27 Nov 2021, 15:32
ޖުމްހޫރީ ޕާޓީއަށް މެންބަރުން އިތުރުކުރުމަށް ޕާޓީގެ އަންހެން މެންބަރުން އިސްނަގައިގެން ކުރަމުން އަންނަ މަސައްކަތަކީ މުހިންމު މަސައްކަތެއް ކަމަށް އެ ޕާޓީގެ ކައުންސިލް މެންބަރު އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ޖޭޕީއަށް މެންބަރުން އިތުރުކުރުމަށް ޓަކައި ޕާޓީގެ އަންހެނުންގެ ގޮފިން އިސް ނަގައިގެން އަންނަނީ އަތޮޅުތެރޭގެ ރަށްތަކަށް ޒިޔާރަތްކުރަމުންނެވެ. މިގޮތަށް އެންމެ ފަހުން ފ. ނިލަންދޫއަށް ކުރި ދަތުރުގައި މިނިސްޓަރު ނަހުލާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ދަތުރަށްފަހު ނަހުލާ ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ޖުމްހޫރީ ޕާޓީގެ އަންހެން ކަނބަލުން އިސްނަގައިގެން ކުރަމުން އަންނަ ދަތުރުތަކަކީ ވަރަށް މުހިންމު ދަތުރުތަކެއް ކަމަށެވެ.
"ޕާޓީއަށް މެންބަރުން އިތުރު ކުރުމަށް ޓަކައި އަންހެން ބޭފުޅުން އިސް ނަގައިގެން މި ކުރާ ދަތުރުތަކުގެ ސަބަބުން، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޖުމްހޫރީ ޕާޓީގެ ކުރިމަގަށް ވަރަށް ބޮޑު ކާމިޔާބީއެއް އަންނާނެ،" ނަހުލާ ވިދާޅުވިއެވެ.
ނަހުލާ ވިދާޅުވީ އަންހެނުން އިސްނަގައިގެން ކުރާ ކޮންމެ ކަމެއް ވެސް ކާމިޔާބު ވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ހަމައެހެންމެ ކުރަމުން އަންނަނީ ވަރަށް މުހިންމު މަސައްކަތެއް ކަން ފާހަގަކުރައްވާ ނަހުލާ އިތުރަށް ވިދާޅުވީ އެންމެން ވެސް ޖޭޕީ ލީޑަރު ގާސިމް އިބްރާހީމަށް ލޯބި ކުރާ ކަމަށާއި އެހެންކަމުން ޖޭޕީން ކުރަމުން އަންނަ ދަތުރުތައް އިތުރުކުރަން ޖެހޭ ކަމަށެވެ.
ނަހުލާ ވަނީ ޖޭޕީގެ ކަނބަލުން އިސްނަގައިގެން ކުރަމުން އަންނަ މަސައްކަތްތަކަށް އަމިއްލަ ނަމުގައި އަދި ޖޭޕީ ލީޑަރު ގާސިމް އިބްރާހިމްގެ ނަމުގައި ޝުކުރު އަދާކުރައްވައިފައެވެ.
ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީއަކީ ރާއްޖޭގައި ތިން ވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީއެވެ.