އާސެނަލް އިން ދެން މަސައްކަތްކުރާނީ މިސީޒަނުގެ ޕްރެމިއާ ލީގުގެ ގަދަ ހަތަރެއްގައި އޮވެ، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ވެސް ކޮލިފައިވާން ކަމަށް އެކުލަބުގެ ގޯލްކީޕަރު ވޮޖިއެޗް ސުޒެސްނީ ބުނެފި އެވެ.

ސީޒަން ފެށުނު އިރު، އާސެނަލް އަށް ވަނީ ގިނަ ނާކާމިޔާބީތަކަކާއި ކުރިމަތިލާން ޖެހިފަ އެވެ. ނަމަވެސް އެކަމުން ސަލާމަތްވެ، އާސެނަލް އިން މިހާރު ޕްރެމިއާ ލީގުގައި ދަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ޓޮޓެންހަމް ހޮޓްސްޕާގެ މައްޗަށް ފަހަތުން އަރާ މޮޅުވި މެޗާއި މިދިޔަ ހޮނިހިރު ދުވަހު ލިވަޕޫލް އަތުން ފަހަތުން އަރާ މޮޅުވި މެޗެވެ.

"އަހަރެމެންނަށް ގަދަ ހަތަރެއްގައި ހިފަހައްޓައި ލެވިދާނެ. ނަމަވެސް އެކަން ކުރުމަށް ހުރިހާ މެޗަކުން މޮޅުވާން މަސައްކަތް ކުރަން ޖެހޭނެ. އަހަރެމެންގެ ލީގުގެ ހަތަރު ވަނާގައި އޮތްއިރު، ފަހަތުގައި ޗެލްސީ އާއި، ނިއުކާސަލް އަދި ލިވަޕޫލް ވިއްދާފައި އޮތްކަން އެނގޭ." ސުޒެސްނީ ބުންޏެވެ.

މިސީޒަނުގެ ޗެމްޕިއަންސް ލީގުން ކަޓައިފި ނަމަ، އާސެނަލް އިން ސީޒަން ނިންމާލަން ޖެހޭނީ ހުސްއަތާ އެވެ. އޭރުން އާސެނަލް އަށް ތައްޓެއް ނުލިބޭތާ ވާނީ ހަތް އަހަރެވެ. އާސެނަލް އަށް ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ކުރިއަށް ދިއުމަށް އޮތީ ހަނި ފުރުސަތެކެވެ. އެއީ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި އޭސީ މިލާން އަތުން 4-0 ލަނޑުން ބަލިވުމުންނެވެ.