28 Nov 2021, 11:46
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު 72 ގަޑިއިރު ތެރޭ ކޯޓަށް ހާޒިރު ނުވެއްޖެނަމަ އޭނާގެ މައްޗަށް ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ)އަށް ފިޔަވަޅު އަޅަން ކުރިމިނަލް ކޯޓުން ނިންމައިފިއެވެ.
ޖިންސީ ގޯނާގެ ތުހުމަތުތަކާ އެކު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓައި އޭނާ ފުރުން މަނާކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ. އެ އަމުރު މުރާޖައާކުރުމުން އޭނާގެ ޕާސްޕޯޓު ވަނީ ދޫކޮށްލައިފައެވެ.
ޕާސްޕޯޓް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ, ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭކަން ކަށަވަރު ކުރުމަށް ޑޮކްޓަރު ހާޒިރުކޮށް، ޑޮކްޓަރުގެ ވާހަކަތައް އަޑުއެހުމަށްފަހުއެވެ. ޑޮކްޓަރު ވިދާޅުވި ކަމަށްވަނީ، ރާއްޖެއިން އެ އޮޕަރޭޝަން ކޮށްފި ނަމަ ފުރާނައަށް ނުރައްކާވެދާނެ ކަމަށެވެ.
ޑޮކްޓަރުގެ ވާހަކަތަކަށް ފަހު ދައުލަތުން ވަނީ އަލީ ވަހީދު ބޭސްފަރުވާއަށް ފޮނުވަން ކުރި އިއުތިރާޒު ދޫކޮށްލައިފައެވެ.
އަލީ ވަހީދު ފުރުން މަނާކުރުމުގެ އަމުރު ބާތިލް ކުރީ އޭނާއަށް ޖާމިނުވާނެ ފަރާތެއް ހުށަހަޅާފައި ވާތީއެވެ. ޖާމިނުވި ފަރާތަކީ އަޑުބަރޭއެވެ.
އަޑުބަރޭ ޖާމިނުވެފައި ވަނީ، ނުވަތަ ކޯޓަށް ޔަގީންކަން ދީފައި ވަނީ ހަތަރު މަސް ފަހުން އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދޭނެ ކަމަށެވެ.
އެއާއެކު އަލީ ވަހީދު ވަނީ ލަންޑަނަށް ގޮސްފަ އެވެ.
ނަމަވެސް ހަތަރު މަސް ހަމަވެގެން ދިޔައިރު ވެސް އަލީ ވަހީދު ރާއްޖެއައިސްފައެއް ނުވެއެވެ. އެއާއެކު އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ވަނީ ކުރިއަށް ނުގެންދެވި ހުއްޓިފައެވެ.
މީގެ ކުރިން އެ މައްސަލައިގެ އަޑުއެހުންތަކެއް އޮންލައިންކޮށް ކުރިއަށް ގެންދިޔަ ނަމަވެސް, އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް އަންގައި ސްޕްރީމް ކޯޓުން ވަނީ އަމުރެއް ނެރެފައެވެ.
އެ މައްސަލައިގައި މިއަދި ބޭއްވި އަޑުއެހުމަށް އަލީ ވަހީދުގެ ވަކީލުންނާއި އަޑުބަރޭ ވަނީ ހާޒިރުކޮށްފައެވެ.
ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރާ އެއްގޮތަށް އެ މައްސަލަ އޮންލައިންކޮށް ކުރިއަށް ނުގެންދެވޭނެކަން ފާހަގަކޮށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ, ބޭސްފަރުވާ ކުރުމަށް ވެސް މިހާރު އެކަށީގެންވާ ވަގުތު ދެވިފައިވާ ކަމަށެވެ. އެހެން ކަމުން ކުރިއަށް އޮތް 72 ގަޑިއިރު ތެރޭ, އަލީ ވަހީދު ހާޒިރުވާން ގާޒީ އެންގެވިއެވެ. އަދި އެ މުއްދަތުގެ ތެރޭ އަލީ ވަހީދު ހާޒިރު ނުވެއްޖެނަމަ އަސްހަދަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.
އަލީ ވަހީދުގެ މައްސަލައިގެ އަޑުއެހުންތައް މީގެ ކުރިން ކްރިމިނަލް ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެނެވެ. ނަމަވެސް މިއަދުގެ އަޑުއެހުން ކުރިއަށް ގެންދިޔައީ އާންމުކޮށް ހުޅުވާލައިގެންނެވެ.