ދެކުނު އެފްރިކާއިން ފެނުނު ކޮވިޑް-19 ގެ ނުރައްކާތެރި އައު ވޭރިއަންޓަށް 100 ދުވަސްތެރޭ ވެކްސިނެއް ހަދައި، ބޭނުން ކުރަން ފެށޭނެ ކަމުގެ ޔަގީންކަން ފައިޒާއާއި ބަޔޯއެންޓެކުން ބުނެފިއެވެ.

ކޮވިޑް-19 ގެ އައު ވޭރިއަންޓާބެހޭގޮތުން ދެކުނު އެފްރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް ފޯ ކޮމިޔުނިކަބަލް ޑިސީސަސް، (އެންއައިސީޑީ) ބުނެފައިވަނީ އެއީ ކޮވިޑްގެ މިހާތަނަށް އަދި ނުފެންނަހާ ބާރުގަދަ އަދި އަވަހަށް ފެތުރޭ ވޭރިއަންޓެއްކަމަށާ އިންސާނާގެ ހަށިގަނޑުގައިވާ ދިފާއީ ނިޒާމު އެވޭރިއަންޓާ ދެކޮޅަށް މަސައްކަތްކުރާކަން އަދި ފަހަގަކުރެވިފައިނުވާ ކަމުގައެވެ.

އެއާއެކު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން އެ ވޭރިއަންޓަކީ ނުރައްކާތެރި ވޭރިއަންޓެއް ކަމަށް ކަނޑައަޅާފައިވާ އިރު، "އޮމިކްރޯން" ގެ ނަންދެވިފައިވާ އެ ވޭރިއަންޓަކީ ވަރަށް އަވަހަށް ފެތުރޭ އަދި ބައެއް މީހުންނަށް މަރުގެ ބިރުވެރިކަންވެސް އޮތް ވޭރިއަންޓެއްކަން މިހާތަނަށް ކޮށްފައިވާ ރީސާޗް ތަކުން ވަނީ ހާމަވެފައެވެ.

މި ވޭރިއަންޓުގެ ބިރު ދުނިޔޭގައި ބޮޑުވެފައިވާއިރު، ކޮވިޑާއެކު އަޅާފައިވާ ފިޔަވަޅުތައް ގައުމުތަކުން އަންނަނީ ވަރުގަދަ ކުރަމުންނެވެ. އަދި އެހެންމެ މި ވޭރިއަންޓަށް ހާއްސަ ވެކްސިނެއް ހޯދުމުގެ މަސައްކަތް ވެސް ވަނީ ފަށައިފައެވެ.

އެގޮތުން ކޮވިޑްގެ ވޭރިއަންޓްތަކަށް މިހާރުވެސް އެންމެ މޮޅު އެއް ވެކްސިން ތައާރަފު ކޮށްފައިވާ ފައިޒާއާއި ބަޔީއެންޓެކު ގުޅިގެން ވަނީ ވެކްސިނެއް ތައްޔާރު ކުރުމުގެ މަސައްކަތް ފަށައިފައެވެ. މި ދެ ކުންފުނި ގުޅިގެން އައު ވޭރިއަންޓާ ބެހޭ ތަހުލީލުތައް ކުރަމުން އަންނަ އިރު، ކޮންމެހެން ބޭނުން ޖެހިއްޖެ ނަމަ ކުރިއަށް އޮތް 100 ދުވަސް ތެރޭ ވެކްސިނެއް ހަދައި، ގައުމުތަކަށް ފޮނުވޭނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.

"ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭ އިތުރު ލެބް ޓެސްޓްތަކެއްކޮށް، ވޭރިއަންޓާ ބެހޭ މުހިއްމު މައުލޫމާތުތަކެއް ދެނަގެނެވޭނެ. އޭރަށް ވެކްސިން ހެދުމަށް ކުރަން ޖެހޭ މަސައްކަތާއި، މިހާރުގެ ވެކްސިނަށް ގެންނަން ޖެހޭ ބަދަލުތައް ދެނަގަނެވޭނެ،" ބަޔޯއެންޓެކުން ބުނެފައިވެއެވެ.

ދެކުނު އެފްރިކާއިން ފެނުނު ކޮވިޑްގެ މި އައު ވޭރިއަންޓް ފެތުރިދާނެކަމުގެ ބިރަށް އިނގިރޭސިވިލާތް، އެމެރިކާ، ކެނެޑާ، ރަޝިޔާ، ސައޫދީ އަދި ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކުންވަނީ ދެކުނު އެފްރިކާއާއި ދެކުނު އެފްރިކާއާ އަވަށްޓެރި އެފްރިކާގެ 7 ގައުމެއްގެ މީހުންނާއި އެގައުމުތަކަށް ދަތުރުކޮށްފައިވާ މީހުން އެތެރެވުން މަނާކޮށްފައެވެ.