28 Nov 2021, 08:46
ބޮލީވުޑްގެ މަޝްހޫރު ފިލްމް ޑައިރެކްޓަރ ރޯހިތު ޝެޓީގެ "ސޫރްޔާވަންޝީ"އަށް ލިބެމުންދާ ބޮޑު ތަރުހީބާއެކު އެތައް ބައެއްގެ ސަމާލުކަން މި ފިލްމް ވަނީ ހޯދައިފައެވެ. "ސޫރްޔާވަންޝީ"ގެ ވާހަކައަށް ނިމުމެއް ގެނެސް ރޯހިތު ޝެޓީ ވަނީ އަނެއްކާވެސް ބެލުންތެރިންނަށް އުފާވެރި ޚަބަރެއް ދީފައެވެ. އެއީ "ގޯލްމާލް 5" ގެ ވާހަކައެވެ.
މީޑިއާއަށް ދިން އިންޓަވިއުއެއްގައި ރޯހިތު ޝެޓީ ވަނީ ވަރަށް އަވަހަށް ބެލުންތެރިންނާ ހަމައަށް ފިލްމް ނެރޭނެކަމަށް ބުނެފައެވެ. އަދި އޭނާ ބުނެފައިވަނީ ގޯލްމާލްއަކީ ދުވަހަކުވެސް ނިމުމެއް ނާންނާނެ އެއްޗެެއް ކަމަށެވެ.
ގޯލްމާލްގެ ހަތަރު ސީރީސް މިހާތަނަށް ނެރެފައިވާއިރު އެންމެ ފުރަތަމަ ސީރީސް ނެރެފައިވަނީ 2006 ވަނަ އަަހަރެވެ. އަދި ގޯލްމާލް ރިޓާންސް ގެ ނަމުގައި 2008 ވަނަ އަަހަރު ދެވަނަ ސީރީސް ނެރެފައިވާއިރު 2010 ވަނަ އަހަރު ގޯލްމާލް ތިނެއް ވަނީ ނެރެފައެވެ. އަދި ދުވަސްތަކަކަށްފަހު ސީރީސްގެ ހަތަރު ވަނަ ބައި ނެރެފައިވަނީ 2017 ވަނަ އަހަރުއެވެ. މިއީ ކޮމެޑީ އެކްޝަން ސީރީޒެކެވެ. ހަތަރު ސީރީސްގައިވެސް ލީޑް ރޯލުން އަޖޭ ދެވްގަން ފެނިގެންގޮސްފައިވާއިރު ގޯލްމާލް ފަހެއް ގައިވެސް ލީޑް ރޯލުން އަޖޭ ފެނިގެންދެއެވެ.
ގޯލްމާލް ފަހެއް މި އަހަރު ނިމުމުގެ ކުރިން ރިލީސްކުރުމަށް ހަމަޖެހިފައިވީ ނަމަވެސް ރިލީސް ކުރާނެ ވަކި ތާރީހެއް އިންޓަވިއުގައި ރޯހިތު ޝެޓީ ބުނެފައެއް ނުވެއެވެ.
ރޯހިތު ޝެޓީގެ "ސިންގްހަމް 3" ގެ މަސައްކަތް މި އަހަރު ފެށުމަށް ހަމަޖެހިފައިވީ ނަމަވެސް އޭނާ ބުނެފައިވަނީ ފިލްމްގެ މަސައްކަތް ފެށޭނީ 2022 ވަނަ އަހަރު ކަމަށެވެ. ސަބަބަކަށްވެފައި ވަނީ ފިލްމަކީ ވަރަށް ބޮޑު ޚަރަދަކާއި މަސައްކަތްތައް ގިނަ ފިލްމަކަށްވުމެވެ. އަދި ރޯހިތު ޝެޓީ ބުނެފައިވާ ގޮތުން ބެލުންތެރިންނާ ހަމައަށް ފިލްމް ނެރޭނީ އެންމެ އަވަސްވެގެންވެސް 2023 ވަނަ އަހަރުއެވެ. ޚަރަދުތަކުގެ ގޮންޖެހުމާއެކު މި ފިލްމްގެ ދަތުރު ވަނީ މަޑުޖައްސާލަން ޖެހިފައެވެ.
އީ ޓައިމްސްއަށް ދީފައިވާ އިންޓަވިއުގައި ރޯހިތު ޝެޓީ ބުނެފައިވަނީ ހުއްޓުމެއްނެތި ފިލްމް ސޫރްޔާވަންޝީއަށް ލިބެމުންދާ ބެލުންތެރިންގެ ބޮޑު ތަރުހީބުގެ ސަބަބުން އިތުރު ހިތްވަރެއް ލިބި، ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. ހަމަ އެހެންމެ ސިންގްހަމް 3 ގެ މަސައްކަތް ނުފަށާ އޮތް ނަމަވެސް ގިނަ ބަޔަކު އެ ފިލްމުގައި ވާނޭ ގޮތަކާމެދު ސުވާލު އުފައްދާކަމަށާއި ތަރުހީބު ލިބޭކަމަށެވެ.