އައްޑޫގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މީހުން އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން މަނާކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ އިން ރޭ އާއްމުކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން އައްޑޫގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާތީ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކޮށް، އިއްޔެ އިން ފެށިގެން ބައެއް އިތުރު ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ވަނީ އަންގައިފައެވެ.

އެ ފިޔަވަޅުތަކުގެ ތެރޭގައި މީހުން އެއްގެއިން އަނެއް ގެއަށް ޒިޔާރާތް ކުރުން މަނާ ކުރުމުގެ އިތުރުން އާއްމުކޮށް އެންމެން އެއްތަނަކަށް އެއްވެގެން ކުރިއަށް ގެންދާ ހަރަކާތްތައް މަނާ ކުރުން ހިމެނެއެވެ. އެގޮތުން ކުޅިވަރު މުބާރާތްތަކާއި، ހަފްލާތަކާއި އަދި ޖަލްސާތައް ނުބޭއްވުމަށް ވަނީ އަންގައިފައެވެ.

ހަމައެއާއެކު އައްޑޫގެ ސްކޫލްތަކުގައި ކިޔެވުމުގެ އިތުރުން ބާއްވާ އެހެނިހެން ހަރަކާތްތަތައް މިވަގުތު ކުރިޔަށް ނުގެންދިޔުމަށް ވަނީ އަންގައިފައެވެ. އެގޮތުން ސްކޫލުތަކުގައި ބޭއްވޭ މުބާރާތްތަކާއި، ޖަލްސާތައް ބޭއްވުން ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން އައްޑޫގައި ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 ޖެހުމާ ހަމައަށް، ކުރިން ވެސް އޮތްގޮތަށް ކާފިއު ދެމެހެއްޓުމަށް ސިޓީ ކައުންސިލުން ވަނީ ނިންމައިފައެވެ.

އައްޑޫ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އޭއީއޯސީ) އިން ރޭ އާއްމުކުރި ތަފާސް ހިސާބުތަކުގައިވާ ގޮތުން އަލަށް ނެގި 130 ސާމްޕަލްގެ ތެރެއިން 14 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި އައްޑޫގައި އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 264އަށް އަރައިފައެވެ.

މުޅި ރާއްޖެއިން އިއްޔެ ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 114 މީހުން ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުން ދައްކައެވެ. އެއާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 91،464އަށް އަރާފައެވެ. އޭގެ ތެރެއިން މިހާތަނަށް ބަލިން ފަސޭހަ ވެފައި ވަނީ 89،434 މީހެކެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 1،769ގައެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 248 މީހަކު މަރުވެފައިވެއެވެ.

ކޮވިޑްގެ އާ ވޭރިއަންޓެއް އަނެއްކާވެސް ފެނި، ރާއްޖޭގެ ފިޔަވަޅުތައް އަންނަނީ ވަރުގަދަ ކުރަމުންނެވެ. "އޮމިކްރޯން" ނަމަކަށް ކިޔާ އެ ވޭރިއަންޓު ފެނުމާއެކު ހަތް ގައުމަކުން ރާއްޖެއަށް ފަތުރުވެރިން އައުން ވަނީ މަނާކޮށްފައެވެ.

އެއީ ސައުތު އެފްރިކާގެ އިތުރުން ނެމްބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޑްސްވާނާ، ޒިމްބާބްވޭ އަދި އެމްވަޓީނީންއެވެ.

އެ ހަތް ގައުމުން ރާއްޖެ އަންނަ ދިވެހީންނާއި ވޯކްޕާމިޓް އޮތް ބިދޭސީންވެސް ދެން 14 ދުވަހަށް ކަރަންޓީނުވާންޖެހޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.