26 Nov 2021, 08:46
ޗައިނާގެ ފޮޓޯގްރާފަރަކު ފްރާންސްގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ޑިއޯގެ ބޭނުމަކަށް ނެގި ފޮޓޯއަކަށް ފާޑުކިޔުން އަމާޒުވުމުން، އޭނާ އެ ފޮޓޯ ނަގައިފައިވާ ގޮތަށް މައާފަށް އެދިއްޖެއެވެ.
މިމަހުގެ 12 ވަނަ ދުވަހު ޗައިނާގެ ޝެންހާއީގެ އެގްޒިބިޝަނެއްގައި ޑިއޯއިން އެ ފޮޓޯ ދައްކާލުމާއެކު އެގައުމުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ވެއިބޯގައި އެ ފޮޓޯއާ ބެހޭ ގޮތުން ބޮޑު ދެބަސްވުމެއް ވަނީ އުފެދިފައެވެ.
ޗައިނާގައި ހަންގަނޑުގެ ދޮންކަމާއި ބޮޑު ދެލޮލަކީ ރީތިކަމުގެ ސިފަތައް ކަމަށް ދެކުމަކީ އާއްމުކަމެކެވެ. އަދި އެގައުމުގެ ގިނަ އިޝްތިހާރުތަކުގައި ބޭނުންކުރާ މޮޑަލުންނަކީވެސް އެ ސިފަތައް ލިބިފައިވާ ބަޔަކަށް ވުމަކީ އިސްކަމެއްދޭ ޝަރުތެކެވެ.
އެ ފޮޓޯއާ ބެހޭ ގޮތުން ޗައިނާގެ ގިނަ އަދަދެއްގެ އަންހެނުން ވަނީ އެއީ ހުޅަނގުގެ މީހުން އެމީހުންގެ ސިފައަށް ކޮށްފައިވާ މަލާމާތެއް ކަމަށް ބުނެފައެވެ. އަދި އެއީ ޗައިނާގެ ރައްޔިތުންނަށް ޖެހި ޖޯކަކަށް ހަދައި އެކަން ކުށްވެެރިކޮށް، ޑިއޯ ބޮއިކޮޓްކުރަން ބައެއް މީހުން ވަނީ ގޮވާލައިފައެވެ.
ނަމަވެސް ބައެއް ފަރާތްތަކުން ވަނީ ޗެން މެންގެ މަސައްކަތަށް ތައުރީފުކޮށްފައެވެ. އަދި މޮޑެލްގެ ލޯ ވަކި ގޮތަކަށް ހުރުމުން ރީތި ނޫން ކަމަށް ދެކެންވީ ކީއްވެގެންތޯ އަހައި، ސުވާލު އުފައްދާފައެވެ.
ހަމައެއާއެކު ޗައިނާގެ ބައެއް ފަރާތްތަކުން ބުނި ގޮތުގައި އެ ފޮޓޯއަކީ 2012 ވަނަ އަހަރުގެ ޗެން މެން ނެގި ފޮޓޯ ސީރީސްއެއްގައި ހިމެނޭ ފޮޓޯތަކާ އެއްގޮތް ފޮޓޯއެކެވެ.
ނަމަވެސް ޗެން މެން ވަނީ އެ ފޮޓޯ ނަގާފައިވާ ގޮތަށް މައާފަށް އެދިފައެވެ.
ޗެން މެން ވެއިބޯގައި ބުނެފައިވަނީ އޭނާ އަކީވެސް ޗައިނާ މީހެއްކަމަށާއި އޭނާގެ އުފަން ގައުމުގެ އާދަކާދައަށް އިހުތިރާމް ކުރާކަމަށާއި ގައުމުގެ ރީތިކަމާއި މިހުންގެ ރީތިކަން އާޓުގެ މަސައްކަތުން އެހެން މީހުންނަށް އޭނާ ދައްކަން ބޭނުންވާކަމަށެވެ. އަދި އޭނާގެ ފޮޓޯތަކާ ބެހޭ ގޮތުން މީހުން ކިޔާފައިވާ ފާޑު ކިޔުންތައް އަޑު އަހައި، އެ ފާޑު ކިޔުންތަކާ ބެހޭ ގޮތުން ވިސްނުމަށް ފަހު މައާފަށް އެދެން ނިންމީ ކަމަށް އޭނާ ބުންޏެވެ.
އެ ފޮޓޯއާ ބެހޭގޮތުން ޑިއޯއިން ބުނެފައިވަނީ އެ ފޮޓޯ ފަހުން އެގްޒިބިޝަނުން ނަގާފައިވާ ކަމަށެވެ. އަދި ޑިއޯއަކީ ޗައިނާގެ ރައްޔިތުންގެ އިހުސާސުތަކަށް އިހުތިރާމްކުރާ ކުންފުންޏެއް ކަމަށާއި ކުށެއް ކުރެވިއްޖެނަމަ އެކަން އަވަހަށް ރަނގަޅުކުރުމަށް ބާރުއަޅާ ކުންފުންޏެއް ކަމަށް ބުނެފައެވެ.
ޗައިނާގެ ފެޝަންގެ ދުނިޔޭގައި މަގުބޫލު ފޮޓޯގްރާފަރެއް ކަމަށްވާ ޗެން މެން ވަނީ ތަަފާތު މެގަޒިންތަކަށް، މަޝްހޫރު އެތައް ބަޔެއްގެ ފޮޓޯތައް ނަގާފައެވެ. އޭގެ ތެރޭގައި އިނގިރޭސި ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމް ހިމެނެއެވެ.