނި އެޕޮއިންޓްމަންޓް އުސޫލުން، މެންދުރުފަހު 3:00ން 5:00އަށެވެ.
ހުޅުމާލޭ ހޮސްޕިޓަލާއި ދަމަނަވެށިންވެސްބުކް.އެޗްޕީއޭމެދުވެރިކޮށް ހަމައެކަނި އެޕޮއިންޓްމަންޓް އުސޫލުން ކޮންމެ ދުވަހެއްގެ މެންދުރު 1:00ން 3:00ށް ބޫސްޓާ ޑޯޒް ޖަހައިދޭނެއެވެ.
އައިޖީއެމްއެޗަށް ގޮސްގެން ބޫސްޓާ ޑޯޒް ޖެހުމަށް ހުޅުވާލާފައި ވަނީ ކޮންމެ އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހެއްގައެވެ.
ފައިޒާގެ ދެވަނަ ޑޯޒް ޖަހާ މީހުނަށް އެޕޮއިންޓްމަންޓް އުސޫލުންވެސް އައިޖީއެމްއެޗްއިން ވެކްސިން ޖެހޭނެއެވެ.