25 Nov 2021, 15:00
އަވަށްޓެރި ސްރީލަންކާގެ ފައިސާގެ އަގު ވަރަށް ބޮޑަށް ވެއްޓި އެ ގައުމުގެ އިންފްލޭޝަން ރޭޓް މަތިވެއްޖެއެވެ.
ލަންކާގައި ޑޮލަރުގެ އަގުތަކަށް ބަލާއިރު މިވަގުތު އެ ގައުމުގަ އެއް ޑޮލަރުގެ އަގު އުޅެނީ 202.83 ރުޕީސްގައެވެ.
އެ ގައުމުގެ އިގްތިސާދީ ހާލަތު ދިރާސާކުރާ ފަރާތްތަކުން ރިޕޯޓު ކުރާ ގޮތުގައި އެ ގައުމުގެ ފައިސާގެ އަގު ދަށްވެފައިވަނީ އަންނަ އަހަރުގެ ބަޖެޓަށް ބޭނުންވާ ފައިސާގެ އަދަދު ފޫބެއްދުމުގެ ގޮތުން ގިނަ އަދަދަކަށް ފައިސާ ޗާޕުކުރުމުގެ ސަބަބުންނެވެ.
އެ ގައުމުގެ އިންފްލޭޝަން ރޭޓް މި ވަގުތު ހުރީ 7.6 ޕަސެންޓުގައެވެ. އެއާއެކު އެ ގައުމުގައި ކާބޯތަކެތިން ފެށިގެން ގިނަ ހިދުމަތްތަކެއްގެ އަގުވަނީ އިންތިހާއަށް އުފުލިފައެވެ. ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި ބޭނުންކުރާ ކިރާއި މަހުގެ ބާވަތްތަކުގެ އިތުުރުން ހަކުރު ފުށް އަދި ހަނޑޫގެ އަގު ވަނީ ދެ ގުނައަށް ބޮޑުވެފައެވެ.
އެގޮތުން އެއް ކިލޯގެ މަސް މިހާރު ވިއްކަނީ 800 ރުޕީސްއާއި 1200 ރުޕީސްއާ ދެމެދުގެ އަގެއްގައެވެ. ކުކުޅުގެ އަގުވަނީ 400 ރުޕީސްއިން 800 ރުޕީސްއަށް ބޮޑުވެފައެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭ ވެސް ލަންކާގައިވަނީ އިންފްލޭޝަން ރޭޓް މަތިވެ ކާބޯތަކެތީގެ އަގުތައް އުފުލިފައެވެ. އަދި އެ ގައުމުގެ ސަރުކާރުން ވަނީ ހަނޑޫ ހަކުރު ފުށް ފަދަ ޒަރޫރީ ކާބޯތަކެތި ކޮންމެ މީހަކަށް ވިއްކޭނެ ވަކި މިންވަރެއް ކަނޑައަޅައި ވަކި އަގުތަކެއްގައި ވިއްކުމަށް ވެސް އަންގާފައެެވެ. އެއާއެކު ކާބޯތަކެތީގެ ދަތިކަން ތަހައްމަލުކުރަން ޖެހި ކާބޯތެކެތި ވިއްކުމުގެ ކަޅު ބާޒާރެއް ވެސް އުފެދިފައިވެއެވެ.
ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ވެސް ދިރިއުޅެމުން އަންނަ ގައުމެކެވެ. ތައުލީމު ހާސިލްކުރުމަށާއި ސިއްހީ ކަންކަމުގައި ގިނަ އަދަދެއްގެ ދިވެހިން އެ ގައުމަށް ދަތުރުކުރެއެވެ.