05 Mar 2012, 13:13
މިސީޒަނުގެ ޕްރެމިއާ ލީގަކީ މެންޗެސްޓާ ސިޓީގެ ހައްގެއް ކަމަށް އެކުލަބުގެ އާޖެންޓީނާ ފޯވާޑް ސާޖިއޯ އަގުއެރޯ ބުނެފި އެވެ.
މެރަޑޯނާގެ އަންހެން ދަރިއަކާއި ކައިވެނީގެ ގޮތުން ގުޅިގެން އުޅޭ އަގުއެރޯ އެތުލެޓިކޯ މެޑްރިޑުން މެންޗެސްޓާ ސިޓީއަށް 38 މިލިޔަން ޕައުންޑުގެ އަގަކަށް ބަދަލުވި ފަހުން އޭނާ ވަނީ އެކުލަބަށް ގިނަ ލަނޑުތަކެއް ކާމިޔާބު ކޮށްދީފަ އެވެ.
"މިސީޒަނުގެ ޕްރެމިއާ ލީގަކީ އަހަރެމެންގެ ހައްގެއް. މިލީގު ކާމިޔާބު ކުރުމަށް މުޅި ޓީމު އޮތީ އެކަތި ގަނޑަކަށް ވެފައި. މެންޔުނައިޓެޑަށް ލީގު ދިފާޢު ކުރުމުގެ ފުރުސަތެއް ނުދޭނަން. މިހާރުގެ މެންސިޓީ އަކީ ކާމިޔާބީ ކުލަބެއް." އަގުއެރޯ ބުންޏެވެ.
މިސީޒަނުގައި އަގުއެރޯ ވަނީ ފަނަރަ ގޯލު ކާމިޔާބު ކޮށްދީފަ އެވެ. މިހާރު އަގުއެރޯ ކުރަމުންދާ އެންމެ ބޮޑު އެއް މަސައްކަތަކީ ޕްރެމިއާ ލީގުގެ ގޯލު ލިސްޓުގެ އެންމެ ކުރީގައި އޮތް އާސެނަލްގެ ރޮބިން ވެން ޕާސީގެ ކުރިއަށް އެރުމަށެވެ.