05 Mar 2012, 09:36
ރާއްޖޭގެ ސިޔާސީ ހަލަބޮލިކަމުގައި މިހާރުގެ އިދިކޮޅު ޕާޓީ އާއި އިދިކޮޅު ލީޑަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އުފައްދާ ރާޅުތައް ބޮޑުވަމުން ބިޔަވަމުން ދާއިރު ރައީސް ވަހީދުގެ ސަރުކާރަކީ ބަޣާވާތަކުން އުފެދިފައިވާ ސަރުކާރެއް ކަމުގައި ބުނެ ސަރުކާރު ހުއްޓުވާލުމަށް ކުރެވެން ހުރިހާ މަސައްކަތެއް އިދިކޮޅު ލީޑަރު ކުރީގެ ރައީސް ވަނީ ފައްޓަވާފަ އެވެ. ނަޝީދުގެ ސަޕޯޓަރުން ބުނާ ގޮތުންނަމަ ރައީސް ނަޝީދުގެ ސިޔާސީ ވިސްނުންފުޅު ބޭނުން ކުރައްވައި ސަރުކާރުގެ މައްޗަށް މޮޅު ކުޅިއެއް ކުޅުއްވަވާ ކުރި ހޯއްދަވާނެ ކަމަށެވެ.
ރައީސް ވަހީދުގެ ސަރުކާރުން ކުރާ ކަންކަން އެމްނެސްޓީ އިންޓާނޭޝަނަލް ފަދަ ޖަމާއަތްތަކުން ވެސް ގާތުން ބަލަމުން ގެންދާ ކަމަށާއި ސަރުކާރު ހުއްޓުވުމަކަށް ގެންނަން ދުވަހެއް ކަނޑައެޅުމަށް އެމްޑީޕީގައި އެދިވަޑައިގެންނަވާނެ ކުރީގެ ނަޝީދު ވަނީ ވިދާޅުވެފަ އެވެ. ނަޝީދު ގޮވާލައްވަމުން ގެންދަވަނީ އެމްޑީޕީގެ ހަރަކާތުގައި އެހެން ގައުމުތައް ވެސް ބައިވެރިވުމަށެވެ. އަދި ވިދާޅުވަމުން ގެންދަވަނީ ރައީސް ވަހީދުގެ ސަރުކާރު ހުއްޓުވާލުމުގެ ހަރަކާތުގައި ބައިވެރިވާން ބޭރުގެ ގައުމުތައް ޝައުގުވެރިވާ ކަމަށެވެ.
ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރާ ފަރާތްތަކާއި އެމްޑީޕީގެ ސަޕޯޓަރުން ބުނަމުންދަނީ ސިޔާސީ ހަރަކާތާއި ހަލަބޮލިކަން އަދި ކިރިޔާ ފެށުނީ ކަމަށެވެ. މިހާތަނަށް މަންޒަރު ދައްކާ ގޮތުން ވެސް ފެންނަނީ ސިޔާސީ ރާޅުތައް ބިޔަކޮށް ވަރުގަދަކުރަން މަސައްކަތް ކުރާ ތަނެވެ.
"ފުލުހުންނާއި ސިފައިން ނުކުމެ މިވެރިކަން ވައްޓާލީ! މިކަންތައްތައް ދެނެއް ހީކުރާހާ އޮމާންކޮށެއް ނުދާނެ،" އެމްޑީޕީއަށް ނިސްބަތްވާ މީހަކު ލޮނު ޒިޔާރާތްކޮޅުގައި ބުންޏެވެ. "މިފަހަރު [ނަޝީދު] މޮޅު ކުޅިއެއް ކުޅުއްވާނެ،"
ނަޝީދުގެ ވެރިކަން ބަދަލުވެގެންދިޔަ ގޮތާމެދު ބޭރު ދުނިޔޭގެ ބައެއް ފަރާތްތަކުން ސުވާލު އުފައްދައި، ކުރަމުން ގެންދާ ތުހުމަތަކަށް ނިމުމެއް ނާންނަނީސް ސިޔާސީ ހަލަބޮލިކަމަށް ބަނޑު ދަމައިލުމެއް އަތުވެދާނެ ކަމަކަށް ނުބެލެވެ އެވެ. އަދި ރައީސް ނަޝީދުގެ ބަސްމަގާއި އެމްޑީޕީގެ ސީދާ ހަރަކާތްތަކުގެ އަމާޒު ހުރި ގޮތުން ކަންކަން އެހާ ސަހަލު ގޮތަކު ދާނެ ކަމަށް ވިސްނާނެ ޖާގައެއް ވެސް ރާއްޖޭގެ ސިޔާސީ މާހައުލުގައި ނެތެވެ.
އެމްޑީޕީގެ ސްޕޯކްސް ޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވި ގޮތުގައި މިސަރުކާރަކީ ބަޣާވާތަކުން ގެނެސްފައިވާ ސަރުކާރެއްކަން އެއީ ގިނަ ބަޔަކު ގަބޫލުކުރާ ހަގީގަތެކެވެ. އެހެން ކަމުން ބަޣާވާތަކުން އައި ސަރުކާރެއް ހުއްޓުވުމަކަށް ކުރެވެން ހުރި ހުރިހާ ކަމެއް އެޕާޓީން ކުރާނެ އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ސަރުކާރު ހުއްޓުވުމަކަށް ގެނައުމަށް އެދިވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި ވިދާޅުވުމުގެ މާނައަކީ ވެސް އެއީ އެވެ. އަދި އެކަން ކުރިއަށް ގެންދާނެ ގޮތެއް ނިންމާނީ ޕާޓީގެ ގައުމީ މަޖިލީހުންނެވެ.
"އަޅުގަނޑުމެން އެދެމުން ދިޔައިން އިންތިހާބެއް ބޭއްވުމުގެ ތާރީހެއް ކަނޑައަޅަން އެކަމަށް ވެސް އިޖާބައެއް ނުދިން. އެހެންވެ ދެން އަޅުގަނޑުމެންގެ ފިކުރު ހުރީ ތާރީހެއް ހޯދާކަށެއް ނޫން. ދެން އަޅުގަނޑުމެންގެ ވިސްނުން ހުރީ މިސަރުކާރު ވެރިކަމުން ދުރުކޮށް، ރައްޔިތުންގެ މަޖިލީސްގެ ރައީސްއާ ވެރިކަން ހަވާލުކުރަން،" އިންތި ވިދާޅުވި އެވެ. "ސުލްހަވެރިކޮށް އަޅުގަނޑުމެން ކަންތައްތައް ކުރާނީ. ބޮޑު އިވިލްއަކުން ސަލާމަތްވުމަށް ކުޑަ އިވިލްއެއް އެއީ [ބޮޑު މުސީބާތަކުން ސަލާމަތް ވުމަށް ކުޑަ މުސީބާތެއް ކަމަށް] ރައްޔިތުން ވެސް ބަލައިގެންނާނެ. އެކަމުން ރައްޔިތުންނަށް މިހާރަށްވުރެ ބޮޑު ގެއްލުންތަކެއް ނުވާނެ،"
ސަރުކާރު "ނިންމާލަން" އެމްޑީޕީން އަޑުހަރު ކުރާއިރު ސަރުކާރުގެ ބަހަކީ ކޮބައިހެއްޔެވެ؟ ސްޕޯކްޕާޝަން، އައްބާސް އާދިލް ރިޒާ ވިދާޅުވި ގޮތުގައި ކުރީގެ ރައީސް ނަޝީދަކީ މސިޔާސީ ގޮތުން އެހާ ބާރުގަދަ ފަރާތެއް ކަމަކަށް މީހުން ގަބޫލެއް ނުކުރެ އެވެ. އަދި ހަގީގަތަކީވެސް އެއީ އެވެ. އައްބާސް ވިދާޅުވި ގޮތުގައި ނަޝީދު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ވެރިކަމުގެ ތިން އަހަރުގެ ތެރޭގައި ކުރައްވާފައިވާ ކުށްތަކުން ބަރީއަވާށެވެ. އެކަންކަން ފަހަތަށް ލައި އެމްޑީޕީން ނުރައްކާތެރި ބިރުވެރި ހާލަތަކަށް ރާއްޖެ ގެންދަން އުޅުނަސް އެއީ ނުވާނެ ކަމެކެވެ. އެޖަގައެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ.
"ރައީސް ނަޝީދަކީ ސިޔާސީ ގޮތުން އެހާ ބާރުގަދަ ފަރާތެއް ކަމަށް ސަރުކާރުން ނުދެކޭ. ހަމައެކަނި ނަޝީދު ކުރައްވަމުން ގެންދަވާ ކަމަކީ ކުށުގެ މާހައުލެއް ގާއިމްކުރުމަށް ހިތްވަރުދެއްވުން. އެކަމަށް ސަރުކާރުން އޮތީ ލޯހުޅުވައިގެން، އަބްދުﷲ ގާޒީ ގާނޫނީ އިމުން ބޭރުން ހައްޔަރުކުރި މައްސަލަ ވެސް އެޗްއާރުސީއެމުން އެގެންދަނީ ބަލަމުން. އެކަންތައްތައް ނިމުމުން އެ މައްސަލާގައި ވެސް ދައުވާ ކުރަންޖެހޭ ފަރާތްތަކާ މެދު ދައުވާކުރަން ފޮނުވާނެ. އެހެންވެ ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން އެގެންދަވަނީ [ކުރެއްވެވި] ކުށްތަކުން ބަރީއަވެވަޑައިގަތުމަށް،" އައްބާސް ވިދާޅުވި އެވެ.
ވެރިކަން ވެއްޓުމަށްފަހު އުފެދިގެން އައި ހަމަނުޖެހުންތަކާ ގުޅިގެންނާއި ބޭރުގެ ދުނިޔެއިން ރާއްޖޭގެ މަޝްރަހަށް އަންނަ މުންދާ ބަދަލުތަކަށް ދޭން ފެށި ސަމާލުކަން ވެގެންދިޔައީ ރައީސް ޑރ. ވަހީދުގެ ސަރުކާރުން ސުލްހައިގެ ވާހަކަތަކަށް އެމްޑީޕީއަށް ފުރުސަތު ހުޅުވާލުމެވެ. ނަމަވެސް ވެރިކަން ވެއްޓުމާ އެކު އެމްޑީޕީން އަވަސް އިންތިހާބެއްގެ ތާރީހެއް ކަނޑައެޅުމުގެ ޝަކުވާއާއެކު މިހާތަނަށް ކަން ކޮށްފައިވާ ގޮތުން ކަމަށް ބުނެ އިއްތިހާދުވެފައިވާ ފަރާތްތަކުން ވަނީ ސުލްހައިގެ ވާހަކަތަކާ ފެއަށް ޖެހި ފައެވެ. އެ އެންމެން ވެސް ބުނަނީ ވާހަކަ ދެކެވޭވަރަށް ވުރެ އެމްޑީޕީ މިންގަނޑު ބޭރުވެފައިވާ ކަމަށެވެ.
"ވާހަކަ ދެކޭވޭ ހާލަތަށް ވުރެ ބޮޑަށް މިންގަނޑުން ބޭރުވެއްޖެ،" ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ހަމަޖެހިފައި އޮތް ދުވަހު ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވިޔަ ނުދިނުމަށްޓަކައި އެމްޑީޕީން އަދި އެޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން ހުރަސް އަޅައި ކުރި މަސައްކަތްތަކުގެ ސަބަބުން ސަރުކާރުން ފަށާފައިވާ ސުލްހައިގެ ވާހަކަތައް ވަނީ ގާތްގަނޑަކަށް ނިމިފަ އެވެ. ސުލްހައިގެ ވާހަކަތަކުގައި އެމްޑީޕީން ބައިވެރިވީ އަވަސް އިންތިހާބެއް ބޭއްވުމަށް ސަރުކާރަށް ބާރު އަޅަން ކަމުގައިވާއިރު އެކަމަށް އެކަށީގެންވާ ކުރިއެރުމެއް ލިބިފައި ނުވަނީސް އެމްޑީޕީން ބޭނުންވާ އަވަސް އިންތިހާބު ގެންނަނަސް ސަރުކާރު ހުއްޓުވަން މަސައްކަތް ފެށުމަކީ ދެން ސުލްހައިގެ ވާހަކަތައް ނިމުނީ ކަމުގެ އަލާމާތެވެ. މީގެ މާނައަކީ ނަޝީދު ވިދާޅުވާ ގޮތަށް ސަރުކާރު ހުއްޓުވާލުމުގެ މަސައްކަތުގެ ތެރެއަށް އެމްޑީޕީ ވަދެ އެކަމަށް މުޅިން ހުސްވީ ކަމަށް ބެލެވިދާނެ އެވެ. އަނެއްކޮޅުން ވެރިކަން ގެއްލުނީއްސުރެ ރައީސް ނަޝީދު ވިދާޅުވަމުން ގެންދަވަނީ "ގާނޫނީ ވެރިކަން ވެއްޓި އއޮތަކަ ނުދޭނަން" ކަމަށެވެ.
ރައީސް ވަހީދުގެ ސަރުކާރާއެކު ގުޅިފައިވާ ސަރުކާރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ގެންދާ ޑީއާރުޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި އެޕާޓީގެ ކައުންސިލް މެންބަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ރައީސް ނަޝީދު އެވިދާޅުވާ ފަދަ ގޮތަކަށް ސަރުކާރު ހުއްޓުވުމަށް ގެނައުމުގެ ފުރުސަތެއް ނެތެވެ.
" ގާނޫނީ ގޮތުން ކުށަކަށްވާ ވަރުގެ ކަމެއް ކަމުގައިވާނަމަ ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ. ރައީސް ނަޝީދު އެވިދާޅުވާ ފަދަ ވާހަކަތައް މީގެކުރިން ވެސް ގެންދެވީ ދައްކަވަމުން. ގާނޫނީ އިމުން ބޭރުން އެއްވެސް ކަމެއް ކުރާނަމަ ފިޔަވަޅު އެޅުމުގެ ގާބިލްކަން ދައުލަތުގެ ކިބައިގައި އެބައޮތް،" މައުސޫމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވި ގޮތުގައި އެމްޑީޕީގެ އެފަދަ ވާހަކަތަކަކީ ހުސް ވާހަކައެވެ. ހަމައެކަނި ކަންބޮޑު ވުމަކީ ހުޅުޖަހާއި ބައެއް ތަންތަނަށާއި މީސްމީހުންގެ މުދަލަށާއި އާއްމުންނަށް ގެއްލުން ދެމުންދިއުމެވެ.
"އެމްޑީޕީން ދައްކާ ވާހަކަތަކަށް މާބޮޑު ކަންބޮޑުވުމެއް ނެތް. މީގެކުރިން ވެސް ނަޝީދުގެ އާއިލާގެ އެކިއެކި ބޭފުޅުން ވަނީ ރާއްޖޭގެ އެކިއެކި ސަރުކާރުތައް ނިމުމަކަށް ގެނައުމުގެ މަސައްކަތްތަކެއްކޮށްފަ،" މަހުލޫފް ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ މައްޗަށް ކުރެވުނު ތުހުމަތުތަކުގެ ތެރޭގައި ސަރުކާރު ބަދަލުވުމަށްފަހު ރައީސް ނަޝީދު އެއް ކަމެއް މިހާރު ވެސް ކާމިޔާބު ކުރައްވައިފި އެވެ. އެއީ ކޮންމެ ކަހަލަ ސިޔާސީ ކުޅިއެއް ކުޅުއްވެވި ނަމަވެސް ކޮންމެ ފަދަ ސިޔާސީ ޗިޕެއް ޖެއްސެވި ނަމަވެސް ވެހެވެ. އެއީ ސަލާމަތީ ބާރުތައް އެމަނިކުފާނާ ކައިރިއަށް ޖެހުމުގެ ފުރުސަތު ވަނީ ހަނިކުރައްވާފަ އެވެ. އެކަމަކު ސަރުކާރުން ވިސްނަނީ އެމްޑީޕީ އާއި ނަޝީދުގެ ވިސްނުން ނިމޭ ހިސާބުން ވިސްނަން ފަށަން ތައްޔާރުވެގެން ތިބުން ކަމަށް ވުމަކީ ވެސް ދުރުގައި އޮތް ކަމެކެވެ. އެއީ ވެސް ސިޔާސީ ކުޅިއެކެވެ.