26 Nov 2021, 08:54
މަހުގެ ބާވަވްތައް ގިނައިން ކެއުމަކީ ރަނގަޅުކަމެއް ނޫން ކަމެއް ކަމުގައި ގިނަ ފަރާތްތަކަށް އަޑުއިވިފައި އޮވެދާނެއެވެ. އެއީ ބޯދާ ވާހަކަތަކެއް ކަމަށް ބަޔަކު ގަބޫލުކުރި ނަމަވެސް އެއީ އޭގެ ފަހަތުގައިވާ ހަގީގީ ސަބަބުތަކަކަށްޓަކައި ދެކެވޭ ވާހަކަތަކެކެވެ. އޭގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ވާހަކަ ބޭއްވުމަށްފަހު ފައިދާތަކަށް ބަލައިލަމާހެއްޔެވެ؟
މަހުގެ ބާވަތްތައް ކެއުން މަދުކުރުމުން ނުވަތަ ކެއުން ހުއްޓާލުމުން ތަފާތު ބަލިތަކުން ސަލާމަތްވުމުގެ އިތުރުން ސިއްހީ ދުޅަހެޔޮކަން އިތުރުކޮށްދެއެވެ. ނަމަވެސް މިކަންކަން ބިނާވެގެންވާނީ މަހުގެ ބާވަތްތައް އެމީހަކު ބޭނުންކުރަމުންދާ މިންވަރަށެވެ.
އާންމު ދިރިއުޅުމުގައި ބޭނުންކުރެވޭ ގިނަ ކާނާތަކުގައި މަހުގެ ގިނަ ބާވަތްތައް އެކުލެވިގެންވެއެވެ. އަދި ބައެއް ކާނާތަކުގައި މަސް އެކުލެވިގެންވަނީ މަދު މިންވަރަކަށެވެ. އެފަދަ ކާނާތަކުން ހަށިގަނޑަށް ބޮޑެތި ފައިދާތައް ލިބެއެވެ.
ވެޖިޓޭރިއަނުން ނުވަތަ މަހުގެ ބާވަތްތައް ނުކައި، ހަމައެކަނި ތަރުކާރީއާއި މޭވާ ކައި މީހުން ހިތުގެ ބަލިތަކުންނާއި ކެންސަރު ބަލިން ރައްކާތެރިކޮށްދޭ މިންވަރު ބޮޑު ކަމަށް ދިރާސާތަކުން ދައްކައެވެ.
ތަފާތު ދިރާސާތަކުގެ އަލީގައި ގިނަ ޑައިޓިޝަނުން ލަފާދޭގޮތުގައި އަވަހަށް ބަރުދަން ލުއިކުރަން ބޭނުންނަމަ މަހުގެ ބާވަތްތައް ކެއުން މަދުކޮށް، މޭވާއާއި ތަރުކާރީ ނުވަތަ ފަތްޕިލާވެލީގެ ޑައިޓެއް ކުރިއަށް ގެންދިޔުން ރަނގަޅެވެ. އަދި އެފަދަ ޑައިޓްތަކުން ލޭގެ ހަކުރު ރަނގަޅު މިނެއްގައި ބެހެއްޓުމަށް އެހީތެރިވެދެއެވެ.
ދެހާސް ސަތާރަ ވަނަ އަހަރު ކޮށްފައިވާ ދިރާސާއެއްގައި ބުނާގޮތުން ތަރުކާރީއާއި ފަތްޕިލާވެލީގެ ޑައިޓް ކުރިއަށް ގެންދިޔަ ފަރާތްތަކުގެ ބަރުދަން، 18 ހަފުތާ ތެރޭގައި މަހުގެ ބާވަތްތައް ހިމަނައިގެން ޑައިޓް ކުރި މީހުންނަށްވުރެ ލުއިވެފައި، ނަތީޖާ ރަނގަޅެވެ.
މަހުގެ ބާވަތްތައް ކެއުން މަދުކޮށް، ކެއުމުގައި މޭވާއާއި ތަރުކާރީއާއި ފަތް ހިމެނުމުން ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދިނުމަށް އެހީތެރިވެދެއެވެ.
ގިނަ ޑޮކްޓަރުން ވިދާޅުވާގޮތުގައި މަހުގެ ބާވަތްތަކަކީ ގިނަ އަދަދަކަށް ފެޓްސް ނުވަތަ ސަރުބީ ހިމެނޭ ބާވަތްތަކެވެ. ހަށިގަނޑުގައި ސަރުބީ އިތުރުވާނަމަ ހިތުގެ ދުޅަހެޔޮކަމަށް ބުރޫއަރައި، ހިތުގެ ބަލިތަކަށް ދައުވަތުދެވެއެވެ. އެހެންކަމުން ރަނގަޅު ގޮތަކީ މަސްކެއުން ހުއްޓައިލުން ނުވަތަ މަހުގެ ބާވަތްތައް ކެއުން މަދުކުރުމެވެ.
މަހުގެ ބާވަތްތަކުން ދުރުހެލިވެ މޭވާއާއި ތަރުކާރީ ކެއުން ގިނަކުރާނަމަ ހަށިގަނޑަށް ގިނަގުނަ ފައިބާ އަދި މިނެރަލް ލިއްބައިދޭނެއެވެ. ފައިބާގެ ސަބަބުން ހަށިގަނޑުގައިވާ ފައިދާހުރި ބެކްޓީރިއާއަށް ދިރުންދޭނެއެވެ.
ރަތްކަން ގަދަ މަހުގެ ބާވަތްތައް ހޮޓް ޑޯގް، ބޭކަން ފަދަ ދިލަޖައްސާފައި ހުންނަ މަހުގެ ބާވަތްތައް ބޭނުންކުރާ މިންވަރު އިތުރުވާނަމަވެސް ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. ހާއްސަކޮށް އުރަމަތީގެ ކެންސަރާއި ލޭގެ ކެންސަރު ޖެހުމަށް މަގުފަހިވެއެވެ.
ދުވަހުގެ ކެއުމުގައި މަހުގެ ބާވަތްތައް ކެއުން މަދުކުރުމަށް ގިނަގިނައިން މޭވާއާއި ތަރުކާރީ ކެއުމަށް އާދަކޮށް، ގިނައިން ޕްރޮޓީން އެކުލެވޭ ކާނާ ބޭނުންކުރުމަކީ ކުރެވިދާނެ ކަމެކެވެ. ތަފާތު ވައްތަރުގެ ބަދަނާއި މޭވާ ތަރުކާރީގެ އޮށުގައި ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވެއެވެ.
މަސްދަރު: ހެލްތްލައިން.ކޮމް