28 Nov 2021, 14:52
ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނާ ދިމާކޮށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ފުޓުބޯޅަ ޓީމު، ދަ ގްރާންްޑޭ ސްޕޯޓްސް ކުލަބުން ފަރިތަކުރުންތައް ފަށައިފިއެވެ.
އިސްމާއިލް މަހްފޫޒް (އިންމަ) ގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަން ފަށައިގެން އެއްވަނައިގައި ވެސް ދުވަސްތަކެއް ހޭދަކުރި ދަ ގްރާންޑޭއިން ސީޒަނުގެ ކުރީކޮޅު ތަފާތު ދެއްކި ނަމަވެސް، މާލީ މައްސަލަތައް ކުރިމަތިވެ ފަހު އަތަށް އަޅާލި އިރު ޓީމުގެ ކުޅުން އޮތީ ދަށްވެފައެވެ. އަދި އެހެންމެ ލީގު ނިމެން ދިޔައިރު، އަންނަ ސީޒަނުގައި ގެއްލިދާނެ ކަމުގެ ބިރުވެސް ދަގްރާންޑޭއަށް އޮތީ ހީވެފައެވެ.
އެހެން ނަމަވެސް ޓީމުގެ މެނޭޖްމެންޓަށް ގެނައި ބޮޑު ބަދަލުތަކާއެކު ދަ ގްރާންޑޭއިން އަނެއްކާވެސް ވަނީ ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވާން ފަށައިފައެވެ. އެގޮތުން އިންމަގެ ކޮންޓްރެކްޓް ހަމަވުމާއެކު އޭނާ ސަސްގެ ކޯޗުކަމާ ހަވާލުވުމުން ދަ ގްރާންޑޭއިން ވަނީ ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކެއްގައި ކުރިން މަސައްކަތްކުރި ކޯޗު އަހުމަދު ނާޝިދު (ނާދު) ކޯޗަކަށް ހަމަޖައްސައިފައެވެ.
ނާދުގެ އިރުޝާދުގެ ދަށުން ދަ ގްރާންޑޭއިން ޕްރެކްޓިސްތައް ފެށި އިރު، އެ ޓީމުގެ ސްކޮޑު ވަނީ މިދިޔަ ސީޒަނާ އަޅާ ބަލާއިރު ވަރަށް ބޮޑަށް ބަދަލުވެފައެވެ. އެ ޓީމުގައި ގިނައީ ކ. މާފުށްޓަށް ނިސްބަތްވާ ކުޅުންތެރިންނެވެ.
ސަބަބަކީ ދަ ގްރާންޑޭގެ މިހާރުގެ ޗެއާމަނަކީ މާފުށްޓަށް ނިސްބަތްވާ ފަރާތަކަށް ވުމާއެކު، ދަ ގްރާންޑޭ އަލުން ކޮޅަށް ޖެހުމުގައި މާފުށީ ކައުންސިލުން އިސްދައުރެއް އަދާކުރާތީއެވެ. އަދި މިފަހަރުގެ ސީޒަނުގައި ދަގްރާންޑޭ ޓީމަށް ޙަރަދު ކުރުމަށް މާފުށީގެ ވިޔަފާރިވެރިންގެ ވެސް ބޮޑެތި އެއްބާރުލުމާއި، އެހީތެރިކަން އަންނަނީ ލިބެމުންނެވެ.
މީގެ ކުރިން ވެސް ކ. އަތޮޅަށް ނިސްބަތްވާ ރަށްރަށުން ޓީމުތައް ހަދައިގެން އައިސް ދިވެހި ލީގުގައި ވަނީ ކުޅެފައެވެ. އެގޮތުން ކ.ހުރާ ފުޓްބޯޅަ ޓީމާއި ކ. ވިލިނގިލިން ކްލަބް ވިޔަންސާގެ ނަމުގައި ފުރަތަމަ ޑިވިޝަނުގައި ވާދަކޮށްފައިވާ އިރު، ބޮޑެތި ކާމިޔާބީތަކެއް ވެސް ވަނީ ހޯދައިފައެވެ.
ކުރިއަށް އޮތް ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގައި ދަ ގްރާންޑޭ ކުރިމަތިލާނެ ފުރަތަމަ މުބާރާތަކީ ޕްރެޒިޑެންޓްސް ކަޕްއެވެ.