މި އަހަރުގެ އޭއެފްސީ ކަޕުގައި ވާދަކުރުމަށް "ވީބީ އައްޑޫ އެފްސީ" އިއްޔެ ހަވީރު ލުބުނާނަށް ދިއުމަށް ފުރައިފި އެވެ.

އޭއެފްސީ ކަޕުގެ ގުރޫޕް ސްޓޭޖުގެ މެޗުތައް މާދަމާ ފެށުމަށް ހަމަޖެހިފައިވާ އިރު، މިފަހަރުގެ މުބާރާތުގައި ވީބީ ހިމެނެނީ ގްރޫޕް ސީގަ އެވެ.

މުބާރާތުގައި ވީބީ ކުޅެން ޖެހޭ ފުރަތަމަ މެޗުގައި އަންނަ ބުދަ ދުވަހު ރަށުން ބޭރުގައި ނުކުންނާނީ ލުބުނާނުގެ އަލް އަހްދާ ދެކޮޅަށެވެ. އަދި ދެ ވަނަ މެޗުގައި މާޗު މަހުގެ 21 ވަނަ ދުވަހު ވީބީ ނުކުންނާނީ ކުވައިތުގެ ޓީމަކާ ދެކޮޅަށެވެ. އެ މެޗް ކުޅޭނީ މާލޭގަ އެވެ.

ވީބީގެ އިތުރުން މި އަހަރުގެ އޭއެފްސީ ކަޕުގައި ރާއްޖޭގެ ވިކްޓަރީ ސްޕޯޓްސް ވެސް ބައިވެރިވި އިރު، އެ ޓީމް ވަނީ މުބާރާތުގައި ކުޅުނު ޕްލޭއޮފް މެޗުން ބަލިވެ، ކަޓައިފަ އެވެ. އެ މެޗުން ވިކްޓަރީ ބަލިވީ އަމިއްލަ ދަނޑުގައި ޔަމަނުގެ އަލް ތިލާލާ ދެކޮޅަށްކުޅެ 4-3 ލަނޑުން ބަލިވެގެންނެވެ. އިއްޔެ ލުބުނާނަށް ދިޔަ ވީބީގެ ޓީމުގެ 18 ކުޅުންތެރިންނާއެކު ހަތް އޮފިޝަލުން ހިމެނެ އެވެ.