ވައިގެ މަގުން ބްރެޒިލްއިން ރާއްޖެއަށް 18 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް، އަތުލައިގަތް މީހާގެ ބަންދަށް ފަސް ދުވަސް އިތުރުކޮށްފިއެވެ.

މި މަހުގެ ދެ ވަނަ ދުވަހު ރާއްޖެ އައި އުމުރުން 28 އަހަރުގެ ބްރެޒިލް ފިރިހެނެއްގެ އަމަލުތައް ހުރިގޮތުން ޝައްކު ކުރެވިގެން އޭނާގެ ލަގެޖް ބަލައި ފާސްކުރިއިރު އެ ލަގެޖް ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ވަނީ މީގެ ކުރިން ބުނެފައެވެ.

އޭނާ ރާއްޖެ އައިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށް ބުނެފައިވާއިރު، އޭނާގެ ލަގެޖުން ވަނީ 18.857 ކިލޯގެ ކޮކެއިން ފެނިފައެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ކްރިސްޓިއާނޯ ސިލްވާ ރޮޑްރިޖް ޖޫނިއާގެ ބަންދުގެ މުއްދަތު އިތުރު ފަސް ދުވަހަށް އިތުރުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމައިފައެވެ.

އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ ލަގެޖުން ފެނުނީ އޭނާގެ ތަކެތި ނޫން ކަމަށާއި އެއީ އޭނާގެ އެއްޗެއް ކަމަށް އެއްބަސްވެފައިވަނީ މަޖުބޫރުކުރުވުމުން ކަމަށް ބުނެފައެވެ.

ލަގެޖުން ފެނުނު މަސްތުވާތަކެތީގެ އަގު 94 މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.