އަންނަ ބުރާސްފަތި ދުވަހު ފަށާ އޭއެފްސީ ޗެލެންޖް ކަޕުގައި ވާދަކުރުމަށް އިންޑިޔާގެ ގައުމީ ފުޓްބޯޅަ ޓީމް އިއްޔެ ނޭޕާލަށް ހިނގައްޖެ އެވެ.

ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގެ ދެ ސްޓޭޑިއަމްގައި ކުރިއަށްގެންދާ މި މުބާރާތުގައި އިންޑިޔާ މިފަހަރު ލައްވާލާފައި ވަނީ ގްރޫޕް ބީ ފަޅީގަ އެވެ.

އިންޑިޔާ އާ އެކު ގްރޫޕް ބީ ފަޅިން ވާދަކުރާ ޓީމްތަކަކީ އުތުރު ކޮރިޔާ، ޕިލިޕީންސް އަދި ތަޖިކިސްތާނެވެ.

މުބާރާތުގައި އިންޑިޔާ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހު ނިކުންނާނީ ތަޖިކިސްތާނާ ދެކޮޅަށެވެ. މިމެޗް ކުޅޭނީ ކަތަމަންޑޫގެ ދާރިސްތު ސްޓޭޑިއަމްގައި ރާއްޖެ ގަޑިން 4:15 އެވެ. އަދި ދެ ވަނަ މެޗުގައި މި މަހުގެ 11 ވަނަ ދުވަހު އިންޑިޔާ ނިކުންނާނީ ޕިލިޕީންސްއާ ދެކޮޅަށެވެ. މިމެޗް ކުޅޭނީ ރާއްޖޭ ގަޑިން ހަވީރު 4:15 ގަ އެވެ.

މި ފަހަރުގެ މުބާރާތުގައި ވާދަކުރުމަށް އިއްޔެ ނޭޕާލަށް ދިޔަ އިންޑިޔާ ޓީމުގައި އެ ގައުމުގެ ކޯޗް ސާވިއޯ މެދޭއިރާ ހިމަނާފައި ވަނީ 23 ކުޅުންތެރިންގެ ސްކޮޑެކެވެ.

މިފަހަރުގެ މުބާރާތަށް އިންޑިޔާ އިން ތައްޔާރު ވެފައިވާ އިރު، އިންޑިޔާ ވަނީ މިދިޔަ އަހަރު އެ ގައުމުގައި ބޭއްވި ހަތް ވަނަ ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ތަށި އުފުލާލައިފަ އެވެ.