28 Nov 2021, 13:24
ސްޕެނިޝް ލީގުގައި ރޭ ވިޔަރެއާލް ކޮޅަށް ފަހު ވަގުތު ބާސެލޯނާއިން ޖެހި ގޯލުތަކާއެކު އެ ޓީމާ އަލަށް ހަވާލުވި ޒަވީ ހަނަންޑޭޒްއަށް ލީގުގެ ދެވަނަ މޮޅާއެކު ހިތްހަމަޖެހުމެއް ލިބިއްޖެއެވެ.
ވިޔަރެއާލްގެ ދަނޑުގައި ރޭ ކުޅުނު މެޗުން ބާސެލޯނާއިން ކުރި ހޯދީ 1-3 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ބާސެލޯނާ ވަނީ 14 މެޗުން 23 ޕޮއިންޓް ހޯދައިގެން ތާވަލުގެ ހަތްވަނައަށް ޖެހިލައިފައެވެ. މިއީ މި ސީޒަނުގެ ލީގުގައި ރަށުން ބޭރުގައި ބާސާއަށް ހޯދުނު ފުރަތަމަ މޮޅެވެ.
ބާސެލޯނާގެ ކޯޗުކަމާ އަލަށް ހަވާލުވި ޒަވީގެ ދެވަނަ ލީގު މެޗުގައި އެ ޓީމުން ރޭ މުހިއްމު މޮޅެއް ހޯދި އިރު، އެ މެޗުގެ މޮޅާއެކު ޒަވީއަށް ވަނީ ހިތްހަމަ ޖެހުމެއް ލިބިފައެވެ. އެހެން ނަމަވެސް ޗެމްޕިއަންސް ލީގުގައި އަދިވެސް ބާސެލޯނާ އޮތީ ނުރައްކާ ފައްތަރެއްގައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ބާސާއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފްރެންކީ ޑި ޔޮންއެވެ. ޑި ޔޮން ޖެހުމުން އެންމެ ފުރަތަމަ އޭނާ އޮފްސައިޑުގައި ހުރި ކަމަށް ލައިންސްމަން ދިދަ ނެގި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ވަނީ އެއީ ރަނގަޅު ލަނޑެއް ކަމަށް ނިންމާފައެވެ.
އެހެން ނަމަވެސް 73 ވަނަ މިނަޓުގައި ވިޔަރެއާލްގް ސެމިއުލް ޗުކުވޭޒީ ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ.
ވިޔަރެއާލްގެ ގޯލާއެކު ބާސެލޯނާއިން ޓީމު ކުރިއަށް ޖައްސައިގެން ކުޅެ، ހަމަލާތައް އިތުރު ކުރިއިރު، ބާސާއަށް 88 ވަނަ މިނަޓުގައި އަނބުރާ ލީޑު ހޯދައިދިނީ މެމްފިސް ޑިޕާއީއެވެ. މިއީ ވޭތުވެ ދިޔަ ފަސް ލީގު މެޗުގައި އޭނާ ޖެހި ފަސްވަނަ ގޯލެވެ.
ބާސެލޯނާގެ ލީޑު އިތުރަށް ފުޅާކޮށްދިނީ ފަހަކަށް އައިސް ގިނަ މެޗުތަކެއް އަނިޔާގެ ސަބަބުން ގެއްލުމަށްފަހު، އަނބުރާ ކުޅުމަށް އައިސްފައިވާ ފިލިޕޭ ކުޓީނިއޯއެވެ.