އދ. މާމިގިލީގައި މަސްޓޭންކެއްގެ ތެރެއަށް ވެއްޓި ދެ އަހަރުގެ ކުޑަކުއްޖަކު މަރުވެއްޖެ އެވެ.

މާމިގިލީ މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް މިއަދު ބުނީ، އެ ރަށު "ހުޅަނގުގޭގެ"ގިފިލިތެރޭގައި ރާނާފައި ހުރި މަސްޓޭންކެއް ބަލަން އުޅުމުގެ ތެރޭގައި ވެއްޓި، ދެ އަހަރުގެ ކުއްޖަކު މަރުވައި ވަނީ މީގެ ދެތިން ހަފުތާ ކުރިން ކަމަށެވެ.

އެ ކުއްޖާ މަސްޓޭންކަށް ވެއްޓި މަރުވިކަން، މާމިގިލީ ކައުންސިލްގެ ރައީސް ޖުނައިދު އިބްރާހިމް (ޖޫ) ވެސް މިއަދު ސަން އަށް ކަށަވަރުކޮށްދެއްވި އެވެ.

"މަސްޓޭންކު ބަހައްޓާފައިވާ ތަނަކީ ދޮރު ލައްޕާފައި ހުންނަ ތަނެއް. އެ ދުވަހު ވީ ގޮތަކީ އެގޭގެ ކުއްޖަކު އެތަނުގެ ދޮރު ހުޅުވާފައި ދިޔަތަނާހެން، އެ ކުޑަ އަންހެންކުއްޖާ އެތަނަށް ވަދެ، މަސްޓޭކް ބަލަން އުޅެނިކޮށް ވެއްޓުނު ކަމަށް ވަނީ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެކަން ހިނގައިދިޔައީ. ދެން އެ ކުއްޖާގެ ބައްޕަ އޭނާ ގެއްލިގެން ހޯދަމުންދަނިކޮށް، ފެނުނީ މަސްޓޭންކްގެ ތެރޭގައި އެ ކުއްޖާ ބަންޑުން އޮންވާ،" އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ އެއީ ހިނގި ހާދިސާއެއް ކަމަށާއި އެ ހާދިސާ ހިނގަން މެދުވެރިވި ގޮތް ފުލުހުން އިތުރަށް ބަލަމުން އަންނަ ކަމަށެވެ.

މަސްޓޭންކަކަށް ވެއްޓި ކުޑަކުއްޖަކު މިދިޔަ މަހުގައި މަރުވެފައިވާ އިރު، މިދިޔަ މަހުގެ 25ގައި ވެސް ވަނީ ނ. މިލަދޫގައި ވިހައެއް ބޮވިގެން ކުޑަ ފިރިހެން ކުއްޖަކު މަރުވެފަ އެވެ.