މިސީޒަނުގެ ސްޕެނިޝް ލަލީގާ ތަށި ބާސެލޯނާ އަށް ދިފާޢު ނުކުރެވޭނެކަން އެނގުނަސް އެންމެ ފަހު ވަގުތާއި ޖެހެންދެން މަސައްކަތްކުރާނެ ކަމަށް ބާސާގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

"މިދިޔަ ސީޒަނެކޭ އެއްފަދައިން މިސީޒަނަކީ ވެސް ކާމިޔާބީ ސީޒަނަކަށް ވޭތޯ އަހަރެމެން ވަރަށް މަސައްކަތްކުރަން. މިސީޒަނުގެ ލަލީގާ ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަމެއް ނެތަސް، އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް މަސައްކަތް ކުރާނަން." ގާޑިއޯލާ ބުންޏެވެ.

ބާސާގެ ކޯޗުކަމާއި ގާޑިއޯލާ ހަވާލުވި ފަހުން އެޓީމަށް ތޭރަ މުބާރާތް ކާމިޔާބު ކޮށްދީފައި ވެއެވެ. މިސީޒަނުގެ ސްޕެނިޝް ލީގުގެ އެއްވަނާގައި އޮތް ރެއާލް މެޑްރިޑާއި ބާސާ އާއި ދެމެދު ދިހަ ޕޮއިންޓްގެ ފަރަގެއް ވެއެވެ. މިސީޒަނުގައި ގާޑިއޯލާގެ ކޯޗުކަމުގެ ދަށުން ބާސާ އަށް ޗެމްޕިއަންސް ލީގާއި ސްޕެނިޝް ކޮޕާ ޑެލްރޭ މުބާރާތް ހޯދައިދިނުމުގެ ފުރުސަތު އެބައޮތެވެ.