27 Nov 2021, 11:08
ކޮވިޑް-19ގެ އާ ވޭރިއަންޓް، "އޮމިކްރޯން" ފެތުރެން ފެށުމާ ގުޅިގެން، ރާއްޖޭގައި އަޅާނެ ފިޔަވަޅުތަކާ ގުޅޭ މަޝްވަރާ ކުރަމުން އަންނަ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އާ ވެރިއަންޓާ ގުޅިގެން ރާއްޖެއިން މިހާތަނަށް ފިޔަވަޅެއް އަޅައިފައިނުވާއިރު، އެޗްއީއޯސީގެ މީޑިއާ އޮފިޝަލް އަދި ހެލްތް މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ކޮމިޝަނަރު ތަސްލީމާ އުސްމާން (ތަހޭ) "ސަން"އަށް ވިދާޅުވީ ފިޔަވަޅުތައް ހަރުކަށި ކުރުމާ ގުޅޭ މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.
އެހެންނަމަވެސް މިހާތަނަށް އެއްވެސް ގޮތެއް ނިންމައިފައިނުވާ ކަމަށް ވިދާޅުވިއެވެ.
އެންމެ ފަހުގެ ވޭރިއަންޓާ ގުޅިގެން ގިނަ ގައުމުތަކުން އަންނަނީ ބޯޑަރު ބަންދުކޮށް، އަޅައިފައިވާ ފިޔަވަޅުތައް ހަރުކަށި ކުރަމުންނެވެ. އެގޮތުން އިނގިރޭސި ވިލާތާއި ސިންގަޕޫރު އަދި ޖަޕާނުން މިހާރު ވަނީ ސައުތު އެފްރިކާފަދަ ގައުމުތަކުން ވަނީ ގިނަ ގައުމުތަކުގެ ފްލައިޓުތައް މަނާކޮށް، ފިޔަވަޅުތައް ހަރުކަށި ކޮށްފައެވެ.
އޮމިކްރޯންގެ ނަމުން ނަން ދީފައިވާ ވޭރިއަންޓު ފެނިފައިވަނީ ސައުތު އެފްރިކާއިންނެވެ. ނޮވެންބަރު މަހުގެ 24 ވަނަ ދުވަހު ރިޕޯޓުކުރެވުނު ވޭރިއަންޓު މިހާރު ހޮންކޮންގާއި ބެލްޖިއަމް ފަދަ ގައުމުތަކުން ވެސް ވޭރިއަންޓު ވަނީ މިހާރު ފެނިފައެވެ.
މި ވޭރިއަންޓަކީ އެފްރިކާ ގައުމުތަކުގައި ވެކްސިން ޖެހި މީހުންގެ އާބާދީ މަދުވުމުގެ ސަބަބުން ފެތުރެން ފެށި ވޭރިއަންޓެއް ކަމަށް ސައިންސްވެރިން ގަބޫލުކުރެއެވެ. އަދި މިއީ މިހާތަނަށް ފެތުރޭ އެންމެ ނުރައްކާތެރި ވޭރިއަންޓަށް ވުމުގެ ބިރު އޮތް ކަމަށް ވެސް ސައިންސްވެރިންނާ ހަވާލާދީ ރިޕޯޓުތައް ބުނެފައިވެއެވެ.
ޑަބްލިޔުއެޗްއޯއިންނާއި ސައިންސްވެރިން އަންނަނީ އިތުރަށް ވޭރިއަންޓާ ގުޅުންހުރި ކަންކަން ހޯދުމަށް ދިރާސާކުރަމުންނެވެ.
ރާއްޖޭގައި މިހާތަނަށް ހަ ވައްތަރެއްގެ ވޭރިއަންޓެއް ފެތުރިފައިވާއިރު، އެންމެ ގިނައިން ފެތުރިފައިވަނީ އިންޑިއާއިން ފެނުނު ކޮވިޑް19 ގެ ޑެލްޓާ ވޭރިއަންޓާއި އިނގެރޭސިވިލާތުން ފެނުނު އަލްފާ ވޭރިއަންޓެވެ.
ޖޫން މަހު ރާއްޖޭގައި ހެދި ސީކުއެންސްތަކުން ދައްކާ ގޮތުގައި ނެގި ސާމްޕަލްތަކުގެ 27 ޕަސެންޓަކީ ޑެލްޓާ ވޭރިއަންޓް ކަމަށެވެ. އަދި 20 ޕަސެންޓަކީ އަލްފާ ވޭރިއަންޓް ކަމަށާއި 13 ޕަސެންޓަކީ ޖީ ވޭރިއަންޓެވެ. އެ ސާމްޕަލްތައް ދައްކާގޮތުން ރާއްޖޭގައި ޑެލްޓާ، އަލްފާ، ޖީ، ޖީއާރް، އަދި ޕެރޫއާއި ޗިލޭއިން ފެނުނު ސަބްލީނިއޭޖް ވޭރިއެންޓެއް ވެސް އުޅެއެވެ.