ރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝްގެ ފޮރިން ސެކެޓްރީ ރާއްޖެ ވަޑައިގެންފިއެވެ.

ބަންގްލަދޭޝްގެ ފޮރިން ސެކެޓްރީ މަސޫދު ބިން މޫމިން ރާއްޖެ ވަޑައިގަތީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. މި ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން ސެކެޓްރީ އަބްދުލް ގަފޫރު މުހައްމަދުގެ ރަސްމީ ދައުވަތަކަށް މޫމިން ކުރެއްވި ދަތުރުފުޅެކެވެ.

މި އަހަރުގެ މާޗްމަހު ވަނީ ދެ ގައުމުގެ މެދުގައި ޚާރިޖީ ގޮތުން އިތުރަށް ގުޅުން ބަދަހިކުރުމުގެ ގޮތުން އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ. އެއާއެކު މިއީ ދެ ގައުމުގެ ފޮރިން މިނިސްޓްރީގެ މެދުގައި ބޭއްވޭ އެންމެ ފުރަތަމަ ޚާރިޖީ ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައް ބޭއްވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.

މި ބައްދަލުވުންތަކުގެ ތެރެއިން ދެ ގައުމުގެ ގުޅުން މިހާރު އޮތް ހާލަތު އިތުރަށް ރިވިއުކުރާނެއެވެ. އަދި އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ.

ދެ ދުވަހަށް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން ފޮރިން ސެކެޓްރީ މޫމިން، ނައިބު ރައީސް ފައިސަލް ނަސީމާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލުގެ އިތުރުން ފޮރިން މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލާ ވެސް ބައްދަލުކުރައްވާނެއެވެ.

ފޮރިން ސެކެޓްރީގެ މި ދަތުރުފުޅުގައި އެ ގައުމުގެ ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެއެވެ.