ޖެނީވާ (ނޮވެމްބަރު 27) : ދެކުނު އެފްރިކާއިން ފެނުނު ކޮވިޑް-19 ގެ އައު ވޭރިއަންޓަކީ ނުރައްކާތެރި ވޭރިއަންޓެއްކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ކަނޑައަޅައިފިއެވެ.

އެ ޖަމްއިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "އޮމިކްރޯން" ގެ ނަންދެވިފައިވާ އެ ވޭރިއަންޓަކީ ވަރަށް އަވަހަށް ފެތުރޭ އަދި ބައެއް މީހުންނަށް މަރުގެ ބިރުވެރިކަންވެސް އޮތް ވޭރިއަންޓެއްކަން މިހާތަނަށް ކޮށްފައިވާ ރީސާޗް ތަކުން ހާމަވާކަމުގައެވެ.

ކޮވިޑް-19 ގެ އައު ވޭރިއަންޓާބެހޭގޮތުން ދެކުނު އެފްރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް ފޯ ކޮމިޔުނިކަބަލް ޑިސީސަސް، (އެންއައިސީޑީ) ބުނެފައިވަނީ އެއީ ކޮވިޑްގެ މިހާތަނަށް އަދި ނުފެންނަހާ ބާރުގަދަ އަދި އަވަހަށް ފެތުރޭ ވޭރިއަންޓެއްކަމަށާ އިންސާނާގެ ހަށިގަނޑުގައިވާ ދިފާއީ ނިޒާމު އެވޭރިއަންޓާ ދެކޮޅަށް މަސައްކަތްކުރާކަން އަދި ފަހަގަކުރެވިފައިނުވާ ކަމުގައެވެ.

"އޮމިކްރޯން" ގެ ނަންދެވިފައިވާޖެހިފައިވާ އެ ވޭރިއަންޓް ޖެހިފައިވާ 22 މީހުން މިހާތަނަށް ފެނިފައިވާކަމަށްވެސް ދެކުނު އެފްރިކާގެ އާންމު ސިއްހަތާބެހޭ އިދާރާއިން ބުނެފައިވެއެވެ. މީގެކުރިން މިފަދަ ބާރުގަދަ ވޭރިއަންޓެއް ފެނިފައިވަނީ އިންޑިއާއިންނެވެ. އެއީ "ޑެލްޓާ" ގެ ނަމުން ނަނދީފައިވާ ވޭރިއަންޓެވެ. އެވޭރިއަންޓާއެކު އިންޑިއާ ހިމެނޭގޮތަށް އެތަށް ގައުމެއްގެ ސިއްހަތާބެހޭ ނިޒާމު ކުޑަދުވަސްކޮޅެއްގެ ތެރޭގައި އިނދަޖައްސާލިއެވެ.

ދެކުނު އެފްރިކާއިން ފެނުނު ކޮވިޑްގެ މި އައު ވޭރިއަންޓް ފެތުރިދާނެކަމުގެ ބިރަށް އިނގިރޭސިވިލާތް، އެމެރިކާ، ކެނެޑާ، ރަޝިޔާ، ސައޫދީ އަދި ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކުންވަނީ ދެކުނު އެފްރިކާއާއި ދެކުނު އެފްރިކާއާ އަވަށްޓެރި އެފްރިކާގެ 7 ގައުމެއްގެ މީހުންނާއި އެގައުމުތަކަށް ދަތުރުކޮށްފައިވާ މީހުން އެތެރެވުން މަނާކޮށްފައެވެ.

މި އައު ވޭރިއެންޓް ކުރިޔަށް އޮތް މަސްތަކުގައި ދުނިޔޭގައި ފެތުރި ގިނަ ގައުމުތަކެއް ފުރަބަންދުކުރަން ޖެހިދާނެކަމުގެ ބިރު އޮތުމުން ދުނިޔޭގެ އިގްތިސާދަށްވަނީ ވަނީ އިއްޔެއިން ފެށިގެން ލޮޅުން އަރަންފަށާފައެވެ. އިގްތިސާދީ ހަރަކާތްތަކާ އަދި ދަތުރުފަތުރުގެ ހަރަކާތްތައް ހުއްޓިދާނެކަމުގެ ބިރަށް ތެލުގެ އަގުވެސް ވަނީ އިއްޔެއިން ފެށިގެންވަނީ ދަށަށްދާން ފަށާފައެވެ. އިއްޔެ އާ ހަމައަށް ތެލުގެ އަގުއޮތީ ވަރަށް މަތީގައެވެ.