05 Mar 2012, 11:28
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާ އާއި ކާށިދޫ ދާއިރާގެ ބައި އިލެކްޝަނާ ގުޅޭ ޝަކުވާ ބަލައިގަތުމުގެ އިންތިޒާމް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނަނީ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ތިމަރަފުށީ ދާއިރާ އާއި ކާށިދޫ ދާއިރާގެ ބައި އިލެކްޝަނާ ގުޅޭ ޝަކުވާތައް ބަލައިގަތުމުގެ އިންތިޒާމް އެ ދާއިރާއެއްގެ ހިމެނޭ ރަށްރަށުގެ ކައުންސިލް އިދާރާތަކުގައި ކަމަށެވެ.
އެ ދެ ދާއިރާގެ ބައި އިލެކްޝަނާ ގުޅޭ ޝަކުވާ ހުށަހަޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އޭޕްރީލް މަހުގެ 16 ވަނަ ދުވަހާ ހަމައަށް ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.
ޝަކުވާ ހުށަހެޅުމުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގަވާއިދުގައިވާ ގޮތަށް، ސަބަބާއި އެކަމެއްގެ ތަފްސީލާ ހެއްކާ އެކު ހުށަހެޅުމަށާއި އާންމު މީހަކު ޝަކުވާ ހުށަހަޅާ ނަމަ މައްސަލަ ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެހާއި އައިޑީކާޑު ނަންބަރު ހިމަނަން ޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ. އަދި ސިޔާސީ ޕާތީއަކުން ހުށަހަޅާ ޝަކުވާތައް ހުށަހަޅަން ވާނީ އެ ސިޔާސީ ޕާޓީއެއްގެ ރަސްމީ ލެޓާހެޑުގައި ކަމަށް ވެސް އެއިއުލާނުގައިވެ އެވެ.
ކާށިދޫ ދާއިރާ އަށް ކުރިމަތިލާނެ ކެނޑިޑޭޓަކު އިދިކޮޅު އެމްޑީޕީން އަދި އިއުލާނެއް ނުކުރެ އެވެ. ނަމަވެސް ތިމަރަފުށީ ދާއިރާ އަށް އެމްޑީޕީން ކުރިމަތިލައް ވަނީ ކުރިން ވެސް އެ ދާއިރާގެ ގޮނޑި ފުރުއްވެވި ތިމަރަފުށީ ކުޑަދޮހުއްތުގެ މުހައްމަދު މުސްތޮފާ އެވެ.
ދެން ވާދަ ކުރައްވަނީ ރައީސް މުހައްމަދު ނަޝީދާ އެކު މަޖީދިއްޔާ ސްކޫލްގައި އެކުގައި ކިޔަވާ ވިދާޅުވާން އުޅުއްވެވި އަދި ފަހުން ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރު ކަމާއި ރައީސް ނަޝީދުގެ ސަރުކާރުގެ ސްޓޭޓްމިނިސްޓަރުކަން ކުރެއްވެވި އަހުމަދު ޝަފީގެވެ.
ޕީޕީއެމް އިން ވަނީ ކާށިދޫ ދާއިރާއާއި ތިމަރަފުށީ ދާއިރާ އަށް ކުރިމަތިލާނެ ކެނޑިޑޭޓުން ވެސް އިއުލާންކޮށްފަ އެވެ. ކާށިދޫ ދާއިރާ އަށް ޕީޕީއެމްގެ ފަރާތުން ކުރިމަތިލަނީ އެ ޕާޓީގެ ކައުންސިލް މެންބަރު އަދި ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ) އެވެ. އަދި ތިމަރަފުށީ ދާއިރާ އަށް ކުރިމަތިލަނީ އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ޝަރީފް އެވެ.