އަވަސް އިންތިޚާބަކަށް ގޮވާލައި ރޭ ދަންވަރު އެމްޑީޕީން ވަނީ ކުއްލި ގޮތަކަށް މާލޭގައި މުޒާހަރާއެއް ކޮށްފައެވެ. އެ މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކުގައި ބައެއް ފުލުހުން އަނިޔާވިއިރު ބަޔަކު ވަނީ ފުލުހުންގެ ވެހިކަލަކަށް ގެއްލުންދީފަ އެވެ. އަދި ރޭ މުޒާހަރާގެ ތެރެއިން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ.

ދިގު ދެމިގެންދާ ގޮތަށް ލޮނުޒިޔާރަތްކޮޅުގައި އެމްޑީޕީން ގާއިމުކޮށްފައިވާ އެއްވުމުގެ ތެރެއިން ނުކުމެގެން ޖުމްހޫރީ މައިދާނަށް އެއްވާން ކަމަށް ބުނެ ބަޔަކު ރޭ މަގުމައްޗަށް ނުކުތީ ދަންވަރު 12:00 ވެސް ޖެހިފަހުން އަވަސް އިންތިހާބެއް ބާއްވަން ގޮވާލާ އަޑު ހަރު ކުރަމުންނެވެ.

އެމްޑީޕީގެ ސަޕޯޓަރުން ރޭ ފުރަތަމަ މަގުތަކަށް ނުކުމެ ހިނގާފައި ވަނީ ޖެހީ ޖުމްހޫރީ މައިދާނާ ދިމާއަށެވެ. އެހެން ނަމަވެސް، އެ ސަރަހައްދު ފުލުހުންނާއި ސިފައިން ބަންދުކޮށްލާފައި އޮތުމުން، ދިޔައީ ވެލާނާގެ ހިމެނޭ ސަރަހައްދަށާއި ބޭންކް އޮފް މޯލްޑިވެސްގެ މައި ބްރާންޗް ހިމެނޭ ސަރަހައްދަށެވެ. އެ ސަރަހައްދުން ފަހާލުމުން އެ މީހުން ވަނީ ރައީސް މުހަންމަދު ވަހީދު ދިރިއުޅުއްވާ ގެކޮޅު، ހިލާލީގެ ކައިރި އަށް ވެސް އެއްވާން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެ ސަރަހައްދު ބްލޮކް ކޮށްފައި އޮތުމުން ދެން އެއްވެފައި ވަނީ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވާ ގެކޮޅު. މ. ސީނު ކަރަންކާގެ ހިމެނޭ ސަރަހައްދަށެވެ. އެ ސަރައްދުގައި އަޑު އުފުލި އިރު ފުލުހުނާއި ސިފައިންނާ ދިމާއަށް ގާއުކާފައި ވެއެވެ. އަދި ފުލުހުން ވެސް އެއްވި މީހުން ފަހާ ދުވެ ހެދުމުގެ އިތުރު ޕެޕާ ސުޕްރޭ ވެސް ޖަހާފައި ވެއެވެ.

ރޭވެސް ބޭންކް ސަރަހައްދުގައި ޕްރެޝަރުގައި ލޮނު ޖެހުމަށް ތައްޔާރުކޮށްފައި އޮތެވެ. ނަމަވެސް އެފަދަ ބާރެއްގެ ބޭނުން ކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ ރޭ ގެ މުޒާހަރާގައި ހަމަނުޖެހުން ހިނގައި، ފުލުހުންނާއި ދިމާލަށް ގާއުކުމުގެ ސަބަބުން ބައެއް ފުލުހުންނަށް އަނިޔާވެފައިވާ ކަމަށެވެ. ސަން އޮންލައިންގެ ނޫސްވެރިން އެ ސަރަހައްދުގައި ހަރަކާތްތެރިވި އިރު ވެސް އެކި ފަހަރުމަތިން ވަނީ ގާ އުކި އެވެ. އަދި ބައެއް މީހުން މުޒާހަރާއަށް ވުރެ ބޮޑަށް ފުލުހުންގެ ވެހިކަލްތައް ފަހާ ދުވުނު މަންޒަރު ވެސް ފެނުނެވެ. އެގޮތުން ފުލުހުންގެ ވެހިކަލަކަށް އަމާޒުކޮށް ގާއުކައި އެ ވެހިކަލްގެ ބިއްލޫރިތަކާއި ހެޑްލައިޓްތައް އެކަށް ތަޅައިލި އެވެ.
އެ ހަމަނުޖެހުންތަކުގެ ތެރޭގައި ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްގެން ގެންދިއުމަށް ފަހު އިތުރަށް މާލެ ތެރޭގައި ހަމަނުޖެހުން ހިންގާނަމަ އެ ފަރާތްތަކާމެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާޒު ދީފަ އެވެ. އޭގެ އިރިކޮޅެއް ފަހުން މުޒާހަރާއަށް އެއްވި މީހުން ފަހައިގެނެ ފުލުހުން ވަނީ މުޒާހަރާ ރުޅާލާފަ އެވެ. ފުލުހުން ފަހައިގަތުމުން ވިއްސިވިހާލިވި މީހުންތައް ދުވަނީ އަނެއްކާވެސް ލޮނުޒިޔާރާތްކޮޅަށެވެ.