05 Mar 2012, 13:15
މެންޗެސްޓާ ސިޓީގެ އިޓަލީ ފޯވާޑު މާރިއޯ ބަލޮޓެލީ އަކީ އިޓަލީ ވިލާތުގެ އެންމެ މޮޅު ފޯވާޑު ކަމަށް އެކުލަބުގެ ކޯޗް ރޮބާޓޯ މަންޗިނީ ބުނެފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ޕްރެމިއާ ލީގުގައި ބޮލްޓަން ވެންޑަރާޒް އާއި ދެކޮޅަށް މެންސިޓީ ކުޅެ 2-0 ލަނޑުން މޮޅުވި މެޗުގައި ވެސް ބަލޮޓެލީ ވަނީ ލަނޑެއް ކާމިޔާބު ކޮށްފަ އެވެ. މިސީޒަނުގައި ރަނގަޅު ކުޅުމެއް ބަލޮޓެލީ ދެއްކި ނަމަވެސް ބައެއް މެޗުތައް އޭނާ އަށް ހުންނަން ޖެހިފައި ވަނީ ސަސްޕެންޝަނުގަ އެވެ.
"ބަލޮޓެލީ އަކީ އިޓަލީގެ އެންމެ މޮޅު ކުޅުންތެރިޔާ. އޭނާ އަކީ ކޮއްޓުންތަކުގައި އަދި ނިންމާލުމުގައި ވެސް މޮޅު ކުޅުންތެރިއެއް. ކުޅުންތެރިއަކަށް ދަނޑުމަތީގައި ގޯހެއް ހެދިދާނެ. ނަމަވެސް ހަގީގަތުގައި ބަލޮޓެލީ އަކީ ގޯސް މީހެއް ނޫން." މަންޗިނީ ބުންޏެވެ.
ބަލޮޓެލީ އަކީ އިޓަލީގެ އިންޓަ މިލާނުގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށް ފަހު، މެންޗެސްޓާ ސިޓީ އަށް ބަދަލުވި ކުޅުންތެރިއެކެވެ. މެންސިޓީއަށް ބަދަލުވި ފުރަތަމަ ސީޒަނުގައި އެދެވޭ ކުޅުމެއް ނުދެއްކުން ކަމުގައި ވިޔަސް މިސީޒަނުގައި ދަނީ މޮޅު ކުޅުމެއް ދައްކަމުން ނެވެ.