ކޮވިޑު19ގެ އާ ވޭރިއަންޓް "އޮމިކްރޯން" އަލަށް ފެތުރެން ފެށި އެފްރިކާގެ ހަތް ގައުުމުން ރާއްޖެ އަންނަ ދިވެހިންނާއި ވާކް ޕާމިޓް އޮތް ބިދޭސީން ކަރަންޓީނުވާން ޖެހޭ ގޮތަށް ހެލްތު ޕްރޮޓެކްޝަަން އެެޖެންސީ (އެޗްޕީއޭ)އިން އުސޫލު ބަދަލުކޮށްފިއެވެ.

މި ވޭރިއަންޓާ ގުޅޭ މައުލޫމާތު ދިނުމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވީ ރާއްޖެ އަންނަ ދިވެހިންނާއި ވާކް ޕާމިޓް އޮތް ބިދޭސީން ކަރަންޓީނުވާން ޖެހޭނީ ސައުތު އެފްރިކާގެ އިތުރުން ނެމްބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ އަދި އެސްވަޓީނީން އިން އަންނަ ނަމަ ކަމަށެވެ. އެގޮތުން 14 ދުވަހުގެ މުއްދަތަކަށް އެމީހުން ކަރަންޓީނު ވާންޖެހޭނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"އަދި މި ގައުމުތަކުން ރާއްޖެ އަންނަ ދިވެހިންނާއި، ރާއްޖޭގައި މަސައްކަތްކުރާ ވާކް ޕާމިޓް އޮތް ބޭރު މީހުން ރާއްޖެ އައުމަށްފަހު ކަރަންޓީނުކުރުމަށް މިހާރު މިވަނީ ނިންމިފައި. އަދި 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރުމަށްފަހު ކޮވިޑް ޓެސްޓެއް ހަދަން ޖެހޭނެ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެ ހަތް ގައުމުން ރާއްޖެއަށް ފަތުރުވެރިން އައުން އިއްޔެ ވަނީ މަނާކޮށްފައެވެ.

ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ ވޭތުވެދިޔަ 14 ދުވަހުގެ ތެރޭ އެ ލިސްޓުގައި ހިމެނޭ ގައުމަކުން ރާއްޖެ އަައިސްފައިވާ ދިވެހިންނާއި، ވޯކް ޕާމިޓް އޮންނަ ބިދޭސީން މިހާރު ޓެސްޓުކުރަން ޖެހޭނެކަމަށެވެ. އަދި އެމީހުން 14 ދުވަހަށް ވުރެ ގިނަ ދުވަހު ރާއްޖޭގައި މަޑުކުރާނަމަ 14 ދުވަސް ފުރިހަމަވުމުން ޓެސްޓުކުރަން ޖެހޭނެއެވެ. އަދި އެއަށްވުރެ އަވަަހަށް ރާއްޖެއިން ފުރާނަމަ ފުރުމުގެ ކުރިން ވެސް ޓެސްޓުކުރަން ޖެހޭނެއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކަރަންޓީނުވުމަކީ ރާއްޖެ އަންނަ ހުރިހާ މީހުންނަށް އޮތް އުސޫލެއް ނޫންކަމަށެެވެ. އެގޮތުން އެ ހަތް ގައުމު ނޫން އެހެން ގައުމުތަކުން އަންނަ މީހުންނަށް އޮންނާނީ ކުރިން ވެސް އޮންނަ އުސޫލުކަަމަށް ވިދާޅުވިއެެވެ. އެގޮތުން އެ މީހުން ކަރަންޓީނުވާންޖެހޭނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާނަމައެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެ ފިޔަވަޅުތައް އަޅަނީ ބަލި ރާއްޖެ އައުން ލަސްކުރުމަށްކަމަށާއި އެއްކޮށް ބަލި އައުން ނުހުއްޓުވޭނެ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ އޮމިކްރޯން ވޭރިއަންޓުން ބަލި ފެތުރޭ މިންވަރާއި އޭގެއިން ކުރާ އަސަރު ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އޭގެ އިތުުރުން އެ ވޭރިއަންޓުން ދިފާއުވުމަށް ވެކްސިނުން ކުރާ އަސަރު ދެނެގަތުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާ ކަމަށެވެ. ނަމަވެސް ޑަބްލިއުއެޗްއޯއިން މި ވޭރިއަންޓަކީ "ވޭރިއަންޓް އޮފް ކޮންސާން"އެއްގެ ގޮތުގައި ކަނޑައަޅައިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ކަންބޮޑުވާ ކަމެއްގެ ގޮތުގައި ފާހަގަވެފައިވަނީ މި ވޭރިއަންޓަކީ މިހާތަނަށް އެންމެ ގިނައިން މިއުޓޭޓްވެފައިވާ ވޭރިއަންޓަށްވުން ކަމުގައި އޭނާ ވިދާޅުވިއެވެ.